ވޯލްޑް ކަޕަށް ދިއުމުގެ އުންމީދުގައި ނޭމާ އަނެއްކާވެސް އޮޕަރޭޝަން ތިއޭޓަރަށް
ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ އޭނާގެ ފަހު ވޯލްޑް ކަޕަށް ފިޓްވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އަނެއްކާވެސް ކަކުލުގެ އޮޕަރޭޝަނެއް ކޮށްފިއެވެ. ސަންތޯސްގެ ކޯޗު ކޫކާ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ފީފާ އިންޓަނޭޝަނަލް ބްރޭކުގެ ތެރޭގައި ނޭމާ ކަކުލުގެ ސާޖަރީއެއް ހަދާފައިވާ ކަމަށާއި، އޭގެ ސަބަބުން އޭނާއަށް ފަރިތަކުރުންތަކުގައި ބައިވެރިނުވެވޭ ކަމަށެވެ. ބްރެޒިލް ލީގުގެ ފަހު ސީޒަނަށްފަހު ޑޮކްޓަރުންގެ ލަފާގެ މަތިން ނޭމާ މި އޮޕަރޭޝަން ކުރަން ނިންމީ، ކުރިއަށް އޮތް ބޮޑު މުބާރާތަށް ފުރިހަމައަށް ތައްޔާރުވުމުގެ މަގްސަދުގައެވެ. ބްރެޒިލްގެ ސަންތޯސް ޖާޒީގައި ނޭމާ-- މާކާ ނޫހުން ރިޕޯޓްކުރާ ގޮތުގައި، މިފަހަރު ނޭމާ ހަދާފައިވަނީ "ޕްލޭޓްލެޓް-ރިޗް ޕްލާޒްމާ" ބޭނުންކޮށްގެން ކަކުލުގެ ހަލާކުވެފައިވާ ޓިޝޫތައް ވަރުގަދަކުރުމުގެ ހާއްސަ ފަރުވާއެކެވެ. ބްރެޒިލްގެ ގައުމީ ޓީމުން މިފަހަރު ފުރުސަތު ލިބޭނެ ކަމަށް އުންމީދުކޮށްގެން ހުރި ނަމަވެސް، ނޭމާ އިސްކަންދިނީ މި ބްރޭކުގެ ބޭނުން ހިފައިގެން އަވަހަށް ފަރުވާ ފުރިހަމަކުރުމަށެވެ. އޭނާގެ މިހާރުގެ އަމާޒަކީ ވޯލްޑް ކަޕް ފެށުމުގެ ކުރިން ފިޓްނަސް އެނބުރި ހޯދައި، އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މުބާރާތަށްދާ 26 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ހޯދުމަށް ކޯޗު އަންޗެލޮޓީއަށް ސާބިތުކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ