'ހޯމްބައުންޑް' މި އަހަރުގެ އޮސްކާ އެވޯޑު ރޭހުން ކަޓައިފި

މި އަހަރުގެ އޮސްކާ އެވޯޑުގެ އެންމެ މޮޅު ބޭރު ފީޗާ ފިލްމު ކެޓަގަރީއަށް އިންޑިއާއިން ހުށަހެޅި ފިލްމު "ހޯމްބައުންޑް" އެ ކެޓަގަރީއަށް ޝޯޓްލިސްޓުވި ނަމަވެސް އެންމެފަހު މަރުހަލާއަށް ނޮމިނޭޓް ނުވެ އޮސްކާ ރޭހުން ފިލްމު ކަޓައިފިއެވެ. ދަރުމާ ޕްރޮޑަކްޝަންސްއަށް ޑައިރެކްޓަރު ނީރަޖް ޕާންޑޭ ލިޔެ ޑައިރެކްޓްކުރި "ހޯމް ބައުންޑް" މި އަހަރުގެ އޮސްކާ އެވޯޑުގެ އެންމެ މޮޅު ބޭރު ފީޗާ ފިލްމު ކެޓަގަރީއަށް ޝޯޓުލިސްޓުވިކަން އިއުލާނުކުރީ މިދިޔަ ޑިސެމްބަރު މަހުތެރޭގައެވެ. ފިލްމު ޝޯޓުލިސްޓުވިކަން އިއުލާނު ކުރުމާއެކު އެ ކެޓަގަރީއަށް "ހޯމްބައުންޑް" ނޮމިނޭޓްވާނެ ކަމުގެ އުއްމީދު ވަރަށް ގިނަ ބަޔަކު ކުރިއެވެ. ނަމަވެސް އެ ކެޓަގަރީއަށް ޝޯޓްލިސްޓްކުރި 15 ފިލްމުތަކުގެތެރެއިން ހޮވި އެންމެ މޮޅު 5 ފިލްމުގެތެރޭ "ހޯމްބައުންޑް" ނުހިމެނުމުން ވަރަށް ގިނަބަޔަކު ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ. ފިލްމު "ހޯމްބައުންޑް"ގެ ޑައިރެކްޓަރު ނީރަޖް ޕާންޑޭ-- ފޮޓޯ/ އެންޑީޓީވީ އެގޮތުން އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ ނަމްރަތާ ޒަކާރިއާ ވަނީ ފިލްމު "ހޯމްބައުންޑް"އަށް ގަދަ ފަހަކުން ފުރުސަތު ނުލިބުން އެއީ ވަރަށް ލަދުވެތި ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާގެ ޝުއޫރުތައް ފާޅުކޮށްފައެވެ. ނުސީދާ ގޮތަކަށް ދަ އެކަޑެމީ އޮފް މޯޝަން ޕިކްޗާސް އާޓްސް އެންޑް ސައިންސަށް ފާޑުކިޔަމުން ނަމްރަތާ ބުނީ، "ހޯމް ބައުންޑް" އަކީ މިހާތަނަށް އިންޑިއާގައި އުފެއްދި އެންމެ އުފެއްދުންތެރި އަދި އެހާމެ މުހިއްމު ފިލްމެއް ކަމަށެވެ. އެ ފިލްމަކީ ވަރަށް ގިނަ ބައެއްގެ ހުވަފެންތަކެއްގައި ކުލަޖައްސައިދީ އުއްމީދު އާ ކުރުވި ފިލްމެއް ކަމަށާއި އެހާ ރީތި ފިލްމެއް އުފެއްދީތީ ޑައިރެކްޓަރު ނީރަޖް ގިއަވަން އަށާއި ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރަށް ނަމްރަތާ ވަނީ ޝުކުރު އަދާކޮށްފައެވެ. ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު މާޓިން ސްކޮސީސް އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެފައިވާ "ހޯމްބައުންޑް" ގެ ތަރިންނަކީ އިޝާން ޙައްތަރާއި ވިޝާލް ޖެތުވާގެ އިތުރުން ޖާންވީ ކަޕޫރެވެ. އިންޑިއާ އިން ކޮންމެ އަހަރަކު ވެސް އޮސްކާގެ ފީޗާ ފިލްމު ކެޓަގަރީ އަށް ފިލްމު ހުށަހެޅި ނަމަވެސް މި ފަހުގެ ތާރީހެއްގައި އެއްވެސް ފިލްމެއް ޝޯޓްލިސްޓެއް ވެސް ނުވެ އެވެ. މިހާތަނަށް އިންޑިއާއިން އޮސްކާއަށް ހުށަހެޅި ފިލްމުތަކުގެތެރެއިން އެ ކެޓެގަރީއަށް ނޮމިނޭޓްވި ހަމައެކަނި ފިލްމަކީ 2002 ވަނަ އަހަރު ރިލީޒްކުރި އާމިރު ޚާންގެ ފިލްމު "ލަގާން"އެވެ. މި އަހަރު ބާއްވާ 98 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗަ ފިލްމަށް ނޮމިނޭޓްވި ފަސް ފިލްމަކީ ބްރެޒިލްގެ ފިލްމު "ދަ ސީކްރެޓް އެޖެންޓް"، ފްރާންސްގެ ފިލްމު "އިޓް ވޯޒް ޖަސްޓް އޭން އެކްސިޑެންޓް، ނޯވޭގެ "ސެންޓިމެންޓަލް ވެލިޔު، ސްޕެއިންގެ "ސިރާތު އަދި ޓިއުނީޝިއާގެ ފިލްމު "ދަ ވޮއިސް އޮފް ހިންދް ރަޖަބް"އެވެ. އޮސްކާ ނުވަތަ އެކަޑެމީ އެވޯޑަކީ ފިލްމީ ދާއިރާ އިން ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އަހަރުގެ އެވޯޑު ހަފްލާ އޮންނާނީ މާޗް މަހުގެ 15ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ