'އަދަދު' ނޫހަށް ފުލުހުން ވަނުން، އިނގިރޭސި ސަފީރާއި ސީޕީޖޭ ކުށްވެރިކޮށްފި

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ބަދު އަހުލާގީ އަމަލުތަކެއްގެ ތުހުމަތުކޮށް 'އަދަދު' ނޫހުން އުފެއްދި ޑޮކިއުމެންޓްރީގެ މައްސަލައިގައި އެތަނަށް ފުލުހުން ވަދެ ފާސްކޮށް އެ ނޫހުގެ ތަކެތި ގެންދިޔުން، ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ނިކް ލޯ އާއި ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ)އިން ކުށްވެރިކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހު 28ގައި އާންމު ކުރި އެ ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ރޭ ވަނީ ޖިނާއީ ތަހުގީގެއް ފަށައިފަ އެވެ. އެއާ އެކު އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ތެރެއިން:
'އަދަދު' ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ރޭ ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ކުރިއަށްގެންގޮސް، ނޫސް ހިންގަން ބޭނުންކުރާ އިލެކްޓްރޯނިކް ގިނަ ވަސީލަތްތައް ފުލުހުން ވަނީ ގެންގޮސްފައި
އެ ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓު އަމުރު ނެރެ، އެ މީހުން ފުލުހަށް ހާޒިރުވާން ޗިޓު ވަނީ ފޮނުވާފައި.
ތަފްސީލް - އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިނގިރޭސި ސަފީރު ލޯ ވިދާޅުވީ މިއީ ކަންބޮޑުވެވަޑައިގަންނަވާ ކަންތައްތަކެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި:
މީޑިއާގެ މިނިވަންކަމާ ގުޅޭގޮތުން އިނގިރޭސިވިލާތުން އަންނަނީ މެދުނުކެނޑި ކަންބޮޑުވުން ފާޅުކުރަމުން
ފުލުހުންގެ މި އަމަލު ކޮމަންވެލްތުގެ މިންގަނޑުތަކަށް ރާއްޖޭން ވެފައިވާ އިގުރާރާ ފުށުއަރާ 
"މިނިވަން އަދި މުސްތަގިއްލު މީޑިއާއަކީ ދުޅަހެޔޮ ޑިމޮކްރަސީއަކަށް ކޮންމެހެން ބޭނުންތެރި އެއްޗެއް،" ލޯގެ ޕޯސްޓުގައި ވިދާޅުވެފައި ވެ އެވެ.
ނޫސްވެރިންގެ ހިމާޔަތުގައި މަސައްކަތް ކުރާ ޖަމިއްޔާ، ސީޕީޖޭއިން ވެސް ވަނީ ފުލުހުންގެ އެ އަމަލާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ޖަމިއްޔާއިން ވަނީ، 'އަދަދު' ނޫހުގެ އިދާރާއަށް ވަދެ ފުލުހުން ގެންދިޔަ ތަކެތި އަނބުރާ ދިނުމަށް ގޮވާލާފަ އެވެ.
އޭގެ އިތުރުން ނޫހުގެ މުވައްޒަފުން ދަތުރުކުރުމަށް ހުރަސްނޭޅުމަށާއި ރައީސްއާ ގުޅޭ ރިޕޯޓުތައް ހުއްޓުވުމަށް ޖިނާއީ ތުހުމަތުގެ ބޭނުން ނުކުރުމަށް ވެސް އެދިފައި ވެ އެވެ.
ފާހަގަކުރެވޭ - ފިޔާޒާއި ހަސަން ފުލުހަށް ހާޒިރުވުމަށް އަންގައި ފޮނުވި ޗިޓުގައި ސަބަބެއް ކަމަށް ފުލުހުން ބުނެފައި އޮތީ، "ރައީސް މުހައްމަދު މުއިއްޒު ގަޒްފުކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އައިޝާ ނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިއުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ