އާސެނަލް އަތުން ސިޓީ މޮޅުވެ ޕްރިމިއާ ލީގުގެ ފޯރި އިތުރަށް ގަދަވެއްޖެ

މެންޗެސްޓާ ސިޓީން މިރޭ އަމިއްލަ ދަނޑުގައި އާސެނަލް ބަލިކުރުމާއެކު ޕްރިމިއާ ލީގުގެ ތައްޓަށް ކުރާ ވާދަ ބޮޑުވެ ލީގު އިތުރަށް ފޯރިގަދަވެއްޖެ އެވެ.
މިރޭ އިއްތިހާދު ސްޓޭޑިއަމްގައި އާސެނަލް އަދި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗު 2 - 1 ން ކާމިޔާބުކޮށްފައިވަނީ ސިޓީންނެވެ. ތާރީހުގައި ވެސް ލިޔެވިގެންދާނެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމު ވެސް ވަނީ ބޮޑެތި ފުރުސަތުތަކެއް އުފައްދާފަ އެވެ. އެހެންނަމަވެސް މެޗުގައި ލީޑު ނެގީ ފުރަތަމަ ވެސް ސިޓީންނެވެ.
ރަޔާން ޗާކީ ހުނަރުވެރި ކުޅުމެއް ފެނުނުއިރު މެޗުގެ 16 ވަނަ މިނެޓުގައި އޭނާ ވަނީ ޕެނަލްޓީ އޭރިއާ ތެރެއިން އުދަނގޫ ހާލަތެއްގެ ތެރޭގައި ލަނޑެއް ކާމިޔާބުކޮށްދީ ތައްޓަށް ސިޓީން ކުރާ އުއްމީދު ބޮޑުކޮށްދީފަ އެވެ.
މެޗުގެ ތެރެއިން ހާލަންޑް--- ފޮޓޯ: ގެޓީ އިމޭޖަސް
ފުރަތަމަ ލަނޑާއެކު އާސެނަލުން ޕްރެޝަރަށް ވެއްޓުނު ނަމަވެސް އެޓީމުގެ ކައި ހަވާޓްޒް ވަނީ ސިޓީން ލަނޑު ޖެހިތާ 2 މިނެޓުފަހުން އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މި ގޯލަކީ ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ސިޓީގެ ކީޕަރު ޖިއަންލުއިޖީ ދޮންނަރުމާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އާސެނަލުން ކާމިޔާބުކުރި ގޯލެކެވެ.
1 - 1 ން އެއްވަރުވެ އޮވެ ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފުގައި ކުޅެން ނިކުމެ ސިޓީން އަނެއްކާވެސް ވަނީ މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގާފަ އެވެ. 65 ވަނަ މިނެޓުގައި ސިޓީގެ ހާލަންޑް ޖަހައިދިން ގޯލާއެކު އާސެނަލް ވަރަށް ބޮޑަށް ޕްރެޝަރުގެ ތެރެއަށް ވެއްޓުނެވެ.
މިލަނޑާއެކު އާސެނަލުން ކުޅުން ވަރުގަދަކޮށް ލަނޑެއް ޖެހުމަށް ފަހުވަގުތާ ޖެހެންދެން ވެސް ވަރަށް މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އެހުރިހާ ފުރުސަތުތަކެއް ވެސް ސިޓީން ވަނީ ފެނަށް ދުއްވާލާފަ އެވެ. މި މޮޅާއެކު ސިޓީން މިވަނީ އެއްވަނައިގައި އޮތް އާސެނަލާއި 3 ޕޮއިންޓަށް ގާތަށް ޖެހިލާފަ އެވެ.
މިވަގުތު އާސެނަލް އެއްވަނައިގައި އޮތީ 33 މެޗުން 70 ޕޮއިންޓާ ފައިދާ 37 ގޯލާއެކު އެވެ. ދެވަނައިގައި ސިޓީ އޮތީ 32 މެޗުން 67 ޕޮއިންޓާއި ފައިދާ 36 ގޯލާއެކު އެވެ. ލީގުގައި ސިޓީއަށް ބާކީ 6 މެޗު އޮތްނަމަވެސް އާސެނަލަށް ބާކީ އޮތީ 5 މެޗުކަން ފާހަގަކޮށެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ