ކުރިއަށް އޮތް ދެ އަހަރު ކުދި ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދެނީ
ކުރިއަށް އޮތް ދެ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ނުވަތަ އެސްއެމްއީތަކަށް ހާއްސަ އިނާޔަތްތަކަކާއި ލުއިތަކެއް ދޭން އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އިއްޔެގެ ކެބިނެޓު ބައްދަލުވުމަށް މިކަން ހުށަހެޅުއްވީ ރައީސް މުހައްމަދު މުއިއްޒު ކަމަށެވެ.ރައީސްޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ، ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތަކުގެ ވާހަކަ އަޑުއައްސަވާފައެވެ. މިއާއެކު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކުރިއަށް އޮތް 2 އަހަރަކީ، ކުދި ވިޔަފާރިތަކަށް ޚާއްސަ ލުއިތަކެއް ދިނުމަށް ހަމަޖައްސާފައިވާ ދެ އަހަރު ކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު ވިދާޅުވީ، އޭގެ ތެރޭގައި ވިޔަފާރިވެރިން ޙިއްޞާ ކުރި ގިނަ ކަންތައްތަކުގެ އިތުރަށްވެސް އިތުރު ކަންކަން ހިމެނޭނެ ކަމަށެވެ."މިސާލަކަށް މީރާ، ކަސްޓަމްސް، ޕޯޓް، އެއަރޕޯޓް، އަދިވެސް ވިޔަފާރިއާ ގުޅުންހުރި އެކިއެކި ފަރާތްތަކާ ވާހަކަ ދައްކައިގެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކުގެ އިތުރަށް ސަރުކާރުން އިސްވެ ކުރާ މަސައްކަތްތައްވެސް ހިމެނޭ." ސައީދު ވިދާޅުވި އެވެ.ސައީދު ވިދާޅުވީ، ރައީސްގެ މި ނިންމެވުމަކީ ކުދި ވިޔަފާރިތަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ. މީގެ އިތުރުން ވަޒީރު ވަނީ، އަންނަ އަހަރު ކުދި ވިޔަފާރިތަކަށް ޚާއްސަ ކޮށްގެން 500 މިލިޔަން ރުފިޔާގެ ލޯނު ދިނުމަށް ނިންމަވާފައިވާކަންވެސް ހާމަކުރައްވާފަ އެވެ. މި ވޭތުވެދިޔަ 2 އަހަރުގެ ބައެއް ތަފާސް ހިސާބުތަކަށް އަލިއަޅުވާލައްވާ ވަޒީރު ވިދާޅުވީ، 595 ކުދި ވިޔަފާރިއަކަށް 349 މިލިޔަން ރުފިޔާގެ ކުދި ލޯނު ދޫކޮށްފައިވާ ކަމަށެވެ. 10 ދާއިރާއެއް ހިމެނޭ މި ލޯނު ސްކީމުގެ ތެރޭގައި އަންހެނުންނަށް ހާއްސަ ލޯނާއި މެރިކަލްޗާއާއި، މަސްވެރިކަމުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭކަން ސައީދު ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ