ހުޅުމާލެ ފޭސް 2 ގެ ފަޅުތެރޭ މޫދުގައި އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު ފެނުނު މައްސަލާގައި ކުއްޖާ މަރާލިކަމަށް ތުހުމަތުކުރެވުނު 17 އަހަރުގެ ކުއްޖާގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށް ނިންމާ އަދަބު ކަނޑައަޅައިފި އެވެ.
2021, ޖޫން 22 ވަނަ ދުވަހުގެ ރޭ ދަންވަރު 02:00 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ފަޅުތެރޭ މޫދުގައި އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު ފެނުމަކީ މުޅި ރާއްޖެއަށް ސިހުން ގެނުވި ހާދިސާ އެކެވެ. ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި ބަޔަކު ވަނީ އެ ކުއްޖާ ރަހީނުކޮށްގެން ގެންގުޅެފަ އެވެ. އަދި އެކި އަނިޔާތަކާއި ގުޅިގެން ކުއްޖާ މަރުވުމުން ފޮއްޓަކަށްލާ އެއްލާލީ އެވެ.
މި މައްސަލާގައި ކުއްޖާ މަރާލި ކަމަށް ތުހުމަތު ކުރެވުނު 17 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓަށް ހުށަހެޅި ގަސްދުގައި މީހަކު މެރުމާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާތައް ސާބިތުވާކަމަށް އެކޯޓުން މީގެ ދެ ދުވަސް ކުރީން ވަނީ ހުކުމްކޮށްފަ އެވެ.
އެގޮތުން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 16 އަހަރާ 10 މަހާއި 7 ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ. ނަމަވެސް ހުކުމްކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި 4 އަހަރާއި 6 މަހާއި 2 ދުވަސް އުނިކުރުމުން ތަންފީޒު ކުރަންޖެހޭ މުއްދަތަކީ 12 އަހަރާ 4 މަހާއި 5 ދުވަސް ކަމުގައި ކަނޑައަޅައި ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 2 މަސް ދުވަހު ރޯދަ ހިފުމަށް ވަނީ އަމުރުކޮށްފަ އެވެ.
މީގެ އިތުރުން ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން 11 މަހާއި 9 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް އަމުރުކުރުމަށާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 18 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
އެހެން ކަމުން ތިން ދައުވާއަށް 17 އަހަރަށް ވުރެ ދިގު މުއްދަތުގެ ބަންދު ހުކުމެއް ވަނީ އިއްވާފަ އެވެ. މި ކުށްކުރިއިރު އެއީ ކުޑަކުއްޖެއް ނަމަވެސް މިހާރު އެއީ ބޮޑު މީހެކެވެ.
މި މައްސަލާގައި އިތުރު މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެކޯޓުން ހުކުމެއް ކުރުމުން މަރުގެ ދިޔައާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ޖުވެނައިލް ކޯޓަށް ހުށަހެޅުމަށް ވެސް އެ ކޯޓުން ވަނީ އަންގާފަ އެވެ.
ތޭރަ އަހަރުގެ ކުއްޖަކު މަރާލި މައްސަލަ: 17 އަހަރުގެ ކުއްޖާއަށް 17 އަހަރުގެ ބަންދެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ