ކުޅުދުއްފުށީގައި ރުކަކުން ވެއްޓި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަނީ
ހދ. ކުޅުދުއްފުށީގައި ރުކަކުން ވެއްޓި އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި، އޭނާ އިތުރު ފަރުވާއަށް މިރޭ މާލެ ފޮނުވާނެ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި އަނިޔާވެފައިވަނީ ހދ. ނޭކުރެންދުއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ. 'ސަން'އަށް މައުލޫމާތު ދެމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ، ރުކުން ވެއްޓުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނައުމަށް ދަންވަރަށް އެއާއެމްބިއުލާންސް ހަމަޖެހިފައިވާ ކަމަށެވެ. އޭނާ އިތުރު ފަރުވާއަށް ގެންނަން ހަމަޖެހިފައިވަނީ އައިޖީއެމްއެޗަށް ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އެ މީހާއަށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދާތާ މިއަދަށް މިއީ ތިންވަނަ ދުވަހެވެ. https://sun.mv/220820 މި ހާދިސާއާ ގުޅޭގޮތުން ކުޅުދުއްފުށީ ހުޅަނގު އުތުރު ކައުންސިލަރު އަޙްމަދު ޢަބްދުﷲ ވިދާޅުވީ، ރުކުން ވެއްޓުނު މީހާއަކީ އެ ދުވަހުވެސް ރުކަށް އަރައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށެވެ. އޭނާ ރުކުން ވެއްޓުނީ މަސައްކަތުގެ ތެރެއިން ކުޑަ ބްރޭކެއް ނެގުމަށްފަހު، އަލުން ރުކަށް އަރައި މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ކައުންސިލަރު މައުލޫމާތު ދެއްވިއެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް، ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ