އަޅުގަނޑުމެންގެ ރާއްޖޭގެ ގާނޫނުއަސާސީ ބަދަލުކޮށްލުމަކީ ޖަމިއްޔާއެއްގެ ހިންގާ ގަވާއިދު ބަދަލުކުރުމަށްވުރެ ފަސޭހަ ކަމެކެވެ. އެހިނދަކަށް އަގުލަބިއްޔަތު އޮތް ބަޔަކަށް ފެނުނު ގޮތަކަށް މޮޑެނަގަންވީ އެވެ. އެކަމަކާ މެދަށް އެއްޗެއް ބުނާނޭ ހިތްވަރު ހުރި ފަނޑިޔާރު ގެއެއް އަމުދުން ނެތެވެ. ގެންނަ ބަދަލަކަށް ގޮމެއް ޖަހައި ކޯޓަކަށް މައްސަލައެއް ހުށަހެޅިއްޖެނަމަ އެ މައްސަލައެއްގެ ކަރުދާހަށް އިންސާފުކުރާނީ ކަތުރުފަންޏެވެ.
އާދައިގެމަތިން، ރައްޖޭގެ ގާނޫނުއަސާސީއަށް ގެންނަން ފާސްކޮށްފައި އެއޮތީ އަނެއްކާ ވެސް ބޮޑު ބަދަލެކެވެ. އެޕްރީލް 4، 2026 ގައި ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި މި ބަދަލަށް ރައްޔިތުން ތާއީދުކޮށްފިނަމަ ރާއްޖޭގެ އިންތިހާބީ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އޭރުން 2028 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އޮންނާނީ އެއް ދުވަހެއްގަ އެވެ.
ސަރުކާރުން ބުނާ ގޮތުގައި މި އިސްލާހަކީ އިންތިހާބީ ނިޒާމު ހަރުދަނާކޮށް، "އެއް ދުވަހެއްގައި، ކުޑަ ހަރަދަކުން" އިންތިހާބު ނިންމާލުމަށް ގެނެވޭ ބަދަލެކެވެ. އެހެންނަމަވެސް، މިކަމާ ދެކޮޅު ހަދާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، މިއީ ހަމައެކަނި ހަރަދަށް ބަލައިގެން ގެންނަ ބަދަލަކަށްވުރެ ބޮޑަށް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. ތިރީގައި މިވަނީ މި ބަހުސްގެ ދެކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް ދީފައިވާ ނަޒަރެކެވެ.
ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ބާރުއަޅާ މީހުންގެ މައިގަނޑު ޒުވާބުތައް ތިރީގައި މިވަނީ އެވެ.
ސަރުކާރުން މިކަމުގައި ދައްކާ އެންމެ ސީދާ އަދި މުހިންމު ހުއްޖަތަކީ ބަޖެޓަށް ކުރާ ބާރު ކުޑަ ކުރުމެވެ. ކޮންމެ އިންތިހާބަކަށް ވެސް ދައުލަތުން ބޮޑު ހަރަދެއް ކުރަން ޖެހެ އެވެ. އެންމެ ފަހަށް ނިމިދިޔަ ގައުމީ އިންތިހާބުތަކަށް ބަލާއިރު، ރިޔާސީ އިންތިހާބުގެ ދެ ބުރު ބޭއްވުމަށް ގާތްގަނޑަކަށް ހަރަދުވި ޖުމުލައަކީ 84.8 މިލިއަން ރުފިޔާ އެވެ. އެއީ ފުރަތަމަ ބުރަށް 63.2 މިލިއަން ރުފިޔާ އަދި ދެ ވަނަ ބުރަށް 21.6 މިލިއަން ރުފިޔާ އެވެ. އެންމެ ފަހުގެ މަޖިލިސް އިންތިހާބަށް ހޭދަވީ 61.7 މިލިއަން ރުފިޔާ އެވެ. އެހެންވީމާ، މި ދެ އިންތިހާބަށް ހަރަދުވީ ޖުމުލަ 146.5 މިލިއަން ރުފިޔާ އެވެ.
ދެ އިންތިހާބު އެއްކޮށް، އެއް ދުވަހެއްގައި ބޭއްވިކަމުގައި ވިޔަސް އެއް އިންތިހާބު ބޭއްވުމަށް މިހާރު ހިނގާ ހަރަދަށް ވުރެ ބޮޑު ހަރަދެއް ހިނގާނެ އެވެ. އެއީ ދެ އިންތިހާބު އެއްކޮށް ހިންގުމަށްޓަކައި ނަގަންޖެހޭ މުވައްޒަފުންގެ އަދަދު އިތުރުވުމާއި އެކަމަށް ގިނަ ވަސީލަތްތައް ވެސް ބޭނުންވާނެތީ އެވެ. ނަމަވެސް، މި ދެ އިންތިހާބު އެއްކޮށްލުމުން، ދެވަނަ އިންތިހާބަކަށް ކުރަންޖެހޭ ހަރަދުގެ ގާތްގަނޑަކަށް 40 އިންސައްތަ ސަލާމަތް ކުރެވޭނެ ކަމަށް ފެނެ އެވެ.
އިންތިހާބެއްގެ އިންތިޒާމުތަކުގެ ތެރޭގައި އޮފިޝަލުން ހަމަޖެއްސުމާއި، ބޭނުންވާ ތަކެތި ހޯދުމާއި، ވޯޓު ކަރުދާސް ޗާޕުކުރުމާއި، ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، އަތޮޅުތަކަށް ތަކެތި އުފުލުމުގެ އިތުރުން ވޯޓުލާ މީހުން ހޭލުންތެރިކުރުވުން ފަދަ ގިނަ މަސައްކަތްތަކެއް ހިމެނެ އެވެ. ދެ ފަހަރަށް ކުރަންޖެހޭ މި ކަންކަން އެއް ފަހަރުން ނިންމާލުމަކީ އިދާރީ ގޮތުން ކުރަންޖެހޭ ތަކުރާރު މަސައްކަތްތައް މަދުވެ، އެކަމަށް ހޭދަ ކުރަންޖެހޭ ވަގުތާއި، ފައިސާ ސަލާމަތްކުރެވޭނެ ގޮތެކެވެ.
އަހަރަކު ދެ ފަހަރު އިންތިހާބު ބާއްވާނަމަ، ސިޔާސީ ޕާޓީތަކާއި، އެކްޓިވިސްޓުންނާއި، ކެމްޕޭން ޓީމުތަކާއި، ފަންޑުކުރާ ފަރާތްތަކާއި ވޮލަންޓިއަރުން ވެސް އެ މަސައްކަތަށް ދެ ފަހަރަށް ނެރެން ޖެހެ އެވެ. ހަމައެއާއެކު، އިލެކްޝަންސް ކޮމިޝަނުން ވޯޓުލާ މީހުން ރަޖިސްޓްރީކުރުމާއި، ހޭލުންތެރިކުރުމާއި، ޝަކުވާތައް ބަލައި ނިންމުމާއި، ވޯޓު ގުނައި ނަތީޖާ އިއުލާނުކުރުމަށް ވެސް ދެ ފަހަރު މަސައްކަތްކުރަން ޖެހެ އެވެ. މީގެ އިތުރުން، ސަލާމަތީ ހިދުމަތްތަކުން ވެސް ދެ ފަހަރަށް އިންތިހާބުގެ މާހައުލަށް ނުކުންނަން ޖެހެ އެވެ.
ނިޒާމީ ގޮތެއްގައި ރޭވިގެން އެއް ދުވަހެއްގައި އިންތިހާބު ބޭއްވުމުން، ހަރަދު ކުޑަވެ ހިންގުން ހަރުދަނާވުމުގެ އިތުރުން، އިންތިހާބު ހިންގާ ފަރާތްތަކާއި އޮބްޒާވަރުންނަށް އެމީހުންގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ވަގުތާއި ފުރުސަތު ލިބިގެންދާނެ އެވެ.
އެއްވެސް ގައުމެއްގައި ބާއްވާ ގައުމީ އިންތިހާބަކަށް އެކަށީގެންވާ ސަމާލުކަން ނުލިބޭނަމަ، އެ އިންތިހާބާއެކު މުހިންމު އެހެން ވޯޓެއް ނެގުމަކީ ގައުމުތަކުން ކޮށްއުޅޭ ކަމެކެވެ. ކައުންސިލް އިންތިހާބު ބާއްވާ ދުވަހު، ގާނޫނުއަސާސީ ބަދަލުކުރަން ވޯޓަށް އެހުމަކީ އެފަދަ މިސާލެކެވެ. ކައުންސިލް އިންތިހާބުގައި ވޯޓުލާން އާންމުކޮށް ނުނުކުންނަ މީހުން ވެސް މި ފެންނަނުފެންނަ ވޯޓުގައި ބައިވެރިވުމަށްޓަކައި ވޯޓުލާން ނުކުންނާނެ އެވެ.
ގާނޫނުއަސާސީއަށް ގެންނަ މުހިންމު ބަދަލުތަކާ ގުޅޭގޮތުން ނަގާ ފެންނަނުފެންނަ ވޯޓުތައް، ގައުމީ އިންތިހާބުތަކާ އެއް ދުވަހަކު ބޭއްވުމަކީ ބައެއް ގައުމުތަކުގައި ވަރަށް އާންމު ކަމެކެވެ. މިއީ އިދާރީ ގޮތުންނާއި ހަރަދުގެ ގޮތުން ބެލިޔަސް ފަސޭހަ ގޮތަކަށް ވުމުގެ އިތުރުން، ވޯޓުލާ މީހުންގެ އަދަދު އިތުރުކުރުމަށްވެސް ބާރުލިބޭ ކަމެކެވެ. މީގެ މިސާލުތައް އުރުގުއޭ އަރުމީނިއާ، ޖޯޖިއާ، ޓައިވާން އަދި ސްލޮވާކިއާ ފަދަ ގައުމުތަކުން ފެނެ އެވެ. މި ގައުމުތަކުގައި ފެންނަނުފެންނަ ވޯޓުތައް ރަސްމީ ގައުމީ އިންތިހާބުތަކާ ގުޅުވާލަނީ ބައިވެރިވުން އިތުރުކުރުމަށާއި ހަރަދު ކުޑަކުރުމަށެވެ.
ރިޔާސީ އިންތިހާބަށް އޮންނަ ޝައުގުވެރިކަމާ އަޅާބަލާއިރު، މަޖިލިސް އިންތިހާބަށް ރާއްޖޭގައި އޮންނަ ސަމާލުކަން އާދަޔާ ހިލާފަށް ކުޑަވާކަމަށް ފާހަގަކުރެވިފައިވާނަމަ ދެ އިންތިހާބު އެއްކޮށްލުމަކީ އެކަމަށް ހައްލު ގެނެސްދޭނޭ ކަމެކެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރުގެ ނަތީޖާ އެއްފަހަރާ ލިބުމުން، ސިޔާސީ ބާރުވެރިކަން ބެހިފައި އޮތް ގޮތާ މެދު އުފެދޭ އިންތިޒާރާއި ނުތަނަވަސްކަން ކުޑަވެގެންދެ އެވެ. އިންތިހާބަށްފަހު ވަކިވަކިން ކުރަންޖެހޭ މަޝްވަރާތަކާއި ކޯލިޝަންތަކާ މެދު ކުރެވޭ އަންދާޒާތަކުގެ ބަދަލުގައި، ރައްޔިތުން އެދޭ ގޮތް އެއްފަހަރާ މުޅިން ސާފުވެގެންދާނެ އެވެ.
އަޅުގަނޑު މި ފާހަގަކުރީ، ސަރުކާރުން ހުށަހެޅި ކަރުދާހުގައިވާ ހުއްޖަތުތަކެއް ނޫނެވެ. އެ ކަރުދާހުގައި ހުއްޖަތުތަކެއް ހިމަނާފައި ނުވެސް ނެތެވެ.
ދެ އިންތިހާބު އެއްކޮށްލުމުގެ އެންމެ ބޮޑު އެއް ނުރައްކަލަކީ، އާންމުގޮތެއްގައި މީޑިއާގެ ސަމާލުކަމާއި ސިޔާސީ ވަސީލަތްތައް އެންމެ ބޮޑަށް ފަހިވާ ރިޔާސީ އިންތިހާބުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މުހިންމުކަން ކުޑަވެ، ފޯރި ކެނޑިގެން ދިއުމެވެ. މިފަދަ ހާލަތެއްގައި، ވޯޓުލާ މީހުން ކޮންމެ ކެންޑިޓޭޓަކާމެދު ފުންކޮށް ވިސްނުމުގެ ބަދަލުގައި، ދެ އިންތިހާބުގައިވެސް އެއް ޕާޓީއަކަށް ވޯޓު ދިނުމަށް އިސްކަންދެ އެވެ. މިގޮތަށް މެދުވެރިވީމާ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލާފައި ހުރި މީހާ ވަޒަން ކުރުމުގެ ފުރުސަތު ހަނިވެގެން ދެ އެވެ. އޭގެ ބަދަލުގައި ރައްޔިތުން ހަގީގަތުގައި ވަޒަންކޮށް، ޖަޖުކުރާނީ ރިޔާސީ ކެންޑިޑޭޓު ނުވަތަ އޭނާ ނިސްބަތްވާ ޕާޓީ އެވެ.
"ކޯޓެއިލް އިފެކްޓް" ގެ ގޮތުގައި މަޝްހޫރުވެފައިވާ މި ކަމުގެ ސަބަބުން، ގާނޫނުހަދާ މަޖިލީހުގައި ތަފާތު ފިކުރުތައް ތަމުސީލުވުން މަދުވެ، ސަރުކާރު ޖަވާބުދާރީކުރުވުމަށް މަޖިލީހަށް އޮންނަ ބާރު ކުޑަވެގެންދެ އެވެ. މި ނުރައްކާ އެންމެ ބޮޑަށް ފާހަގަކުރެވެނީ ވަކިވަކި ސިޔާސީ ޝަހުސިއްޔަތުތަކުގެ ނުފޫޒު ގަދަ ނިޒާމުތަކުގައާއި، ޕާޓީތަކުގެ އިންތިޒާމުތައް ހަމަހަމަ ނޫން މުޖުތަމައުތަކުގަ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ވޯޓުލާ މީހުންގެ 50 އިންސައްތައަށްވުރެ ގިނަ ވޯޓު ހޯދަންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވެ އެވެ. މި ގާނޫނުއަސާސީގެ ދަށުން ބޭއްވުނު ރިޔާސީ އިންތިހާބުތަކުގެ ތެރެއިން ދެ ބުރު ނުބާއްވައި ސަލާމަތްވީ 2018 ވަނަ އަހަރުގެ އިންތިހާބު އެކަންޏެވެ. ހުރިހައި ސިޔާސީ ތަރިތަކެއް އެއްދިމާލަށް ސީދާވެ ހިމުންވެގެން އަންނާނީ އެކަހަލަ މަދު ފަހަރެއްގަ އެވެ. އެނޫން ހުރިހައި ފަހަރަކު ރިޔާސީ އިންތިހާބުގެ ދެ ބުރު ބާއްވަން ޖެހުނެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވި ކަމުގައިވީ ނަމަވެސް، ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރާ ފޯރިގަދަ މާހައުލެއްގައި، އިންތިހާބުގެ ފުރަތަމަ ބުރުން ރައީސަކު އިންތިހާބު ނުވެ، ދެވަނަ ބުރަކަށް ދިއުމުގެ ފުރުސަތު ބޮޑެވެ.
މީގެ މާނައަކީ، އަމަލީ ގޮތުން ބަލާއިރު، ރައީސަކު ހޮވުމަށްޓަކައި މުޅި ރާއްޖޭގައި ދެވަނަ ފަހަރަށް ވޯޓުލުން ބާއްވަން ޖެހިދާނެ ކަމެވެ. މިކަމުގެ ސަބަބުން، ލޮޖިސްޓިކްސްގެ މަސައްކަތްތަކާއި، ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، ވޯޓު ކަރުދާސް ތައްޔާރުކުރުމާއި، އަދި ވޯޓުލާ މީހުން ހޭލުންތެރިކުރުވުން ފަދަ ހުރިހާ އިންތިޒާމުތަކެއް އަލުން އާކުރަން ޖެހޭނެ އެވެ. މަޖިލިސް އިންތިހާބު ދެވަނަ ފަހަރަށް ބާއްވަން ނުޖެހުނު ކަމުގައިވީ ނަމަވެސް، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހުމަކީ، ދެ އިންތިހާބު އެކުއެކީގައި ބޭއްވުމުން ހަރަދުތަކާއި އިދާރީ އުނދަގޫތައް އެއްކޮށް ނެތިގެންދާނެ ކަމަށް ކުރެވޭ ދައުވާއަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މި އިސްލާހުގެ ސަބަބުން އިންތިހާބުގެ އޮނިގަނޑަށް ބަދަލެއް އައި ނަމަވެސް، ކުރިންވެސް ހިނގަމުން އައި ބައެއް މަސައްކަތްތައް ތަކުރާރުވެ، އެ ގޮންޖެހުންތަކާއި، ހަރަދު ވެސް އެގޮތުގައި ދެމިއޮތުމުގެ ބޮޑު ފުރުސަތެއް އެބައޮތެވެ.
އެހެންވީމާ، ހަރަދު ކުޑަކުރުމަށްޓަކައި އެއްކޮށްލާނަމަ އެއްކޮށްލަންވީ މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބެވެ. އެ ދެ އިންތިހާބަކީ ވެސް (ވަރަށް ނާދިރު ހާލަތެއްގައި މެނުވީ) ދެ ބުރެއް ބާއްވަންޖެހޭނޭ އިންތިހާބުތަކެއް ނޫނެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަކީ ތަފާތު ދެ ތުރެޝްހޯލްޑަކުން ކާމިޔާބީ ވަޒަންކުރާ އިންތިހާބުތަކަކަށްވާއިރު، މި ދެ އިންތިހާބު އެއްކޮށްލުމަކީ ހަރަދު ކުޑަވާނެ ކަމެއް ނޫނެވެ.
ރާއްޖޭގެ ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި އޮތީ، ދައުލަތުގެ ހުރިހައި ބާރުތަކެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. މިމާއްދާއަކީ ބާރުވެރި މާއްދާއަކަށް ވާ ހަގީގީ ސަބަބަކީ އިންތިހާބުތަކެވެ. ކޮންމެ އިންތިހާބަކީ، ރައްޔިތުން ދެކޭގޮތް ހާމަކުރުމަށް ލިބޭ ފުރުސަތެކެވެ. އެހެންވީމާ، ދެ އިންތިހާބު ވަކިވަކިން ބޭއްވުމުން ސަރުކާރު ޒިންމާދާރުކުރުވުމަށް ރައްޔިތުންނަށް ދެ ފުރުސަތެއް ލިބިގެންދެ އެވެ. އެއީ ފުރަތަމަ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ލިބޭ ފުރުސަތެވެ. ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ބަސްބުނުމަށް ރައްޔިތުންނަށް މި ލިބޭ ދެވަނަ ފުރުސަތުގެ ސަބަބުން ސަރުކާރު ހިންގި ގޮތާމެދު ދެކޭގޮތް ހާމަކުރުމަށް ފުރުސަތު ލިބިގެން ދެ އެވެ.
ސާދާކޮށް ބުނާނަމަ، ރިޔާސީ އިންތިހާބަށްފަހު ސަރުކާރުގެ އަމަލުތައް ހުންނަ ގޮތާމެދު ރައްޔިތުން ހިތްހަމަނުޖެހޭނަމަ، އޭގެ ފަހުން ބާއްވާ މަޖިލިސް އިންތިހާބަކީ އެކަންކަން އިސްލާހުކުރުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތެކެވެ. ނަމަވެސް، މި ދެ އިންތިހާބު އެއްދުވަހަކު ބާއްވައިފިނަމަ، ދައުރުގެ މެދުތެރެއިން ރައްޔިތުންގެ ޝުއޫރު ފާޅުކުރުމަށް ލިބޭ މިފަދަ ފުރުސަތުތައް ގެއްލިގެންދާނެ އެވެ.
މައި ދެ އިންތިހާބެއް އެއްވަގުތެއްގައި ބޭއްވުމަކީ ވޯޓު ކަރުދާހާއި ވޯޓުލުމުގެ އިދާރީ އިންތިޒާމުތަކަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. ވޯޓުލާ މީހުން އެއްފަހަރާ ގިނަ ނިންމުންތަކެއް ނިންމަންޖެހުމުން، ވޯޓު ބާތިލުވުމާއި ނުވަތަ ކަރުދާހުގައި ފާހަގަޖެހުމުގައި ކުށްތައް އިތުރުވުމުގެ ފުރުސަތު ބޮޑެވެ. ހާއްސަކޮށް ވަސީލަތްތައް މަދު ނުވަތަ ދުރު ރަށްރަށުގައި މިފަދަ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.
މީގެ އިތުރުން، ވޯޓު ގުނުމާއި ނަތީޖާ ކަށަވަރުކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވެ، އިލެކްޝަންސް ކޮމިޝަނަށް އޮންނަ ބުރަ އިތުރުވެގެންދާނެ އެވެ. އެކުއެކީގައި އިންތިހާބުތައް ބާއްވާއިރު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަކީ ވަކި ދެ އިންތިހާބެއްކަން ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށްޓަކައި، ކުރިއަށްވުރެ ބޮޑަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގަން މަޖުބޫރުވާނެ އެވެ. އެއީ ރާއްޖޭގައި މާބޮޑަށް ސަމާލުކަން ދެވޭ ކަމެއް ވެސް ނޫނެވެ.
ޑިމޮކްރެޓިކް ނިންމުންތަކުގައި ރައްޔިތުން ބައިވެރިވަނީ އެމީހުންގެ މަންދޫބުން މެދުވެރިކޮށެވެ. އެހެންކަމުން، ރައްޔިތުންގެ މަންދޫބުންނަކީ ރައްޔިތުންގެ މައްޗަށް އެއްވެސް ނުފޫޒެއް ނެތި، މިނިވަންކަމާއެކު އިންތިހާބުކުރެވިފައިވާ ބަޔަކަށް ވާން ޖެހެ އެވެ.
މަޖިލިސް އިންތިހާބަށް ވަކި ފުރުސަތެއް ނުދީ، ރިޔާސީ އިންތިހާބާ އެކުގައި ބާއްވާނަމަ، އޭރަކު ވެރިކަމުގައި ތިބޭ ބަޔަކަށް އޭގެ ސިޔާސީ ފައިދާ ލިބުމުގެ ފުރުސަތު ބޮޑެވެ. ސަރުކާރުގެ ވަޒީފާތަކާއި، ފުރުސަތުތަކާއި ނުފޫޒާއި ބިރު ދެއްކުމުން އިންތިހާބުގެ ނަތީޖާ އޭރަކު އޮންނަ ސަރުކާރަކަށް ލެންބުމަކީ ގާތުގައިވާ ކަމެކެވެ. 'މަންފާއަށް ވޯޓު ދިނުން' އާންމުވެފައިވާ، ރާއްޖެ ފަދަ ތަނެއްގައި މިއީ ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
ރިޔާސީ ނިޒާމުތަކުގައި، އިންތިހާބުތައް ބާއްވާ ތާރީހުތަކަކީ ހަމައެކަނި އިޖުރާއީ ކަމެއް ނޫނެވެ. އެއީ ދައުލަތުގެ ބާރުތައް ބޭނުންކުރާ ގޮތާއި، އެ ބާރުތައް ހިފެހެއްޓުމަށް ބައްޓަންކުރެވިފައިވާ މުހިންމު ވަސީލަތެކެވެ. އެމެރިކާއަކީ އިންތިހާބުތައް އެކި މަރުހަލާތަކަށް ބަހާލައިގެން ބާއްވާ ނިޒާމެއްގެ އެންމެ ފާހަގަކޮށްލެވޭ މިސާލެވެ. އެ ގައުމުގެ ގާނޫނުއަސާސީގެ ދަށުން ރައީސަކު އިންތިހާބު ކުރެވެނީ ހަތަރު އަހަރުގެ ދައުރަކަށެވެ. ނަމަވެސް، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެންބަރުން ކޮންމެ ދެ އަހަރަކުން އިންތިހާބު ކުރަންޖެހޭއިރު، ސެނެޓުގެ ތިންބައިކުޅަ އެއްބައި މެންބަރުންވެސް ކޮންމެ ދެ އަހަރަކުން އައު ކުރެވެ އެވެ. މިއީ އެމެރިކާ ފަދަ ބޮޑު ގައުމެއްގައި ކުރުން ފަސޭހަ ކަމެއް ވެސް ނޫނެވެ. އެހެންނަމަވެސް މިއީ ޑިމޮކްރެސީއަށްޓަކައި ކުރަންޖެހޭ ހޭދައެއް ކަމުގައި ދެކި، އެ ގައުމުން އެދަނީ އެކަން ކުރަމުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ރިޔާސީ ދައުރުގެ މެދުތެރެއިން "މިޑްޓާމް" އިންތިހާބުތައް ބޭއްވެ އެވެ. މިއީ ހަމައެކަނި ސިޔާސީ ހަރަކާތްތަކެއް ނޫނެވެ. މިއީ ސަރުކާރު ޖަވާބުދާރީކުރުވުން ކަށަވަރުކުރުމަށްޓަކައި ދުސްތޫރުގައި ކަނޑައަޅާފައިވާ މުހިންމު ނިޒާމެކެވެ.
މިޑްޓާމް އިންތިހާބުތަކުގެ އެންމެ ބޮޑު އެއް ފައިދާއަކީ މެދުކެނޑުމެއްނެތި ސަރުކާރު ޒިންމާދާރުކުރުވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބުމެވެ. ސަރުކާރުގެ މަސައްކަތްތަކާމެދު ހިތްހަމަޖެހޭތޯ ނުވަތަ ނޫންތޯ ބަޔާންކުރުމަށް ރައްޔިތުން ހަތަރު އަހަރުގެ ދައުރު ނިމެންދެން މަޑުކުރާކަށް ނުޖެހެ އެވެ. އިގުތިސާދީ ގޮތުން ނުވަތަ ހާރިޖީ ސިޔާސަތުގެ ދާއިރާއިން ސަރުކާރު ފޭލިވެފައިވާކަމަށް ނުވަތަ ދުސްތޫރީ އިމުން ބޭރުވެފައިވާކަމަށް ރައްޔިތުންނަށް ފެންނަނަމަ، މި އިންތިހާބުގެ ތެރެއިން ކޮންގްރެސްގައި އޮތް ސަރުކާރު ނިސްބަތްވާ ޕާޓީގެ އަގުލަބިއްޔަތު ކުޑަކުރުމުގެ ބާރު ރައްޔިތުންނަށް ލިބެ އެވެ.
މިޑްޓާމް އިންތިހާބުތަކުގެ ސަބަބުން ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމުގެ އުސޫލު އިތުރަށް ވަރުގަދަ ވެ އެވެ. ގާނޫނު ހެދުމާއި، ބަޖެޓު ފާސްކުރުމާއި، ސަރުކާރު މޮނިޓަރ ކުރުމުގެ ބާރު އޮންނަނީ ކޮންގްރެސްއަށެވެ. މިޑްޓާމް އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ އެއް ގެ ނުވަތަ ދެ ގޭގެ އަގުލަބިއްޔަތު ހޯދައިފިނަމަ، ރައީސަށް ޖެހިވަޑައިގަންނަވާނީ މަޝްވަރާގެ އުސޫލުން ވެރިކަން ހިންގުމަށެވެ. މިއީ އެއްވެސް ހިފެހެއްޓުމެއް ނެތި ސަރުކާރުން ބާރުތައް ބޭނުންކުރުން ހުއްޓުވައިދޭނެ ކަމެކެވެ. ރައީސަކު މަގާމާ ހަވާލުވެވަޑައިގަންނަވާއިރު ކިތަންމެ ބޮޑު ބާރެއް އޮތް ނަމަވެސް، ދެ އަހަރު ފަހުން ބާއްވާ އިންތިހާބުން އެ ބާރުތައް މެދުމިނަކަށް ބަދަލުކޮށްލުމުގެ ފުރުސަތު އޮވެ އެވެ. އެހެންކަމުން މިއީ މުޅި ރިޔާސީ ދައުރުގައި އެންމެ ފަރާތަކުން ވެރިކަން ކޮންޓްރޯލް ކުރުން ހުއްޓުވުމަށް ފަރުމާކުރެވިފައިވާ ނިޒާމެކެވެ.
މިޑްޓާމް އިންތިހާބުތަކަކީ ސިޔާސީ ގޮތުން އަންނަ ލޮޅުންތައް ކުޑަކޮށް، ކަންކަން އިސްލާހުކުރުމަށް ލިބޭ ރަސްމީ ވަސީލަތެކެވެ. ރައީސް އަޒުލުކުރުން ނުވަތަ މަގާމުން އިސްތިއުފާ ދިނުން ފަދަ އާދަޔާހިލާފު ފިޔަވަޅުތަކުގެ ބަދަލުގައި، ރަސްމީކޮށް ތާވަލުކުރެވިފައިވާ އިންތިހާބުތަކުން މަޖިލީހުގެ ބާރުތައް ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކޮށްލެވެ އެވެ. މިކަމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުގެ ހަމަޖެހުން ދިގުމުއްދަތަކަށް ދެމިއޮވެ އެވެ. މިފަދަ ގިނަ އިންތިހާބުތަކުގެ ސަބަބުން ސަރުކާރުގެ މަސައްކަތްތަކަށް މަޑުޖެހުން އަންނަކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، މި ނިޒާމަށް ތާއީދުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، މިއީ އަވަސް ނިންމުންތަކަށްވުރެ ބޮޑަށް ޖަވާބުދާރީކުރުވުމަށް އިސްކަންދިނުމަށް ގަސްދުގައި ފަރުމާކުރެވިފައިވާ ނިޒާމެކެވެ.
ލެޓިން އެމެރިކާގެ ގައުމުތަކަކީ މިފަދަ ނިޒާމުތަކުގެ އެންމެ ސާފު މިސާލުތަކެވެ. ބްރެޒިލް އަދި މެކްސިކޯ ފަދަ ގައުމުތަކުގައި ރިޔާސީ އިންތިހާބާއި ކޮންގްރެސް (މަޖިލިސް) އިންތިހާބު ބާއްވަނީ އެއް ދުވަހެއްގަ އެވެ. އިންތިހާބީ އެއް ބުރުގެ ތެރޭގައި ރައީސާއި މަޖިލިސް މެންބަރުން އިންތިހާބު ކުރެވޭއިރު، ގާނޫނުގައި ކަނޑައެޅިފައިވާ ނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ފަހުގެ ތާރީހެއްގައި ބޭއްވިދާނެ އެވެ. މިފަދަ އިންތިޒާމުތަކުގެ ސަބަބުން، ހާއްސަކޮށް ރިޔާސީ ކެންޑިޑޭޓަކީ ވަރަށް މަގުބޫލު ބޭފުޅެއް ނަމަ، ރިޔާސީ އިންތިހާބުގެ ނަތީޖާއާއި މަޖިލީހުގެ ނަތީޖާ އެއްގޮތްވުމަށް މަގުފަހި ވެ އެވެ.
ބްރެޒިލްގައި އޮންނަނީ ރައީސާއި ކޮންގްރެސް އެއްވަގުތެއްގައި އިންތިހާބުކުރާ ރިޔާސީ ނިޒާމެކެވެ. ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވާ އާންމު އިންތިހާބުގައި، ރައީސާއި، 'ޗޭމްބަރ އޮފް ޑެޕިއުޓީސް' ގެ މެންބަރުންނާއި، 'ފެޑަރަލް ސެނެޓް' ގެ ބައެއް މެންބަރުން ހޮވުމަށް ވޯޓުލާނީ އެއް ތާރީހެއްގަ އެވެ. ފުރަތަމަ ބުރުގައި އެއްވެސް ރިޔާސީ ކެންޑިޑޭޓަކަށް ފުރިހަމަ އަގުލަބިއްޔަތު ނުލިބިއްޖެނަމަ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެވަނަ ބުރެއް ބާއްވަ އެވެ.
އިންޑޮނޭޝިޔާއަކީ ދުނިޔޭގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ބޮޑު އިންތިހާބީ ހަރަކާތެއް ހިންގާ އެއް ގައުމެވެ. އެ ގައުމުގައި ރިޔާސީ އަދި މަޖިލިސް އިންތިހާބު ބާއްވަނީ އެއްވަގުތެއްގަ އެވެ. މިގޮތަށް އިންތިހާބުތައް އެއްކޮށްލަން އެ ގައުމުން ނިންމީ އިދާރީ ގޮތުން ހަރުދަނާކުރުމަށާއި، ހަރަދު ކުޑަކުރުމުގެ އިތުރުން، ސަރުކާރާއި މަޖިލީހުގެ މެންޑޭޓް އެއްގޮތް ކުރުމުގެ ބޭނުމުގަ އެވެ. އިންޑޮނޭޝިޔާގެ ބޮޑުމިނާއި އާބާދީއަށް ބަލާއިރު، އިންތިހާބެއް ބޭއްވުމަކީ ވަރަށް ބޮޑު މަސައްކަތެކެވެ. ސިޔާސީ ގޮތުން ބަލާއިރު، މި އުސޫލުގެ ސަބަބުން ރިޔާސީ ދައުރުގެ ކުރީކޮޅު ސަރުކާރުގެ ބާރުވެރިކަން އިތުރުވެގެންދެ އެވެ. އެހެންނަމަވެސް، އިންޑޮނޭޝިޔާގައި އޮންނަ ގިނަ ޕާޓީތައް ހިމެނޭ ނިޒާމުގެ ސަބަބުން، އިންތިހާބު އެއްކޮށް ބޭއްވި ކަމުގައިވިޔަސް ކޯލިޝަން ހެދުމަކީ ވެސް އެ ގައުމުގައި އާންމު ކަމެކެވެ.
ތުރުކީގެ ރިޔާސީ ނިޒާމުގެ ދަށުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވަނީ އެއް ތާރީހެއްގަ އެވެ. ރައީސުލްޖުމްހޫރިއްޔާއާއި 'ގްރޭންޑް ނޭޝަނަލް އެސެމްބްލީ' ގެ އިންތިހާބު އޮންނަނީ އެއް ދުވަހެއްގަ އެވެ. މި އިންތިޒާމުގެ ސަބަބުން ރައީސްގެ ޕާޓީއަށް ނުވަތަ ކޯލިޝަނަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުގެ ފުރުސަތު ބޮޑުވެ އެވެ. މީގެ ސަބަބުން ސަރުކާރާއި މަޖިލީހާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ހިންގުމުގައި ދިމާވާ ހުރަސްތައް ކުޑަވެގެންދެ އެވެ.
ތުރުކީގައި މި ނިޒާމު އޮތްއިރު، ފްރީޑަމްހައުސްގެ މިންގަނޑުތަކުން ބަލާއިރު ތުރުކީ އަކީ ނަމޫނާ ޑިމޮކްރެސީއެއް ނޫނެވެ. އެ ގައުމުގައި އޮތީ ބާރުތައް އެއްކުރުމާއި، އިންތިހާބީ އިދާރާތަކަށް ނުފޫޒު ފޯރުވުން ފަދަ އެތައް ތުހުމަތެއް ކުރެވޭ ސަރުކާރެކެވެ.
ސަރުކާރުގެ ދައުވާގެ އަސްލު ބިނާވެފައި އޮތީ މައިގަނޑު ގޮތެއްގައި ސަލާމަތްކުރެވޭ ފައިސާގެ މައްޗަށެވެ. އެހެންނަމަވެސް، ރިޔާސީ އިންތިހާބުގެ އިންތިހާބީ އޮޅިގަނޑުގެ ސަބަބުން ދެ ބުރެއް ބާއްވަންޖެހުމާއި، އެކަމަށް ހިނގާ ހޭދައަށް ބަލާއިރު، މިހާރު ދެ އިންތިހާބު ވަކިން ބޭއްވުމަށް ހިނގާ ހަރަދު ސަލާމަތްކުރެވޭނީ ކުޑަ މިންވަރެކެވެ. އެހެންކަމަށް ވުމާއެކު، ރައްޔިތުންގެ ކުރިމަތީގައި އޮތީ ސާދާ ސުވާލެކެވެ. އެއީ، ބޭނުންވަނީ ކުޑަކުޑަ ހަރަދެއް ސަލާމަތްކުރުމަށްޓަކައި އެއް ދުވަހެއްގައި އިންތިހާބު ބާއްވާ ނިޒާމެއްތޯ ނުވަތަ ސިޔާސީ ގޮތުން ރައްޔިތުން ބަސްބުނުމުގެ ދެ ފުރުސަތު ލިބިދޭ ގޮތަށް ވަކިވަކިން އިންތިހާބު ބާއްވާ ނިޒާމެއްތޯ އެވެ. ސަލާމަތްވާ ފައިސާއާއި، އެ ފައިސާގެ އަގުގެ ގޮތުގައި އެކަމަށްޓަކައި ގުރުބާންކުރަންޖެހޭ ކަންކަމަށް ވިސްނައި ގޮތެއް ނިންމާނީ ރައްޔިތުންނެވެ.
ފެންނަނުފެންނަ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، މި ނިންމުމަކީ ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ޑިމޮކްރަސީގެ މިސްރާބާއި ދުވެލި ބައްޓަންވެގެންދާނެ ގޮތް ކަނޑައަޅާ، މުހިންމު ނިންމުމެކެވެ.
ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ބަހުސްގެ ދެ ފަރާތަށް ނަޒަރެއް ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ބަހުސްގެ ދެ ފަރާތަށް ނަޒަރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ