މަސައްކަތްތެރިންނަކީ ކޮންމެ މުޖްތަމަޢުއެއްގެވެސް އެންމެ މުހިންމު އަސާސީ ބައެވެ. މުޖްތަމަޢުގެ ކުރިއެރުމާއި ތަރައްޤީ ގުޅިފައިވަނީ އެ މުޖްތަމަޢުއެއްގައި ވަޒީފާ އަދާ ކުރާ ފަރާތްތަކާއި ތަފާތު އެކި މަސައްކަތްތައް ކުރާ ފަރާތްތަކާއެވެ. އެ މުޖްތަމަޢުގެ ކޮންމެ ފަރުދަކީވެސް ރަނގަޅު މަސައްކަތެއްކޮށްގެން އާމްދަނީ ހޯދުމުގެ ހައްޤު ލިބިގެންވާ މީހެކެވެ.
ބައިނަލްއަޤްވާމީ ގޮތުން މަސައްކަތްތެރިން ދުވަހެއް ފާހަގަކުރަން ފެށި 1800 ފަހުކޮޅު އެމެރިކާގެ މަސައްކަތްތެރިން އެމީހުންގެ ހައްޤުތައް ކަށަވަރުކުރުމަށް ކުރި މަސައްކަތާއި ގުޅިގެންނެވެ. އެ ދުވަސްވަރު އެމީހުން ވަކާލާތު ކުރަން ނިކުތީ 12 ގަޑިއިރާއި 16 ގަޑިއިރާއި ދެމެދު އޮތް މަސައްކަތު ވަގުތު މިއަދު އަޅުގަނޑުމެން އާންމުކޮށް މިދަންނަ 8 ގަޑިއިރަށް ބަދަލުކުރުމަށެވެ. އޭރު އޮތީ މިހާރު މިފެންނަ މަސައްކަތްތެރިންނަށް އޮތް މާހައުލެއް ނޫނެވެ. ގިނަ ހައްޤުތަކެއް ކަށަވަރު ނުވެ، ކުޑަކުދިން ލައްވާ މަސައްކަތް ކުރުން ފަދަ ޢަމަލުތައް އާންމުވެފައި އޮތް ދުވަސްވަރެކެވެ.
އެމެރިކާގެ އިލިނޯއީ ސްޓޭޓްގެ ޗިކާގޯގައި ފެށި އިޙްތިޖާޖުތަކުގެ ހުޅުފަޅައިގެން ގޮސް މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކުރުމަށް އެކި ސަރަޙައްދުތަކުގައި ބޮޑު މުޒާހަރާތަކަށް ބަދަލުވެގެން ދިޔައީއެވެ. ޝިކާގޯ ހޭއިމާކެޓު އެފެއަރ ނަމުން މަޝްހޫރުވެގެން ދިޔަ ހަރަކާތުގައި ބަޔަކުގެ ފުރާނަ ގެއްލިގެން ދިޔައިރު، މިކަމުން މިސާލު ލިބިގަނެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެށިގެންދިޔައީ ހައްޤުތައް ހޯދުމުގެ ހަރުދަނާ ރޭވުންތެރި މަސައްކަތްތަކެކެވެ.
މިއާއެކު ޤައުމުތަކުން މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދޭން ފެށިއެވެ. ބައިނަލްއަޤުވާމީ މަސައްކަތްތެރިން ދުވަސް ފާހަގަކުރުމަށް ކަނޑައެޅީ 1889 ވަނަ އަހަރު ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ކޮންގްރެސްއިންނެވެ. މިދުވަސް ފާހަގަކުރާ ދުވަހެއްގެ ގޮތުގައި މޭ މަހުގެ ފުރަތަމަ ދުވަސް ކަނޑައެޅީ، އެ ދުވަހަކީ ޗިކާގޯގެ މީހުންގެ ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި އިހުތިޖާޖުތައް ފެށުނު ދުވަސްކަމަށްވާތީއެވެ.
ރާއްޖޭގެ މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކޮށްދިނުމުގެ މަސައްކަތް މީގެ އެތަކެއް އަހަރެއް ކުރިން ވަނީ ފެށިފައެވެ. އެކި ދުވަސް ވަރު އެކި ފެންވަރުގައި ކުރެވުނުނަމަވެސް، މި ދުވަސް ރަސްމީ ސިފައެއްގައި ފާހަގަކުރާ ދުވަހަކަށްވީ 2006 ވަނަ އަހަރުއެވެ. އޭގެ ފަހުން 2011 ވަނަ އަހަރު މިއީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައެވެ.
މޭ ޑޭ އަކީ އަބަދުވެސް މަސައްކަތްތެރިންގެ ހައްޤުތައް ހޯދުމަށް އެކި އެއްވުންތަކާއި ހިނގާލުންތަކާއި ތަފާތު އެކި ހަރާތްތައް ބާއްވާ އަހަރަކަށްވާއިރު، މިއަހަރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އަދުގެ ސަރުކާރުން މި ދުވަސް ފާހަގަކުރުމަށް ނެގި އިސްނެގުމެވެ. ދުވަހުގެ ހަރަކާތްތަކެއް ސަރުކާރުގެ އިސްނެގުމާއެކު ކުރިއަށްގެންދާއިރު، މަސައްކަތްތެރިންގެ އެކި ޖަމްޢިއްޔާތަކުގެ އިސްނެގުމާއެކު ކުރިއަށްގެންދާ ހަރަކާތްތައްވެސް އެއް ވަގުތެއްގައި ބޭއްވުމަށް ސަރުކާރުން ވަނީ މަގުފަހިކޮށްދީފައެވެ.
މިއަދު މި ދުވަސް ފާހަގަކުރާއިރު، ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ރާއްޖޭގައި ކޮންމެ ފަރުދަަކީވެސް މަސައްކަތެއް ކުރުމުގެ ފުރުޞަތު ފަހިވެފައިވާ ފަރުދަކަށް ހެދުމެވެ. ސަރުކާރުން މިކަން ކުރުމަށް ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންދެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމުން ފަށައިގެން، އެކި ސަބަބުތަކާއި ހެދި އެކަށީގެންވާ ހުނަރުތައް ނެތުމުގެ ސަބަބުން ވަޒީފާއެއް ނުލިބިވާ ފަރާތްތަކަށް ހުނަރުތައް އުނގަންނައި ދިނުމަށް މަސައްކަތް ކުރެވެއެވެ. އަދި އިސްރަށްވެހިންނަށްވެސް ވަޒީފާ ފުރުސަތު ފަހިކޮށްދިނުމަށް، ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެޖާގަ ދިނުމަކީ ދިވެހި މަސައްކަތްތެރިންނަށް ލިބިގެންދިޔަ ކުރިއެރުމެކެވެ.
ދައުލަތުން މިހާތަނަށް މަސައްކަތްތެރިންނަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މިއަދު އެންމެ މުހިންމު ކަމަކީ ކޮންމެ ފަރާތެއްވެސް ވަޒީފާގެ މާހައުލުގައި ތިމާގެ ހައްޤުތަކަކީ ކޮބާތޯ ދެނެގަތުމެވެ. ހޭލުންތެރިވުން މުހިންމެވެ. ތިމާ ކުރާ މަސައްކަތުގެ އެންމެ ފުރިހަމަ އުޖޫރަ ތިމާއަށް ލިބޭކަން ކަށަވަރުކުރަންޖެހެއެވެ. ކޮންމެ މުވައްޒަފަކީވެސް އިޙްތިރާމް ލިބޭ، ކޮންމެ ތަނަކުވެސް ބަލައިގަންނަ އަދި އެ މަސައްކަތް ކުރާ ފަރާތެއްގެ ހައްޤުތަށް ކަށަވަރުކުރެވިފައިވާ މަހައުލެއްގައި މަސައްކަތް ކުރެވޭކަމުގެ ޔަޤީންކަން ލިބިފައިވާ މުވައްޒަފަކަށްވެސް ވާންޖެހެއެވެ. ސަރުކާރުގެ މިދުވަސް ފާހަގަކުރާއިރު ބަލަނީވެސް މިކަންކަމުގެ މައްޗަށެވެ.
މިފަހަރު މަސައްކަތްތެރިންގެ ދުވަސް ސަރުކާރުގެ އިސްނެގުމާއި އެއްބާރުލުމާއެކު ކުރިއަށްގެންދާއިރު، މިކަން މަސައްކަތްތެރިންގެ ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް ބަލައިގަނެއެވެ. މިއީ ގުޅިގެން މަސައްކަތް ކުރުމުގެ ފެށުމަކަށް ވެގެންދާނެ ކަމަށް އެ ފަރާތްތަކުން ޤަބޫލުކުރެއެވެ.
މަސައްކަތްތެރިންގެ ދުވަސް: ގުޅިގެން މަސައްކަތްކުރުމުން ހައްޤުތައް ޔަޤީންކުރެވޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ