ދެ އަހަރުތެރޭ 23،000 ވަޒީފާ އަލަށް އުފެއްދިއްޖެ: ރައީސް

ދެ އަހަރުތެރޭ 23،000 އަށް ވުރެ ގިނަ ވަޒީފާ އަލަށް އުފެއްދިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ މި ސަރުކާރުގެ އުމުރުން ދެއަހަރާ ހަމަސް ވޭތުވާން ކައިރިވީއިރު، 23000 އަށްވުރެ ގިނަ ވަޒީފާ، ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އަލަށް އުފެއްދިފައިވާ ކަމަށެވެ.
ރާއްޖޭގައި ވަޒީފާތަކުގައްޔާއި މަސައްކަތްތަކުގައި އުޅޭ ބިދޭސީން ޤާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާ ހަރުދަނާ ފިޔަވަޅުތަކާއެކު، ރައްޔިތުން އެދޭ އަމާޒަށް މިކަންވެސް ގެންދެވެން ފަށާފައިވާ ކަމަށާއި ދިވެހީންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާ ނުކުރެވޭނެ ވަޒީފާތައް ކަނޑައަޅައި ޢަމަލީސިފަ ގެންނަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ، ވަޒީފާއާއި މަސައްކަތުގެ ފުރުޞަތުތައް ތަންމިނަށް ފަހިކޮށްދިނުމަށް ސަރުކާރުން އަޅަމުންދާ މި މުހިންމު ފިޔަވަޅުތައް ހަލުވިކޮށް ކާމިޔާބު ކުރުމުގައި ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމެވެ. މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަންހުރި ކޮންމެ ދިވެހި ރައްޔިތަކުމެ ހަށިފޮޅައިލައްވާ ޢަމަލީ މައިދާނަށް ނުކުމެވަޑައިގަތުމެވެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ 2045 ވަނަ އަހަރާ ހަމަޔަށް ދާއިރު، ތަރައްޤީވެފައިވާ ފުދުންތެރި ރާއްޖެއެއް ހޯދުމަށް ހިފާފައިވާ އަމާޒަށް ޤައުމު ވާޞިލުކޮށްދެވޭނީ ހީވާގި ދިވެހި މަސައްކަތްތެރީންނަށް ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގައި އެކި ދާއިރާތަކުގައި ޚިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ ޢަދުލުވެރި ސިޔާސަތެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ