ދެންވެސް ވޯޓު ހޯދަން އަންނައިރު މިކަންކަމަށް ވިސްނާލާތި!
ކޮންމެ އިންތިހާބަކާއި ދިމާކޮށް ސިޔާސީ ބޭފުޅުން ރަށްރަށަށް ވަޑައިގެން، ފޮނި އުންމީދުތަކާއި އާ ވައުދުތަކެއް ވުމަކީ އާންމު ކަމެކެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި ހޯރަފުށީ ދާއިރާގެ ގޮނޑިއަށް ނުވަތަ ސަރުކާރުގެ މަގާމުތަކަށް އިންތިހާބުވާން ބޭނުންވާ ފަރާތްތަކުން ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން އަންނައިރު، ބައެއް މުހިންމު ކަންކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް ނިމުނު ކައުންސިލްގެ އިންތިހާބުން ދައްކައިފި އެވެ.ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންނަކީ އިހުލާޞްތެރި، ތެދުވެރި ބަޔަކަށް ވުމެވެ. މިގޮތުން، ވޯޓު ހޯދަން އަންނަ އިރު އެންމެ ފުރަތަމަ ކަމަކަށް "ދޮގު ނުހެދުމަށް" ރައްޔިތުން އެދެ އެވެ. އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ނުކުރެވޭނެ ކަންކަމުގެ ވައުދުވުމުގެ ބަދަލުގައި، އިހްލާސްތެރިކަމާއެކު ވީ ވައުދުތައް ފުއްދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.ރައްޔިތުންގެ ހާލަތު ގާތުން ބަލައި، އެމީހުންގެ އިހުސާސްތައް ދެނެގަތުމަކީ ހާދިމުންގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު އެއް ސިފަ އެވެ. މީގެ އިތުރުން، ދައުލަތުގެ މުދަލާއި ފައިސާއަށް އަމާނާތްތެރިވެ، "ވައްކަން" ނުކުރުމާއި، އިންތިހާބުތަކުގައި "ރިޝްވަތު"ނުދިނުމަކީ އިސްލާމީ ރީތި އުސޫލުތަކުގެ ތެރެއިން ހިފަހައްޓަންޖެހޭނެ ކަންކަމެވެ. މަގާމުގެ ދަހިވެތިކަމުގައި ނުވަތަ މުއްސަނދިކަމުގެ "ދަހިވެތިކަމުގައި" ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.ހޯރަފުށީ ދާއިރާގެ ރައްޔިތުން ބޭނުންވަނީ "ބޮޑާ ނުވާ"، މަޑުމައިތިރި ހާދިމުންނެވެ. ރައްޔިތުންނާއި ބައްދަލުކުރާއިރު ރީތި ބަހުން މުއާމަލާތް ކުރުމާއި ކޮންމެ މީހަކީވެސް "ގަދަރުވެރި" އިންސާނެއްކަން ގަބޫލުކޮށް އިހްތިރާމާއެކު މުއާމަލާތް ކުރުމަކީ ސިޔާސީ ބޭފުޅުންގެ ކިބައިން މިއަދު ރައްޔިތުން އުންމީދުކުރާ އެންމެ މަތީ ސިފަތަކެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުންވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ބާރުއަޅަމުންދާ މިދަނޑިވަޅުގައި، ކުރިއަށް އޮތް ތަނުގައި ހޯރަފުށީ ދާއިރާއަށް ކުރިމަތިލާ ކެންޑިޑޭޓުންނާއި ސަރުކާރުގެ މަސްއޫލުވެރިންގެ ކިބައިގައި މި ސިފަތައް އަށަގަންނުވަން ޖެހެ އެވެ. ރައްޔިތުންގެ އިތުބާރު ލިބޭނީ ހަމައެކަނި ދައްކާލާ ދަޅައަކުން ނޫންކަމާއި، އެއީ އަމަލާއި ބަހުން ސާބިތުކޮށްދޭންޖެހޭ ކަމެއްކަން ހަނދާން ބަހައްޓަން ޖެހެ އެވެ.އެހެންކަމުން، ދެންވެސް ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ވަޑައިގަންނަވާއިރު، މި ދެންނެވި އަހުލާގީ ސިފަތަކާއި އިސްލާމީ އުސޫލުތަކަށް ބޯލަނބައިގެން ވަޑައިގަތުމަކީ ދާއިރާގެ ރައްޔިތުންގެ ވަރަށް ބޮޑު އިލްތިމާސެކެވެ.އިތުރަށް ކިޔާލަން: ތަރައްގީގެ ހަރުފަތުން ހޯރަފުށި ކައްސާލުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ