ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026ގެ އާންމު ވޯޓުލުން ހުޅުވާލައިފި
ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބާއްވާ "ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026" ގެ އާންމު ވޯޓުލުން މިއަދު ރަސްމީކޮށް ހުޅުވައިލައިފިއެވެ. ވޯޓުލުމުގެ ފުރުސަތު މިއަދުން ފެށިގެން އެވޯޑުގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށް ހޮޓެލިއާ މޯލްޑިވްސްއިން ބުނެއެވެ. މިއީ މި އެވޯޑު ދިނުމުގެ މަރުހަލާގެ ތެރެއިން ދެން އޮތް އެންމެ މުހިންމު ފިޔަވަޅެވެ. ވޯޓުލުމުގެ ފުރުސަތު އެއް މަސްދުވަހުގެ މުއްދަތަށް ހުޅުވާލާފައިވާއިރު، މީގެ ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ފަތުރުވެރިން އަދި އާންމުންނަށްވެސް އެކި ދާއިރާތަކުން ވަނަތައް ހޮވުމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެވޯޑަށް ނަން ހުށަހެޅުމުގެ މަރުހަލާ ނިމިފައިވާއިރު، ރާއްޖޭގައި ހިންގާ 179 ރިސޯޓެއްގައި މަސައްކަތް ކުރާ 460 އަށް ވުރެ ގިނަ މީހުން ވަނީ ނަން ހުށަހަޅާފައެވެ. ބެސްޓްބާއި މޯލްޑިވްސް (ބީބީއެމް) އިން ޓައިޓްލް ޕާޓްނަރުގެ ގޮތުގައި ހަރަކާތްތެރިވާ މި އެވޯޑަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުނަރުވެރި މުވައްޒަފުންނާއި ޓީމުތަކުގެ ކާމިޔާބީ ފާހަގަކުރުމަށް 2024 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. “ހޮޓެލިއާ މޯލްޑިވްސް އެވޯޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީގެ ފަހަތުގައި ތިބި މުވައްޒަފުންގެ އަގުވަޒަންކުރުމަށް އުފެއްދި އެވޯޑެއް. 2026 ވަނަ އަހަރުގެ އެޑިޝަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ރެކޯޑު އަދަދަކަށް ނަން ހުށަހަޅާފައިވުމަކީ ލިބޭ ބޮޑު ހިތްވަރެއް،” ވޯޓުލުން ހުޅުވައިލުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހޮޓެލިއާ މޯލްޑިވްސްގެ އެޑިޓަރު އަލީ ނާފިޒް ވިދާޅުވިއެވެ. މި އެވޯޑުގެ ނަތީޖާ ކަނޑައެޅުމުގައި އާންމުންގެ ވޯޓުގެ އިތުރުން، މި ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ މިނިވަން ޖަޖިން ޕެނަލެއްގެ އިވެލުއޭޝަންވެސް ހިމެނޭނެއެވެ. ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026 ގެ ގާލާ އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 26 އޭޕްރީލް 2026 ގައި ކުރުނބާ މޯލްޑިވްސް ގައެވެ. މި އެވޯޑުގެ ޕްލެޓިނަމް ޕާޓްނަރަކީ ދިރާގެއެވެ. އޮގަނައިޒިން ޕާޓްނަރަކީ ސްޓޯމް އިވެންޓްސްއެވެ. އަދި ހޯސްޓް ޕާޓްނަރަކީ ކުރުނބާ މޯލްޑިވްސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ