އިންޑޮނޭޝިއާގެ އުތުރު މޮލުކާ ކަނޑުގެ ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން، އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ނެރެފިއެވެ.
މި ބިންހެލުމުގެ މަރުކަޒު ހުރީ އިންޑޮނޭޝިއާގެ ޓެރްނާޓޭ ސިޓީއާ ގާތްގަނޑަކަށް 120 ކިލޯމީޓަރު ދުރުގައެވެ. މި ހާދިސާގައި މިހާތަނަށް މަދުވެގެން އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި، ފުރަތަމަ 7.8 ގެ ބާރުމިނުގައި ހުރި ކަމަށް ބެލެވުނު މި ބިންހެލުން އައިސްފައިވަނީ ބިމުގެ 35 ކިލޯމީޓަރު އަޑިއަށެވެ.
ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތަކަށް ގެއްލުން ލިބިފައިވާއިރު، ނޯތު ސުލަވެސީ ޕްރޮވިންސްގެ މަނާޑޯ ސިޓީގައި އިމާރާތެއް ވެއްޓި އޭގެ ދަށުވެގެން އެކަކު ވަނީ މަރުވެފައެވެ. އަދި އިތުރު މީހަކަށް އަނިޔާވެގެން ފަރުވާ ދެމުންދާ ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން މައުލޫމާތު ދެއެވެ.
ބިންހެލުމާ ގުޅިގެން ޕެސިފިކް ސުނާމީ ވާރނިންގ ސެންޓަރުން ފުރަތަމަ ވަނީ އިންޑޮނޭޝިއާ، ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ނެރެފައެވެ.
ބިންހެލުން އައިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބައެއް ސަރަހައްދުތަކަށް 75 ސެންޓިމީޓަރާއި 20 ސެންޓިމީޓަރާ ދެމެދުގެ އުސްމިނުގެ ރާޅު އަރާފައިވާ ކަމަށް އިންޑޮނޭޝިއާގެ ބީއެމްކޭޖީ އޭޖެންސީން ރިޕޯޓްކޮށްފައިވެއެވެ.
ބިންހެލުން އައިތާ ދެ ގަޑިއިރު ފަހުން ސުނާމީގެ ނުރައްކާ މިހާރު ކެނޑިފައިވާ ކަމަށް ބުނެ، ނެރުނު އިންޒާރު މިހާރު ވަނީ އުވާލާފައެވެ.
އިންޑޮނޭޝިއާ އަކީ ދުނިޔޭގެ "ޕެސިފިކް ރިންގް އޮފް ފަޔަރ" ސަރަހައްދުގައި އޮންނަ ގައުމަކަށް ވުމުން، އެ ގައުމަކީ އާންމުކޮށް ބާރުގަދަ ބިންހެލުންތައް އަންނަ ސަރަހައްދެކެވެ.
އިންޑޮނޭޝިއާއަށް 7.4ގެ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ