ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ބުނީ ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެލާނާ އެއާޕޯޓުން އަތުލައިގެންފައިވާ ކަމަށެވެ. އެއީ މި މަހުގެ އެއްވަނަ ދުވަހު އަތުލައިގެންފައިވާ މަސްތުވާތަކެތި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އެގޮތުން އަތުލައިގެންފައި ވަނީ 2174 ގްރާމްގެ ހަޝިޝް އޮއިލް ކަމަށް ކަސްޓަމްސް އިންބުނެއެވެ. އެތަކެތީގެ މަގުމަތީ އަގު 1.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ވައިގެ މަގުން 2 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ އިރު، މިދިޔަ މަހުގެ ފަހުކޮޅު، ތިން ދުވަހެއްގެ މަތިން ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. އެއީ މާޗް 23 ވަނަ ދުވަހު އަތުލައިގެން 478.18 ގްރާމްގެ ކޮކެއިން އާއި މާޗް 24 ވަނަ ދުވަހު އަތުލައިގެން 535.52 ގްރާމް ކޮކެއިން އާއި މާޗް މަހުގެ 31 ވަނަ ދުވހު އަތުލައިގެން 1150 ގްރާމްގެ ހަޝިޝް އޮއިލްއެވެ.
ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅޭ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަތުމަށް ފަހު ފުލުހުންނާ ހަވާލުކޮށް މިފަދަ މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ. މިހާރު ވެސް މިފަދަ މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުން ބަންދުގެ މުއްދަތު ޖަހާފައި ތިބި އިރު، ބައެއް ފަރާތްތަކާ މެދު ހުކުމް ކޮށް އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
ވައިގެ މަގުން އެތެރެކުރަން އުޅުނު 1.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ