ސްރީ ލަންކާގެ ކޯޗުކަމުން މުތައިރީ ވަކިވެއްޖެ ސްރީ ލަންކާގެ ކޯޗުކަމުން މުތައިރީ ވަކިވެއްޖެ

ކޮލަމްބޯ، ސްރީ ލަންކާ (ޖެނުއަރީ 23) - ސްރީ ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ކުވެއިތުގެ އަބްދުﷲ އަލް މުތައިރީ ވަކިވެއްޖެ އެވެ.
މުތައިރީ ބުނެފައިވަނީ މިއީ، ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނާ މަޝްވަރާ ކުރުމަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ.
ލަންކާއާ 2024 ވަނަ އަހަރު ހަވާލުވެހުރި، އިނގިރޭސި ކޯޗު އެންޑީ މޮރިސަން އަށް ދިމާވި އަނިޔާގެ މައްސަލައަކާ ހުރެ، އޭނާ ސާޖަރީއެއް ހަދަން ޖެހުމުން އޭނާ ވަނީ ބްރޭކެއް ނަގައިފަ އެވެ. އެ މުއްދަތާ ދިމާވީ، އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފްގައި ލަންކާ އާއި ކެމްބޯޑިއާ މެޗު ތާވަލުކުރި ދުވަސްވަރަށެވެ. އެ ގޮތުން، އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފް ދެ މެޗުގައި ރަނގަޅަށް ކުޅެ، މުތައިރީގެ ކޯޗު ކަމުގައި، ކެމްބޯޑިއާ އަތުން ލަންކާ މޮޅުވުމާ ގުޅިގެން، އޭނާއާ މެދު ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ހިތްހަމަޖެހުމުން ދާއިމީ ކޮންޓްރެކްޓެއް ދިނީ އެވެ.
ކުރިން އަފްގާނިސްތާން އާއި ނޭޕާލަށް ކޯޗުކޮށްދިން މުތައިރީގެ ކޯޗުކަމުގައި ލަންކާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދިއިރު، އެކި ގައުމުތަކުގައި ތިބި ލަންކާ އަށް ކުޅެވޭނެ ކުޅުންތެރިން ގެނެސް، ލަންކާގައި ވަރުގަދަ ގައުމީ ޓީމެއްގެ ސެޓަޕެއް ހެދީ މުތައިރީގެ އިރުޝާދާ އެކު އެވެ. އެހެން ނަމަވެސް، ފާއިތުވި މަސްތަކުގައި، މުތައިރީ ބޭނުންވާ ގޮތަށް ކަންކަން ހަމަޖައްސައިދިނުމުގައި ލަންކާ ފެޑެރޭޝަނަށް އެއްބަސްވެވޭ ގޮތްނުވުމުން މައްސަލަތަކެއް ދިމާވެ، އެންމެ ފަހުން، ދެ ފަރާތް މަޝްވަރާކުރުމަށް ފަހު މި ވަނީ ކޮންޓްރެކްޓް ނިމުމަކަށް ގެނެސްފަ އެވެ.
މުތައިރީއާ އެކު، ލަންކާ އިން ހެދި ކޮންޓްރެކްޓް މި އަހަރުގެ ނިޔަލަށް އޮތް ނަމަވެސް އެ މުއްދަތު ހަމަވުމުގެ މާ ކުރިން އޭނާ މި ވަނީ އެ ޓީމު ދޫކޮށްލައިފަ އެވެ. ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ނޭޕާލް ގެންގޮސްދިން މުތައިރީގެ އިރުޝާދުގެ ދަށުން ލަންކާ އިން ޖުމްލަ 15 މެޗު ކުޅެފައިވެ އެވެ. އޭގެ ތެރެއިން ހަ މެޗުން މޮޅުވިއިރު، ހަ މެޗުން ބަލިވިއިރު، ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ