ވައިކަރަދޫއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށްފި

އައު ޖަނަރޭޓަރެއް ބަހައްޓައި ހދ.ވައިކަރަދޫއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށްފިއެވެ.
ވައިކަރަދޫއަށް ކަރަންޓު މައްސަލަ ކުރިމަތިވީ މިދިޔަ ހަފްތާގެތެރޭގައެވެ. އަދި މިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި އެރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، އެ ރަށަށް 250 ކިލޯވޯޓުގެ ޖަނަރޭޓަރު ގެންގޮސް، މިހާރު މުޅި ރަށަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށް ފެނަކައިން ވިދާޅުވެއެވެ.
ފެނަކަ ކޯޕަރޭޝަނުން ދަނީ ކަރަންޓު އެންމެ ނާޒުކު ހާލަތުގައި ހުރި ރަށްތައް ދެނެގަނެ، އެރަށްރަށަށް ބޭނުންވާ ޖަނަރޭޓަރުތައް ފޯރުކޮށްދެމުންނެވެ.
މިމަސައްކަތާއި ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޢާޒް މުހައްމަދު ރަޝީދު މީސްމީޑިއާއަށް މިފަހުން ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެންމެ ނާޒުކު ހާލަތުގައި މިވަގުތު ހުރި 6 ރަށަކަށް ބޭނުންވާ ޖަނަރޭޓަރުތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މީގެތެރެއިން މިހާރު އެންމެ ހާލަތު ދަށް ހދ. ވައިކަރަދޫއަށް ބޭނުންވާ 250 ކިލޯ ވޯޓުގެ ޖަނަރޭޓަރު މިހާރު ބަހައްޓާފައިވާއިރު، ގދ. ހޯޑެއްދޫއަށް ބޭނުންވާ 400 ކިލޯވޯޓުގެ ޖަނަރޭޓަރު މިހާރު ހޯދާ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.
* ހއ. ދިއްދޫ - 1 މެގަވޯޓު* އައްޑޫ ސިޓީ - 1 މެގަވޯޓު* ކުޅުދުއްފުށި - 800 ކިލޯވޯޓު* ރ. މީދޫ - 800 ކިލޯވޯޓު
ރޯދަމަހަކީ އެހެން މަސްތަކާއި ޚިލާފަށް ކަރަންޓު ބޭނުން ކުރާމިންވަރު އިތުރުވާ މަހެކެވެ. ފެނަކަ ކޯޕަރޭޝަނުން ވަނީ މިފަހަކަށް އައިސް ބައެއް ރަށްރަށުގެ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވަނީ އިންޖީނުތައް މަރާމާތުނުކޮށް ގިނަ ދުވަސްވެގެންކަން ފާހަގަކޮށްފައެވެ.
މިމައްސަލަ ހައްލުކޮށް ރަށްރަށުގެ ކަރަންޓު ކެޕޭސިޓީ މަތި ކުރުމަށް އެކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެއިތުރުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ޚިދުމަތް ދޭ ސެންޓްރަލް ޑީސެލިނޭޝަން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް ރޭގެ ވަގުތެއްގައި އަލުން ފެނުގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ