ޕީއެންސީގެ ކައުންސިލް ޓިކެޓަށް އެދި 308 ކެންޑިޑޭޓުން، ބޮޑު ޕްރައިމަރީއެއް

މި މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ޕްރައިމަރީ އޮންނާނެ ދާއިރާތަކާއި ކެންޑިޑޭޓުންގެ މައުލޫމާތު މިރޭ އާންމުކޮށްފި އެވެ.
އެ ޕާޓީން ބުނި ގޮތުގައި ޕްރައިމަރީ ބާއްވާ ދާއިރާތަކަށް 308 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށެވެ. 94 ދާއިރާއެއްގައި ޕްރައިމަރީ އޮންނާނެ އެވެ. އެ ޕާޓީން މިރޭ ވަނީ ޕްރައިމަރީ އޮންނާނެ ދާއިރާތަކާއި ކެންޑިޑޭޓުންގެ މައުލޫމާތު އާންމުކޮށްފަ އެވެ.
އަދި ޕްރައިމަރީއާ ގުޅޭ ޝަކުވާއެއް އޮތް ނަމަ ހުށައަޅަން އެދިފައިވެ އެވެ.
ޕީއެންސީން ކައުންސިލް އިންތިހާބަށް ބާއްވަނީ ބޮޑު ޕްރައިމަރީ އެކެވެ. ޕްރައިމަރީގައި 26,000 ވުރެ ގިނަ މެންބަރުންނަށް ވޯޓް ލެވޭނެ އެވެ.
މިރޭ އާންމުކުރި މައުލޫމާތުން މާލެ ސިޓީއާ ފުވައްމުލަކު ސިޓީއާ ތިނަދޫ ސިޓީއާ ކުޅުދުއްފުށި ސިޓީގެ މޭޔަަރު ކަަމަށް ވާދަކުރަން ހުށައެޅީ އެންމެ ކެންޑިޑޭޓެކެވެ. އެހެން ކަމުން އެ މަގާމަށް ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއް ބާއްވަން ނުޖެހެ އެވެ. މޭޔަރު ކަމަށް ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީ އޮންނާނީ އައްޑޫ ސިޓީގަ އެކަންޏެވެ.
އައްޑޫ ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓް ހޯދަން ކުރިމަތިލީ ޑރ. އަހްމަދު އަދީލް ނަސީރާއި މުޝްރިފް އަލީ އެވެ. ޑރ. އަހްމަދު އަދީލް ނަސީރަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކާނަލް މުހައްމަދު ނާޒިމްގެ ރަނިންމޭޓެވެ. މިހާރު ހުންނެވީ މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށެވެ.
ޕީއެންސީން މާލޭގެ މޭޔަރު ކަމަށް ނެރެނީ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ