ކިރްގިސްތާން ބަލިކޮށް ރާއްޖޭން ރަން މެޑަލްގެ އުންމީދު ބޮޑުކޮށްފި ކިރްގިސްތާން ބަލިކޮށް ރާއްޖޭން ރަން މެޑަލްގެ އުންމީދު ބޮޑުކޮށްފި

ރާއްޖޭގައި މިހާރު ކުރިއަށްދާ ވިމެންސް ކާވާ ކަޕްގައި ކުޅުނު ތިން ވަނަ މެޗުގައި ފަހަތުން އަރައި ކިރްގިސްތާން އަތުން 3-1 ސެޓުން މޮޅުވެ، ރާއްޖޭން ރަން މެޑަލް ހޯދުމުގެ އުންމީދު ބޮޑުކޮށްފި އެވެ.
މިއީ، 2019 ވަނަ އަހަރުގެ ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުގެ ފަހުން، ފާއިތުވި ހަ އަހަރުތެރޭ ކިރްގިސްތާން އަތުން ރާއްޖޭގެ އަންހެން ވޮލީ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ. އޭގެ ފަހުން، މި ދެ ޓީމުން ކުޅުނު މެޗުތަކުން ރާއްޖެ ވަނީ ބަލިވެފަ އެވެ. އޭގެ ތެރޭގައި، މިދިޔަ އަހަރުގެ ޗެލެންޖް ކަޕްގައި މާލޭގައި ކުޅުނު ދެ މެޗު ވެސް ހިމެނެ އެވެ.
ހަތަރު ގައުމުގެ މެދުގައި ކުރިއަށްދާ ވިމެންސް ކާވާ ކަޕްގައި ރާއްޖެ އާއި ކިރްގިސްތާނުން ފުރަތަމަ ކުޅުނު ދެ މެޗުން ވެސް ވަނީ ސެޓެއް ވެސް ނުގެއްލި، ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގައި، ކިރްގިސްތާނުން ފުރަތަމަ ސެޓު، 25-15 އިން ގެންގޮސް ލީޑެއް ނެގި ނަމަވެސް، ރާއްޖޭން ވަނީ ދެން ކުޅުނު ތިން ސެޓު، 23-25، 19-25 އަދި 22-25 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ.
ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި މިރޭ ކުޅުނު މެޗުގައި، ރާއްޖެ އަށް ފުރަތަމަ ސެޓުގައި، އެެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެކަމަކު، ދެން ކުޅުނު ތިން ސެޓުގައި ވެސް ރާއްޖޭގެ ޑިފެންސާއި ރިސީވް އަދި ސާވިސްތައް ވެސް ފެނިގެންދިޔައީ ބޮޑުތަން ރަނގަޅުކޮށެވެ. އެ ގޮތުން، ޓީމުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) އާއި ވައިސް ކެޕްޓަން، ފާތިމަތު ޖޫޒާން ޒަރީރުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، މަރިޔަމް އަޒުމާ އާއި ނަރީމާ އިދުރީސް (ނަންނި) ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައި ޓީމަށް މުހިންމު ޕޮއިންޓްތަކެއް ހޯދައިދީފަ އެވެ.
ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ)ގެ އިރުޝާދުގެ ދަށުން ކުޅޭ ގައުމީ އަންހެން ވޮލީ ޓީމުން މެޗަކަށް ފަހު މެޗެއް ކުޅުން ރަނގަޅު ކުރަމުން އަންނައިރު، މުބާރާތުގެ ސެމީ ފައިނަލްގައި ކުޅޭނީ ލީގު ބުރުގެ ތިން މެޗުން ވެސް ބަލިވެ، ފުލަށް ދިޔަ ބަންގްލަދޭޝާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ، ބުދަ ދުވަހު ހަވީރު އެވެ. އަދި، އެރޭ ކުޅޭ ސެމީ ފައިނަލް އަނެއް މެޗުގައި ލީގު ބުރުގެ ދެ ވަނަ ދިޔަ، ކިރްގިސްތާނުން ކުޅޭނީ ތިން ވަނަ ހޯދި އަފްގާނިސްތާންއާ އެވެ. އަފްގާނިސްތާނުން ތިން ވަނަ ހޯދީ 3-1 ސެޓުން ބަންގްލަދޭޝް ބަލިކޮށްގެންނެވެ.
ލީގު ބުރުގެ އެއް ވަނަ ހޯދުމާ އެކު، ރާއްޖެ އަށް ރަން މެޑަލްގެ އުންމީދު ވަނީ ބޮޑުވެފަ އެވެ.
ރާއްޖޭން ވަނީ 2019 ވަނަ އަހަރު ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުގައި، ކިރްގިސްތާން އަތުން ފަހަތުން އަރައި 3-2 އިން މޮޅުވެ، ފައިނަލަށް ދަތުރުކޮށްފަ އެވެ.
އެކަމަކު، އޭގެ ފަހުން، 2021 ވަނަ އަހަރު ކިރްގިސްތާން އަތުން ތިން ސެޓުން ބަލިވިއިރު، މިދިޔަ އަހަރު މާލޭގައި ބޭއްވި ކާވާ ޗެލެންޖް ކަޕްގައި ރާއްޖޭން ލީގު ބުރުގައި 3-0 ސެޓުން، ކިރްގިސްތާން އަތުން ބަލިވެ، ފައިނަލް މެޗުގައި ކިރްގިސްތާން އަތުން ވަނީ 3-2 ސެޓުން ބަލިވެފަ އެވެ. މިދިޔަ އަހަރުގެ ފައިނަލް މެޗުގައި، ކިރްގިސްތާނުން ފުރަތަމަ ސެޓު، 25-17 ގެންދިޔައިރު، ރާއްޖޭން ދެން ކުޅުނު ސެޓު، 24-26 އިން ގެންގޮސް އެއްވަރުކުރި އެވެ. އެކަމަކު، ތިން ވަަނަ ސެޓު، 25-18 އިން ގެންގޮސް އަނެއްކާ ވެސް ކިރްގިސްތާނުން ލީޑުނަގާފައިވަނިކޮށް، ރާއްޖޭން ހަތަރު ވަނަ ސެެޓު، 22-25 އިން ގެންގޮސް، ނަތީޖާ ނެރެން ފަސް ވަނަ ސެޓަށް މެޗު ގެންދިޔަ އެވެ. އެ ސެޓުން ކިރްގިސްތާން މޮޅުވީ 15-09 އިންނެވެ.
މި ފަހަރުގެ ފައިނަލް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭގަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ