ރިޔާސީ އިންތިހާބަށް ފްލެޓުތަކުގެ ކުލި ކަނޑައަޅީ އުސޫލެއް ނެތި، ޒިންމާދާރުކަން ކުޑަކޮށް: މުއްތޮލިބު

ރިޔާސީ އިންތިހާބުތަކާ ދިމާކޮށް ސޯޝަލް ހައުސިން ފްލެޓުތަކުގެ ކުލި ކަނޑައަޅާނީ އެއްވެސް އުސޫލެއް ނެތި، ޒިންމާދާރުކަން ކުޑަކޮށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހުޅުމާލެ ފޭސް 2ގައި އެޅި 4،000 ފްލެޓުތަކުގެ ކުލި މި ސަރުކާރުން ވަނީ ބޮޑުކޮށްފަ އެވެ.
އެމްޑީޕީ ސަރުކާރުން ކުލީގެ ގޮތުގައި ކަނޑައެޅީ:
2 ކޮޓަރީގެ ފްލެޓެއް، މެއިންޓަނެންސް ފީއާ އެކު: 6،000ރ.
3 ކޮޓަރީގެ ފްލެޓެއް، މެއިންޓަނެންސް ފީއާ އެކު: 8،000ރ.
ނަމަވެސް މި ސަރުކާރުން ކުލީގެ އެއްބަސްވުން ހެދިއިރު ކުލި ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން މިހާރު ނަގަމުން އަންނަނީ:
2 ކޮޓަރީގެ ފްލެޓެއް، މެއިންޓަނެންސް ފީއާ އެކު: 7،000ރ.
3 ކޮޓަރީގެ ފްލެޓެއް، މެއިންޓަނެންސް ފީއާ އެކު: 10،000ރ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުއްތޮލިބާ ސުވާލުކުރަން ހުޅުވާލި ފުރުސަތުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ކުރެއްވި ދެ ސުވާލަކީ:
4،000 ފްލެޓުގެ ރަށްވެހިންގެ ރަޖިސްޓްރީ ނުހެދޭ ގޮތަށް އެގްރިމަންޓު ހެދީ ކީއްވެގެންތޯ؟
 ކުރީ ސަރުކާރުން ފްލެޓުގެ އަގު ކަނޑައަޅާފައި އޮއްވާ މި ސަރުކާރުން އައިސް އެ ފްލެޓުތަކުގެ އަގު ބޮޑުކުރީ ކީއްވެގެންތޯ؟
ބުނީ ކީކޭ؟ - ކުއްޔާ ގުޅޭ ސުވާލަށް ޖަވާބުދެއްވަމުން މުއްތޮލިބު ވިދާޅުވީ އަގު ކަނޑައެޅިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ އޭނާ ނޫން ކަމަށާއި އެހެންކަމުން ކުލި ހިސާބުކުރި ގޮތް ސީދާ ދަންނަވަން ނޭނގޭ ކަމަށެވެ.
އެއަށް ފަހު މުއްތޮލިބު އިޝާރާތްކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި ހިޔާ ފްލެޓުތަކުގެ ކުއްޔަށް އައި ބަދަލުތަކެވެ.
"2018 ވަނަ އަހަރު 7،000 ފްލެޓުގެ އަގު އޭރު ހުރި ފްލެޓުތަކުގެ އަގާއި ހަރަދުވި ވަރާއި ހުރިހާ ކަމަކަށް ބަލާފައި އޭރުގެ ސަރުކާރުން އިއުލާންކުރީ 5،300ރ.އަށޭ ކުލި ދައްކަން ޖެހޭނީ،" މުއްތޮލިބު ވިދާޅުވި އެވެ.
"އެހެން ނަމަވެސް ދެން އައި ސަރުކާރުން އެތަން ނިމިގެން ފަރާތްތަކަށް ދިން އިރު އަގު ކަނޑައަޅާފައި އޮތީ 7،500ރ.އަށް. އަދި 7،500ރ.އަށް ވުރެ މައްޗަށް 1،000ރ.ގެ މެއިންޓަނެންސް ފީއަކާ އެކު 8،500ރ. 570 [އަކަފޫޓުގެ] ސައިޒުގެ ފްލެޓަކަށް 8،500ރ. ދައްކަން ޖެހުނު."
ތަފްސީލު - މުއްތޮލިބު ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅިގެން އޭރުގެ ސަރުކާރުން އެއްވެސް ކަހަލަ އުސޫލެއް ނެތި ހަމަ 5،000ރ.އޭ ބުނުމަކީ އެއީ ޒިންމާދާރުކޮށް ކުރި ކަމެއް ނޫން ކަމަށެވެ.
"އެކަށީގެންވާ ގޮތެއްގައި އެ ނަގާ ފައިސާ އަނބުރާ ދައްކަން ޖެހޭ، ލޯނު ވެސް ދައްކަން ޖެހޭ. އެސްކްރޯ އެކައުންޓަކަށް ފައިސާ ދަނީ. އެހެންވީމަ، އެ އުސޫލުން ކަލްކިއުލޭޝަންތަކެއް ހެދިގެން އަގު ކަނޑައެޅިފައިވަނީ،" މުއްތޮލިބު ވިދާޅުވި އެވެ.
އިންތިހާބާ ދިމާކޮށް ކުލި ކަނޑައެޅީ އުސޫލެއް ނެތިކަން މުއްތަލިބު ފާހަގަކުރެއްވިއިރު، މި ސަރުކާރުން ވަނީ ހިޔާ ފްލެޓުތަކުގެ ކުލި އެކި ފަހަރު މަތިން ކުޑަކޮށްފަ އެވެ.
ހިޔާގެ ފިނިޝިންއަށް ހިނގި ހަރަދުން 2 ލައްކަ ރުފިޔާ މައާފުކޮށްދިނުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެ ވައުދު ފުއްްދުމަށްޓަކައި ސަރުކާރުން ވަނީ ޑިސެމްބަރު 2023ގައި ހިޔާގެ ޖުމްލަ އަގުން 100،000ރ. އުނިކޮށްފަ އެވެ. އަދި ބާކީވާ 100،000ރ. ހަމަކުރުމަށް ހަތް އަހަރަށް އެ ފްލެޓްތަކުގެ މަހު ކުލި 3،984.21ރ.އަށް ކުޑަކުރި ކަމަށް އޭރު ބުންޏެވެ.
ނަމަވެސް އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓާ ދިމާކޮށް، ރައީސް މުއިއްޒު ވެވަައިގެންފައިވާ ވައުދު "ފުރިހަމަ ގޮތުގައި" ފުއްދުމަށް ކަމަށް ބުނެ، ހިޔާ ފްލެޓްގެ ކުލި އެޗުޑީސީން ވަނީ އިތުރު ދެ އަހަރު ދުވަހަށް މައާފުކޮށްދީފަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރަށްވެހިންގެ ރަޖިސްޓްރީ ނުހެދޭ ގޮތަށް އެއްބަސްވުން ހެދުމާ ގުޅޭ ސުވާލަށް މުއްތޮލިބު އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.
ގެދޮރުވެރިޔާ ފްލެޓުތަކުގެ ރަށްވެހިންނަށް ފްލެޓު ދޫކުރީ ކުލީގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ވުމާ އެކު ފްލެޓު ލިބުނު މީހުންނާއި އެ މީހުންގެ އާއިލާއަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދައިނުދެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ އަންގާފަ އެވެ.
އެހެންވެ، އެހެން ސޯޝަލް ހައުސިން ޔުނިޓުތަކެކޭ އެއްފަދައިން މި 4،000 ފްލެޓުގެ އެއްބަސްވުން ވެސް ގަނެވިއްކުމުގެ އެއްބަސްވުމަކަށް ބަދަލުކޮށްދޭން އެދި، ގެދޮރުވެރިޔާ ފްލެޓުތަކުގެ ރަށްވެހިން ތަމްސީލުކުރާ ފަހި ޔޫނިއަނުން ވަނީ ގޮވާާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ