ކްރެޑިޓް ކާޑަށް 13,000 އަށްވުރެ ގިނަ ޑޮލަރު ނުދައްކާތީ، އޮންދިގޯ ޖުނައިދުގެ މައްޗަށް ހުކުމެއް
ބޭންކް އޮފް މޯލްޑިވްސްއިން، އޮންދިގޯ ކުންފުންޏަށް ދޫކޮށްފައިވާ، ކޯޕަރޭޓް ކްރެޑިޓް ކާޑަށް ފައިސާ ނުދައްކައިގެން އެ ކުންފުންޏާއި، ކުންފުނީގެ ޗެއާމަން މުހައްމަދު ޖުނައިދުގެ މައްޗަށް ހުކުމެއް ކޮށްފިއެވެ. ބޭންކް އޮފް މޯލްޑިވްސްއިން އޮންދިގޯ ކުންފުންޏަށް ދޫކޮށްފައިވާ ކޯޕަރޭޓް ވިސާ ކާޑަށް ފައިސާ ނުދައްކައިގެން އެ ކުންފުންޏާއި ކުންފުނީގެ ނޮމިނީގެ ގޮތުގައި ކަނޑައަޅާފައިވާ ކުންފުނީގެ ޗެއާމަން ޖުނައިދުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކުރީ ކްރެޑިޓް ކާޑުން ބޭނުންކޮށްފައިވާ 13,000 އަށްވުރެ ގިނަ ޑޮލަރު ނުދައްކައިގެންނެވެ. މިދިޔަ ޑިސެމްބަރު މަހު ބޭންކުން ދައުވާ ކުރި މި މައްސަލަ މިއަދު ނިންމީ، މިއަދުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ހުކުމްކޮށްގެނެވެ. މި މައްސަލައިގެ ޝަރީއަތަށް އޮންދިގޯގެ ފަރާތުން އަދި ޖުނައިދު ވެސް ހާޒިރު ނުވާތީ މައްސަލަ ނިންމީ ޣައިރު ހާޒިރުގައެވެ. މި މައްސަލަ ސިވިލް ކޯޓުން ނިންމީ އެ ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅެވެ. ރާއްޖެއަށް އެކި ބާވަތްތަކުގެ މުދާ އެތެރެކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ އޮންދިގޯ ޕްރައިވެޓް ލިމިޓެޑުން ޖީއެސްޓީ އާއި ޕްލާސްޓިކް ކޮތަޅު ފީ އާއި އެ ފައިސާ ނުދެއްކުން އަރާފައިވާ ޖޫރިމަނާއާ އެކު، 8.5 މިލިއަން ރުފިޔާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކަން ސިވިލް ކޯޓުން މިދިޔަ ނޮވެމްބަރު މަހު ހުކުމްކޮށްފައިވެއެވެ. އެ ހުކުމުގައިވާ ގޮތުން، 2020 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އޮންދިގޯއިން ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ 7.3 މިލިއަން ރުފިޔާ އެ ކުންފުނިން އޮތީ ނުދައްކައެވެ. އެހެންވެ، ޖޫރިމަނާގެ ގޮތުގައި އެ ކުންފުނިން 1.8 މިލިއަން ރުފިޔާ ދައްކަން ޖެހޭ އިރު ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ދައްކަން ޖެހޭ 474 ރުފިޔާ ވެސް އޮންދިގޯއިން ނުދައްކާ ކަމަށް ހުކުމުގައިވެއެވެ. އެ ހުކުމްވެސް ކުރީ އެ ކުންފުނީގެ ޣައިރުހާޒިރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ