6،000 މީހުން އަތުން ސްކޭމްތަކަށް 110 މިލިއަން ގެއްލުނު، އެންމެ ސްކޭމަރެއް ވެސް ނުހޯދޭ
ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން އެންޓި ސްކޭމް ސެންޓަރު އުފެދުނު ތާރީޚު ކަމަށްވާ މި އަހަރުގެ މާރިޗު 17އާ ހަމައަށް 6،000 މީހުންގެ އަތުން 110 މިލިއަން ރުފިޔާ ގެއްލުނުއިރު، އެންމެ ސްކޭމަރެއް ވެސް ނުހޯދޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، ރާއްޖޭގައި ސްކޭމްގެ މައްސަލަތައް އިތުރުވާން ފެށީ ކޮވިޑު 19އަށް ފަހުގައި ކަމަށެވެ. އެ ވަބާގައި ގިނަ ދިވެހީން ޖެހުނު ކަމަށާއި ސްކޭމްގެ މައްސަލަތައް 200 ޕަސެންޓަށް އިތުރުވި ކަމަށް ނަވީދު ވިދާޅުވިއެވެ. ދެހާސް އެކާވިހުން މިދިޔަ މާރިޗު 17އާ ހަމައަށް 6،000އަށް ވުރެ ގިނަ މީހުން ސްކޭމްގެ މައްސަލަތަކުގައި ޖެހުނު ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލަތަކުގައި 110 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަވީދު ވިދާޅުވީ، އޭރު އެ މައްސަލަތައް ހުރިހާ އިދާރާއަކަށް ރިޕޯޓުކުރެވުނު ކަމަށެވެ. އެކަމަކު، އެ މައްސަލަތަކުގައި އެއްވެސް ސްކޭމަރަކު ތަހުގީގަށް ހޯދިފައިނުވާ ކަމަށް ނަވީދު ފާހަގަކުރެއްވިއެވެ. އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ އަމަން ލަތީފް އަޅުގަނޑުމެން އެންމެނަށް ވެސް އެނގެން ޖެހޭ މުހިންމު މައުލޫމާތަކީ، ސްކޭމަރުންނެއް މިއިން އެއްވެސް ސްކޭމްގެ ފައިސާ އެ މީހުންނާ ހަމައަށް ދިޔުމުގެ އެއްވެސް މަރުހަލާއެއްގައި ސްކޭމަރުގެ އަސްލު އައިޑެންޓިޓީއެއް އެއްވެސް ތަހުގީގަކުން އަޅުގަނޑުމެންނަކަށް ފާހަގަކުރެވިފައެއް ނުވޭ، އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު އެއީ، ސްކޭމަރުންނަކީ ޓެކްނޮލޮޖީގެ ފަހަތުގައި ޑިސެޕްޓިވް ޓެކްނިކެއް ބޭނުންކޮށްގެން ފައިސާ ހޯދާ ބަޔަކަށް ވާތީ ކަމަށް ނަވީދު ވިދާޅުވިއެވެ. އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، 2021 އިން ފެށިގެން ވެސް ސްކޭމް މައްސަލަތައް މަދުކުރަން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެކަމަކު، އޭރު ސްކޭމަރުން ނުހޯދުނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުން ސްކޭމް ފައިސާ ދައުރުވާ އެކައުންޓުތައް ފްރީޒްކުރުމުގެ ބާރު ފުލުހުންނަށް ލިބިފައި ނެތުމުންކަން ނަވީދު ފާހަގަކުރެއްވިއެވެ. އޭރުގެ ހާލަތަށް އަލިއަޅުއްވާލައްވައި އޭނާ ވިދާޅުވީ، އޭރު ސްކޭމްކޮށްގެން ފައިސާ ދައުރުވާ އެކައުންޓުތައް ފްރީޒްކުރަމުން އައީ، ކޯޓު އަމުރަކާ އެކީގައި ކަމަށެވެ. ނަމަވެސް، ކޯޓު އަމުރެއް ލިބެނީ އެ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ނުވަތަ ގަރީނާ ހޯދައިގެންކަން އޭނާ ފާހަގަކުރެއްވިއެވެ. މީހަކު ފޯނާ ކުޅެނީ: ސިއްހީ އެހީގެ ނަމުގައި ސްކޭމްތައް ހިންގުން އާއްމު -- ސަން ފޮޓޯ ރާއްޖޭގައި ސްކޭމަރުން ކުރިއަރާފައިވާ މިންވަރު ހާމަކުރައްވައި، އޭނާ ވިދާޅުވި ގޮތުގައި ސްކޭމްގެ ޓްރާންސެކްޝަން ހިނގާތާ މަދު މިނެޓު ކޮޅެއް ތެރޭ ބޭންކު އެކައުންޓުން ފައިސާ ނަގައެވެ. "އެހެންވީމަ އަޅުގަނޑުމެން ކޯޓު އަމުރެއް ހިފައިގެން އަންނައިރު އެ ފައިސާ [އެކައުންޓުގައި] ނުހުންނާނެ ކަމީ، އެންމެން ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެއް،" އޭނާ ތަފުސީލުކޮށްދެއްވިއެވެ. ސްކޭމްގެ ފައިސާ ދައުރުވާ ހުރިހާ އެކައުންޓެއް ވަގުތުން ޕްރީޒްކުރުމުގެ ބާރު ފުލުހުންނަށް ލިބުނީ، މިދިޔަ މާރިޗު 17ގައި މަޖިލީހުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުންނެވެ. އެންޓި ސްކޭމް ސެންޓަރު ހުޅުވި ފަހުން މިދިޔަ ދިހަ މަހުގެ ތެރޭގައި 1،663 ސްކޭމްގެ މައްސަލަ އެ ސެންޓަރަށް ހުށަހެޅި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެންމެ ގިނަ މީހުން ހުށަހެޅީ، އީކޮމާސް ނުވަތަ ފޭސްބުކް މާކެޓް ޕްލޭސްގެ ސްކޭމްކޮށްގެނެވެ. އެ ބާވަތުގެ ސްކޭމްގައި ޖެހިގެން 763 މީހަކު ފުލުހުންނަށް ރިޕޯޓުކުރިއިރު، ބޭރު ފައިސާ ގަނެވިއްކުމާ ގުޅޭ 340 ސްކޭމް މައްސަލަ ހުށަހެޅިއެވެ. މަކަރާއި ހީލަތް ހަދައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ވަރަށް އާންމުކޮށް ފުލުހުންނަށް ހުށަހަޅައެވެ. އެފަދަ މައްސަލަތަކުގައި އެކި އުކުޅުތައް ބޭނުންކުރާއިރު، އެ ކަންކަމަށް އާންމުން ސަމާލުވުން މުހިންމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ