ފައްޔާޒުގެ ހުށަހެޅުއްވުމަށް ބޭބެ އިބުރާ: ގާނޫނުއަސާސީއަށް ހުށަހަޅަމުންދާ ބަދަލުތައް ރަނގަޅެއްނޫން

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ގާނޫނުއަސާސީއަށާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން މިއަދު ހުށަހެޅުއްވި އިސްލާހުތައް ރަނގަޅު ނޫން ކަމަށް، ފައްޔާޒުގެ ބޭބެ އަދި ގާނޫނުއަސާސީ އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އިބްރާހީމް އިސްމާއީލް (އިބުރާ) މިރޭ ވިދާޅުވެއްޖެއެވެ. ނަޝީދާއި ފައްޔާޒު 'ބޮޑު ބަދަލެއް'ގެ ނަމުގައި މިއަދު ހުށަހެޅުއްވި ކަންތައްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުމެވެ. އެއީ ސަރުކާރުގެ ވެރިޔާ މަޖިލީހަށް ޖަވާބުދާރީކުރުވޭނެ ގޮތަކަށް ނިޒާމު ބައްޓަންކުރުމާއި، ދައުލަތުގެ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައެޅުން ހިމެނޭ ގޮތަށެވެ. އެ ކަންކަމަށް އިޝާރާތްކުރައްވައި، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އިބުރާ ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް އޮތީ "ފުރިހަމަ ރިޔާސީ" ނުވަތަ "ފުރިހަމަ ބަރުލަމާނީ" ނިޒާމެއް ނޫން ކަމަށެވެ. އެގޮތުން މިހާރު އޮތީ، ރައްޔިތުންގެ ގިނަ މަޝްވަރާއާއެކު، ރައްޔިތުންގެ މަންދޫބުން އެއްތާކު ތިބެ ހަތަރު އަހަރު ވަންދެން މަޝްވަރާކޮށް، ބަޙުސްކޮށް، ޒުވާބުކޮށްގެން އެއްބަސްވުމަކަށް އައި ނިޒާމެއް ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/220838 ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ މެމްބަރުކަން އަދި ޑްރާފްޓިން ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި އިބްރާ ވިދާޅުވީ، ރާއްޖޭގައި އޮތީ މަސްހުނި ނިޒާމެއް ކަމަށެވެ. އެ ނިޒާމު އެކުލަވާލުމުގައި ދުނިޔޭގެ 22 ގައުމެއްގެ ގާނޫނުއަސާސީ ދިރާސާކުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކަމުގައި އޭރު ދުނިޔޭގައި ތިއްބެވި އެންމެ ތަޖުރިބާކާރު ހަތަރު މާހިރުންގެ ތެރެއިން އެއް ބޭފުޅަކު، ދޮޅުއަހަރުވަންދެން މަސައްކަތް ކުރި ކަމަށް އިބުރާ ވިދާޅުވިއެވެ. މީގެ އިތުރުން ގާނޫނުއަސާސީގެ ފުރަތަމަ ޑްރާފްޓް ނިމުމުން، އިސްލާމީ ޝަރީޢާގެ ދާއިރާގެ އެންމެ މަޝްހޫރު އެއް ދުސްތޫރީ މާހިރަކު ގެނެސްގެން، އިސްލާމް ދީނާ ޚިލާފުކަމެއް އޮތްތޯ ބެލި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންވެ، ރާއްޖޭގެ ގާނޫނުއަސާސީއަކީ މިހާރު ދުނިޔޭގައި އޮތް، އެންމެ ޒަމާނަށް ފެތޭ ހަތަރު ގާނޫނުއަސާސީގެ ތެރޭގައި ހިމެނޭ ގާނޫނުއަސާސީއެއް ކަމަށް، ފޮތްތަކުގައި ލިޔެފައި ހުރި ކަމަށް އިބުރާ ވިދާޅުވިއެވެ. "މީގެ މާނައަކީ އެޔަށް ގެނެވިދާނޭ، އަދި ގެނައުން މުހިންމު ބަދަލު ނެތެކޭ ނޫނެވެ. އެބަހުއްޓެވެ. މި ފާއިތުވީ 16 އަހަރުގެ ތެރެއިން އެކަންކަން ފާހަގަވެއްޖެއެވެ. މިހައިތަނަށް ހުށަހެޅެމުންދާ ބަދަލުތަކަކީ އަދި ރަނގަޅު ބަދަލުތަކެއްނޫނެވެ." އޭނާ ލިޔުއްވާފައިވެއެވެ. އިބުރާ ވިދާޅުވީ ގާނޫނުއަސާސީއަށް މިހާރު މައިގަނޑު ގޮތެއްގައި ކުރާން އޮތް ކަމަކީ، ބައެއް މާއްދާތައް އިތުރަށް ތަފުސީލުކުރުން ކަމަށެވެ. އަދި މިހާތަނަށް ނުރަނގަޅުކޮށް މާނަކުރެވިފައިހުރި މާއްދާތައް، އޮޅުންނާރާނޭ ޢިބާރާތުން ލިޔުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ގިނަ ކަންކަމަކީ، ވަގުތު ނަގައިގެން، ސުޕްރީމް ކޯޓުގައި ބަޙުސްކުރުމަށް ފަހު ރަނގަޅަށް މާނަކޮށްދިނުމުން ހައްލުވާނެ ކަންކަމަށް އިބުރާ ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އިބްރާ ވަނީ އެމްޑީޕީ އުފެއްދުމުގެ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރައްވައިފައެވެ. އަދި އޭނާއަކީ އެ ޕާޓީގެ ފުރަތަމަ ރައީސް ވެސް މެއެވެ. ނަމަވެސް ނަޝީދާ ދެމެދު އުފެދުނު ޚިޔާލު ތަފާތު ވުމެއްގެ ތެރެއިން އެ ޕާޓީން ވަކިވެ، ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ)ގެ ނަމުގައި އޭނާ ޕާޓީއެއް އުފެއްދެވިއެވެ. އެއަށްފަހު 2008ވަނަ އަހަރު އެ ޕާޓީގެ ޓިކެޓުގައި އެ އަހަރުގެ ރިޔާސީ ރޭހުގައި ވެސް ވާދަ ކުރެއްވިއެވެ. އެ އިންތިޚާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވުމުން އޭނާ ދެވަނަ ބުރުގައި ނަޝީދަށް ތާއީދު ކުރެއްވިއެވެ. އަދި އެ އަހަރު އިންތިޚާބު ކާމިޔާބު ކުރި ކޯލިޝަނުގެ ތެރޭގައި އިބްރާގެ ޕާޓީ ހިމެނުނެވެ. ނަމަވެސް އޭނާ ވަނީ ފަހުން އެ ޕާޓީ ދޫކުރައްވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވިއެވެ. https://sun.mv/220834 އޭގެ ފަހުން 2023ވަނަ އަހަރު އޮތް އެމްޑީޕީގެ ސަރުކާރުގައި، ފައްޔާޒުގެ ޗެއާޕާސަން ހުންނަވަނިކޮށް އިބްރާ ވަނީ އަނެއްކާވެސް އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އޭރު އޭނާ ވަނީ ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި ސަރުކާރުން އަދުލު އިންސާފުގެ ނިޒާމަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައިފައެވެ. ނަޝީދާއި ފައްޔާޒުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ، އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާނެ ކަމަށާއި ފައްޔާޒް ވެރިކަމަށް ގެންނަން ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ