100 ވަނަ މިނެޓުގެ ވެންޑައިކްގެ ލަނޑެއް، އެވަޓަންގެ މައްޗަށް ލިވަޕޫލުން ކުރިހޯދައިފި

ފަހުވަގުތު ވާޖިލް ވެން ޑައިކް ޖަހައިދިން ލަނޑާއެކު ލިވަޕޫލުން ހިލް ޑިކިންސަން ސްޓޭޑިއަމްގައި މާސީ ސައިޑް ޑާބީގައި ފުރަތަމަ ޕްރިމިއާ ލީގު މޮޅު ހޯދައިފި އެވެ.
މި މޮޅާއެކު ގަދަ ފަހެއް ކަށަވަރުކުރުމަށް ލިވަޕޫލުން ކުރަމުން އަންނަ މަސައްކަތުގައި އެޓީމު މިވަނީ 7 ޕޮއިންޓްގެ ތަފާތަކުން ކުރިއަށް ޖެހިލާ ހަަމަޖެހުމުގެ ނޭވައެއް ލައިފަ އެވެ.
މިރޭ ކުޅެވުނު މެޗުގައި އެވަޓަންގެ މައްޗަށް ލިވަޕޫލުން ކުރިހޯދީ 2 - 1 ގެ ނަތީޖާއަކުންނެވެ. މިރޭ ލިވަޕޫލަށް ލީޑު ނަގައިދިނީ 29 ވަނަ މިނެޓުގައި އެޓީމުގެ ތަޖުރިބާކާރު ވިންގަރު މުހައްމަދު ސަލާހު އެވެ.
މިއީ ލިވަޕޫލްގެ ޖާޒީގައި މާސީ ސައިޑް ޑާބީއެއްގައި މުހައްމަދު ސަލާހު ކުޅުނު އެންމެ ފަހު މެޗުކަން ވެސް ފާހަގަކޮށްލެވެ އެވެ. މިމެޗުގައި 1 ލަނޑުގެ ލީޑެއްގައި އޮވެ ފުރަތަމަ ހާފު ނިންމާލި އެވެ.
އެހެންނަމަވެސް ދެވަނަ ހާފު ފެށިގެން މެޗުގެ 54 ވަނަ މިނެޓުގައި ބެޓޯ އެވަޓަންއަށް އެއްވަރުކޮށްދީ ލިވަޕޫލް މާޔޫސްކޮށްލި އެވެ. އެހެންނަމަވެސް ލިވަޕޫލަށް ދިރުން ގެނެސްދީ މެޗުގެ އިތުރުވަގުތުގެ ގޮތުގައި ދެއްކި 11 މިނެޓުގެ ތެރެއިން 10 ވަނަ މިނެޓުގައި ޑިފެންޑަރު ވާޖިލް ވެން ޑައިކް ޖަހައިދިން ލަނޑާއެކު އެވެ.
މިލަނޑާއެކު އެވަޓަން ސިއްސުވާލާ ލިވަޕޫލުން މެޗު ކާމިޔާބުކުރިއިރު އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ލިވަޕޫލަށް މިވަނީ ހިތްހަމަ ޖެހުމެއް ލިބިފަ އެވެ.
އެޓީމަށް ޗެމްޕިއަންސް ލީގު ގާތްގަނޑަކަށް ޔަގީންވެފައިވާއިރު މިސީޒަނުގައި އެއްވެސް ތައްޓެއް ނުލިބި ނިންމާލަން ޖެހުނު ކަމުގައިވީ ނަމަވެސް މިއީ އެޓީމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ