އާސެނަލް ބަލިކޮށް ސިޓީން އެންމެ ތިން ޕޮއިންޓާ ކައިރިއަށް ޖެހިލައިފި

މިރޭ މެންޗެސްޓަ ސިޓީގެ އަމިއްލަ ދަނޑުގައި އާސެނަލްއާ ކުރި ވާދައަށް ނުކުތުމުގެ ކުރިން ވެސް މިއީ މި ސީޒަންގައި އިނގިރޭސި ޕްރިމިއަ ލީގުގެ ޗެމްޕިއަންކަމާ ކައިރިއަށް ޖެހިލަން ސިޓީއަށް އެންމެ މުހިންމު ފިޔަވަޅު އެޅެން އޮތް މެޗުކަން އެނގެ އެވެ.
ކޯޗު ޕެޕް ގާޑިއޯލާއަކީ ތަށި ހޯދުމުގެ ތަޖުރިބާ ހުރި އަދި އޭނާގެ ޓީމަކީ މުހިންމު މެޗުތަކުގައި ނަތީޖާ ނެރޭނެ ބައެއްކަން އަނެއްކާވެސް ސާބިތުކޮށްދެވެން އޮތީ މި މެޗުގަ އެވެ.
މެޗު ނިމުނީ 2-1 އިން މޮޅުވެގެންނެވެ. އެއާ އެކު އާސެނަލްއާ އެންމެ ތިން ޕޮއިންޓް ކައިރިއަށް ޖެހިލީ އެވެ. އެއީ އާސެނަލްއަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. އެހެންކަމުން އަންނަ އަންގާރަ ދުވަހުގެ ރޭ ބާންލީ އަތުން ސިޓީ މޮޅުވެއްޖެ ނަމަ އާސެނަލްއާ ޕޮއިންޓްގެ ގޮތުން އެއްވަރުވާނެ އެވެ.
އާސެނަލް، ކުޅުނު 33، ފައިދާ ގޯލް 37، ޕޮއިންޓް 70
މެންޗެސްޓަ ސިޓީ، ކުޅުނު 32، ފައިދާ ގޯލް 36، ޕޮއިންޓް 67
މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 33، ޕޮއިންޓް 58
އެސްޓަން ވިލާ، ކުޅުނު 33. ޕޮއިންޓް 58
ލިވަޕޫލް، ކުޅުނު 33، ޕޮއިންޓް 55
މިރޭގެ މެޗުގެ ފުރަތަމަ ލަނޑު ސިޓީގެ ރަޔާން ޗެކްރީ 16 ވަނަ މިނިޓްގައި ޖެހިތާ ދެ މިނިޓް ތެރޭގައި އާސެނަލް އެއްވަރުކުރީ ކައި ހަވާޓްޒް ޖެހި ވަރަށް އާދަޔާ ހިލާފު ލަނޑަކުންނެވެ.
ފަހަތުން ސިޓީގެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާއަށް ދިން ބޯޅަ ސާފުކޮށްލަން އުޅެނިކޮށް ހަވާޓްޒް ވަރަށް ބާރަށް ދުވެ ފައި ކޮއްޕާލުމުން ގޮސް ވަނީ ގޯލަށެވެ.
ވަރުގަދަ މެޗުގެ ނަތީޖާ ސިޓީން އަނބުރާލީ 65 ވަނަ މނިޓް އާލިން ހާލޭންޑްގެ ރީތި ލަނޑަކުންނެވެ.
މިއީ ޕްރިމިއަ ލީގުގައި މިކޭލް އާޓެޓާގެ ކޯޗުކަމުގެ ދަށުން އާސެނަލް އެންމެ ފަހުން ސިޓީއާ ބައްދަލުކުރި ފަސް މެޗުން ސިޓީއަށް މޮޅެއް ނުހޯދުމުގެ ބަދަލުހިފުމެއް ވެސް މެ އެވެ. ހަ ވަނަ ވާދަކުރުން މި ވީ އެހާމެ މުހިންމު މެޗަކަށާއި ރަނެއް ފަދަ ތިން ޕޮއިންޓަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ