ރައީސް މުއިއްޒު ދެކުނަށް ދެއްވީ އުއްމީދެއް، ރައްޔިތުން ހެއްވާލައިފި

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް ބޮޑު ދަތުރުފުޅެއް ކުރައްވާފަ އެވެ. މިއީ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދެކުނުގެ އަތޮޅުތަކަށް ކުރެއްވި އެންމެ ފުރަތަމަ ދަތުރުފުޅެވެ.
މީގެ 5 ދުވަސް ކުރިން ރައީސް މުއިއްޒު ދެކުނުގެ 4 އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި ވަޑައިގަތީ އައްޑޫއާއި ފުވައްމުލަކުގެ އިތުރުން ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދު އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށެވެ. ކޮންމެ ރަށަކަށް ޒިޔާރާތް ކުރެއްވުމަށް ފަހު ވަޑައިގެންނެނެވީ އެ ރަށެއްގެ ރައްޔިތުންނަށް ފޮނި އުއްމީދުތަކެއް ދެއްވާފަ އެވެ.
ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅުގައި ސިޓީތަކާއި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވި އެވެ. އަދި ސިޓީތަކާއި ރަށްރަށުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއުތަކާއި ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
ރައީސްގެ މިދަތުރުފުޅުގައި އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބްރިޖް މަޝްރޫއުގެ ޕްރިލިމްނަރީ ޑިޒައިން އަދި ސާވޭ މަސައްކަތުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބާއްވާ ހާއްސަ ރަސްމިޔާތުގައި ބައިވެރިވަޑައިގެންނެވި އެވެ.
ރައީސް މުއިއްޒު ހުޅުމީދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ--ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވިދާޅުވީ އެ ރަސްމިއްޔާތުގައި ސޮއި ކުރެވުނު އައްޑޫ ބްރިޖުގެ ސާވޭގެ އެއްބަސްވުން ދެން ބަދަލުވެގެން ދާނީ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ކޮންޓްރެކްޓަށް ކަމަށާއި  މި ދައުރުގެ ތެރޭ ހުޅުމީދޫ އާއި ހިތަދޫގެ ރައްޔިތުންނަށް ބްރިޖުން ދަތުރު ކުރެވޭނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.  ރައީސް ވަނީ އައްޑޫ ބްރިޖަކީ ރާއްޖޭ ތާރީހުގައިވެސް އަޅާނެ އެންމެ ބޮޑު ބްރިޖުކަމަށް ވިދާޅުވެފަ އެވެ.
"މިހާތަނަށްވެސް އަދި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް މި ރާއްޖެއަކު މިއަށްވުރެ ބޮޑު ބްރިޖެއް ނެހެދޭނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ހުޅުދޫ މީދޫގެ ސިއްހީ މަރުކަޒުވެސް ހޮސްޕިޓަލެއްގެ ފެންވަރަށް ބަދަލުކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން ގާއިމުކުރަންޖެހޭ ވަސީލަތްތައް ގާއިމުކުރައްވާނެކަމަށާއި ހަމަ އެހެންމެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެވެސް ހިދުމަތްތައް ފުޅާކޮށް ސިއްހީ ހިދުމަތް ހޯދުމަށް މާލެދާން ނުޖެހޭނެ ފެންވަރަށް ބަދަލު ގެންނަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ގަން އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމާއި ފަތުރުވެރިކަން ފުޅާކުރުމާއި އަދި ސީޕްލޭން ހަބެއް ބިނާކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށައި އޭގެ މަންފާ ރައްޔިތުންނަށް ހޯދައިދޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމަށްފަހު ރައީސް ވަނީ އެ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަމަލީގޮތުން ފައްޓަވައިދެއްވާފަ އެވެ. ކަރަންޓުގެ މައްސަލައާއި ސިޓީ ކައުންސިލުން ފާހަގަކުރެއްވި އެހެން މައްސަލަތަކަށް ސަމާލުކަން ދެއްވައިގެން އެކަންކަން ހައްލުކޮށްދެއްވާނެކަމަށާއި،  އެމަނިކުފާނު ފުވައްމުލައް ސިޓީއަށް ވައުދުވެވަޑައިގަންނަވާފައިވާ ކަންކަން ފުރިހަމަ ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އެއާއެކު، އެ ރަށުގެ ހޮސްޕިޓަލް ރަނގަޅު ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެކަމަށްވެސް ރައީސް މުއިއްޒު ވައުދުވެވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެއްޓެވުމުގެ ރަސްމިއްޔާތުގައި---ފޮޓޯ: ރައީސް އޮފީސް
ފުވައްމުލައް ހޮސްޕިޓަލްގައި ސީޓީ ސްކޭނާއި އެމްއާރްއައި ހެދޭނެ ވަސީލަތްތައް ގާއިމްކޮށް ،ޑީކޮމްޕްރެޝަން ޗެމްބަރެއް ގާއިމްކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅުތަކުގެތެރެއިން ހިމެނޭކަމެކެވެ.
"އިރާދަކުރެއްވިއްޔާ އެކަންކޮށް ރަނގަޅު ފެންވަރުގެ ޓާޝަރީ ހޮސްޕީތަލަކަށް ބަދަލުކުރާނަން" ފުވައްމުލަކުގެ ރައްޔިތުންނާއި މުހާތަބުކުރެއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެކަމަށް ބޭނުންޖެހިފައިވާ ރައްޔިތުން ޝާމިލުވާގޮތަށް ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ބައްޓަން ކުރެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. އެހެންކަމުން، ގދ. ގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގަައި އެމަނިކުފާނު ވަނީ ގދ. ފަރެސްމާތޮޑާއާއި ގދ. މަޑަވެލީގެ ބިން ހިއްކުމަށްފަހު ފްލެޓްތައް އަޅައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެއާއެކު، ގއ. ވިލިނގިލީިއާއި ގދ. ގައްދޫގައިވެސް ބިން ހިއްކައިގެން ގޯތި ދޫކުރުމަށް ހަމަޖައްސަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ރާއްޖޭގެ އެންމެ އުތުރުން ހަތަރު އަތޮޅާއި އެންމެ ދެކުނުން ހަތަރު އަތޮޅުގައި ސަރަހައްދީ ތަރައްގީގެ ޒޯނެއް ކަނޑައަޅާ އެތަންތަން ތަރައްގީ ކުރުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ގދ. ފަރެސްމާތޮޑާ ކައުންސިލާއި ބައްދަލުކުރެއްވުން--ފޮޓޯ: ރައީސް އޮފީސް
ދެކުނުގައި ކަނޑައަޅާ ސަރަހައްދީ ތަރައްގީގެ ޒޯނުގައި ގދ. އަތޮޅު ހިމެނޭ ކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެ އަތޮޅުގައި 12 ރިސޯޓެއް ތަރައްގީ ކޮށްދެއްވާނެކަމަށް ވިދާޅުވެފަ އެވެ.
"މި އަތޮޅުގަ ހުރި ރަށްތަކުގެ ތެރެއިން 12 ރަށް ހިމެނޭ ގޮތަށް 12 ޓުއަރިސްޓް ރިސޯޓް ތަރައްގީ ކުރުން މީގަ (ސަރަހައްދީ ތަރައްގީގެ ޒޯން ޕްލޭން) އެބަ ހިމެނޭ" ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއު ގިނަވެގެން 2 އަހަރު ތެރޭގައި ނިމިގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހުވަދު އަތޮޅަށް ވައިގެ ބަނދަރާއި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުތައް
ހުވަދު އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ތިނަދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ފަހުމުނާމާގައި ސޮއިކޮށްފައި ވެއެވެ. ގދ. ތިނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫއުގެ ފަހުމުނާމާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ ތައިލޭންޑް ކުންފުންޏެއް ކަމުގައިވާ ޕޭން ޕެސިފިކް ކޮމްޕެނީއާއި އެވެ. އެއަށްފަހު، ގއ. ވިލިނގިލީގައި ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ ފަހުމުނާމާގައިވެސް ސަރުކާރުން ސޮއިކޮށްފައި ވެއެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބެލްޖިއަމްގެ ކުންފުންޏެއްކަމަށްވާ އެން.ވީ.ބެސިކްސް އެސް.އޭ އާ އެވެ.
މީގެއިތުރުން ކެމްޕެއިން ތެރޭގައިވެސް ވައުދުވެވަޑައިގެންފައިވާ ފަދައިން، މާވަރުލު އެއާޕޯޓު އިތުރަށް ތަރައްގީކޮށް އެ އެއާޕޯޓާއި ގައްދޫއާ އެއްގަމުން ގުޅުވައިދެއްވާނެކަމަށް ރައީސް ހާމަކުރެއްވި އެވެ.
ރައީސް ވިދާޅުވީ މާވަރުލު އެއާޕޯޓުގެ ތަރައްގީއަށް ކުރަން ހުރި ވަރަށް ގިނަ މަސައްކަތް އެބަހުރި ކަމަށާއި އެއީ ގައްދޫގެ އަދި އެ ރަށް ހިމެނޭ ސަރަހައްދުގެ ތަރައްގީއަށްވެސް ވަރަށް  މުހިއްމު ކަމެއް ކަމަށެވެ.
"މާވަރުލު އެއާޕޯޓު އިތުރަށް ތަރައްގިކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން ، އަދި އެ އެއާޕޯޓް މިރަށާއި އެއްގަމުން ގުޅާލެވޭނެ ވާހަކަދަ ދަންނަވަން" ރައީސް މުއިއްޒު ވިދާޅުވި އެވެ.
 
 
 
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ