ސަރަހައްދުތަކާ ބެހޭ އޮފީސް އުފައްދައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި، "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ރައީސް ޑރ މުހައްމަދު މުއިއްޒު، އުފައްދަވައިފި އެވެ.މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައެޅުމުގެ މައްސަލަތައް ބެލުމަށް އޮފީހެއް ގާއިމް ކުރުމަށް މާހިރުން ލަފާދެއްވާފައިވާތީ މިކަމަށް ސަރުކާރުގެ ވަކި ހާއްސަ އިދާރާއެއް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.ރައީސް އޮފީހުން މިއަދު ބުނީ އެ އޮފީހުގެ ބައެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް މިއަދު ރައީސް އުފައްދަވާފައިވާ ކަމަށެވެ.މި އޮފީސް ގާއިމްކުރީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅާ، ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އެންމެހާ ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމަށް ރައީސް އޮފީހުން ބުންޏެވެ."ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީހުން ކުރަމުންގެންދާނެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސަރަހައްދުގެ ބައުންޑަރީއާ ގުޅޭގޮތުން އުފެދޭ ހިލާފުތަކާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިސްވެ ހަރަކާތްތެރިވުން [ހިމެނޭ]،" ރައީސް އޮފީހުން ބުނެފައިވެ އެވެ. ސަރަހައްދުތަކާ ބެހޭ އޮފީހުގެ މަސައްކަތް ފެށޭނީ އޮފީހުގެ އިދާރީ ހިންގުން ހަމަޖައްސައި، މުވައްޒަފުން ލިބުމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ