އިރާގުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް އީރާނުން ހަމަލާދީފި

އިރާގުގެ ވެރިރަށް ބަގުދާދުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް މިސައިލު ހަމަލާއެއްދީ އަލިފާން ރޯކޮށްލައިފި އެވެ.
އިރާގުގެ ސަލާމަތީ އޮފިޝަލަކު އަލްޖަޒީރާއަށް ވިދާޅުވީ އެ ހަމަލާގައި އެ އިމާރާތުގެ ވައިގެ ދިފާއީ ނިޒާމުގެ ބައެއް ހަލާކުވެފައިވާ ކަމަށެވެ.
ސަލާމަތީ ދެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެމްބަސީގެ ތެރޭގައި ހުންނަ ހެލިޕެޑަކަށް މިސައިލެއް ވަނީ އަރައިފަ އެވެ.
އެ މިސައިލު އެރީ އިރާގު ސަރުކާރުގެ އިދާރާތަކާއި ބޭރުގެ އެމްބަސީތައް ހުންނަ ގްރީން ޒޯންގައި ހުންނަ އެމްބަސީގެ އިމުގެ ސަރަހައްދަށެވެ.
އޭގެ ގަޑިއިރުތަކެއް ފަހުން ބަގުދާދުގައި ހުންނަ އެމެރިކާ އެމްބަސީން ވަނީ އިރާގުގައި ތިބި އެމެރިކާ ރައްޔިތުން ވަގުތުން އެ ގައުމުން ފުރުމަށް އިލްތިމާސްކޮށްފަ އެވެ.
"އީރާނާ ގުޅުން އޮންނަ ޓެރަރިސްޓް ހަނގުރާމަވެރި ޖަމާއަތްތަކުން ދީފާނެ ހަމަލާއަކުން ރައްކާތެރިވުމަށް، އިރާގުގައި ތިބުމަށް އިހްތިޔާރު ކުރާ އެމެރިކާގެ ރައްޔިތުން އަލުން ވިސްނުމަށް ބާރުއަޅަން،" އެމްބަސީން ބުންޏެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހަމަލާއަށް ފަހު އެ އިމާރާތުން ދުން އަރަމުން ދިޔަ އެވެ.
އެ ހަމަލާގައި މީހަކަށް އަނިޔާވި ކަމެއް ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ