ޑްރަގު މައްސަލައެއްގައި ހޯދަން އިއުލާން ކުރި މީހަކު ވައްކަންކޮށްގެން ޖަލަށް

ޑްރަގު މައްސަލައެއްގައި ހޯދަން އިއުލާން ކުރި މީހަކު، ވައްކަމުގެ މައްސަލައެއްގައި ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދިޔަ މަސްތުވާތަކެތީގެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއާއި އާއިލާއަށް ވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ހޯދަން އިއުލާން ކުރި މީހަކީ، ޏ. ފުވައްމުލައް، ދޫޑިގަން/ ޝުހުރަތު، މުޙައްމަދު މުރުޝިދުއެވެ. މުރުޝިދު ޖަލަށްލާން ހުކުމް ކުރީ އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރި، އެހެން ދެ މައްސަލައެއްގައެވެ. އެއީ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއަކާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެކެވެ. މި ދެ މައްސަލައަކީ ވެސް އެއް ހާދިސާއެއްގެ ދެ މައްސަލައެވެ. ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގައި ނިންމި މި ދެ މައްސަލައަކީ، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެއްރޭ ދަންވަރު މާލޭގެ ގެއަކުން ވައްކަން ކުރި މައްސަލައެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ވަގަށް ނަގާފައި ވަނީ އައިޕެޑް މިނީއެކެވެ. މި ދެ ދައުވާއަށް ވެސް މުރުޝިދު ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ އަވަސްނިޔާގެ މައްސަލަތަކެއްގެ ގޮތުގައެވެ. ދެ މައްސަލައިގެ ތެރެއިން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އަދަބަކަށް މުރުޝިދު ހަތް ހަމާއި ހަ ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ. އަދި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ ސާބިތުވެ، މުރުޝިދުގެ މައްޗަށް އިއްވާފައި ވަނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ރެކޯޑްތަކުން ދައްކާ ގޮތުން މުރުޝިދު ހޯދަން ފުލުހުން އިއުލާންކުރީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން އޭރު އޭނާ ހޯދަން އިއުލާން ކުރި މައްސަލަ ފަހުން ނިމުނީ ކިހިނެތްކަމެއް އެނގިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ