ޓެކްސްއަށް ލިބުނު ފައިސާ އިތުރުވެގެންދިޔައީ އަޅުގަނޑުމެންގެ ވެރިކަމުގައި: ރައީސް ޞާލިހު

ޓެކްސް އަށް ލިބުނު ފައިސާ އިތުރުވީ މިދިޔަ ސަރުކާރުގެ ވެރިކަމުގައި ކަމަށް އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އެމްޑީޕީން ކުރިއަށްގެންދާ ކެމްޕޭންގެ ތެރެއިން ރޭގައި ބޭއްވި މުޅި ހުޅުމާލެ ތަރާވީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ދައުލަތުގެ އާމްދަނީ އަށް މިއަދު ޓެކްސްގެ ގޮތުގައި ކުރީ އަހަރަށްވުރެ އިތުރަށް ފައިސާ ލިބުނު ނަމަވެސް މުޅި އާމްދަނީ ކުރީ އަހަރުގެ ފުރަތަމަ ތިން މަސްދުވަހަށް ވުރެ ދަށް ކަމަށެވެ.
ރަނގަޅު އިގްތިސާދީ ސިޔާސަތެއްވެސް ނެތްކަމަށާއި ހަރުދަނާ ސިޔާސަތުގެ ދަށުން ކުރި ކަމަކީ ވަޒީފާ ދީފައި ތިބި މީހުންނަށް މުސާރަދިނުން ކަމަށް ވިދާޅުވެ ރައީސް ޞާލިހު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ޓެކްސްއަށް ލިބުނު ފައިސާ އިތުރުވެގެންދިޔައީ މިދިޔަ ސަރުކާރުގެ ވެރިކަމުގައި ޓެކްސްގެ ނިޒާމަށް ގެނައި ބަދަލެއްގެ ސަބަބުން ކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.
Advertisement
"ޓެކްސް އަށް އެލިބުނު ފައިސާ އިތުރުވެގެންދިޔައީ އަޅުގަނޑުމެންގެ ވެރިކަމުގައި. ޓެކްސްގެ ނިޒާމަށް ގެނައި ބަދަލެއްގެ ސަބަބުން. އެނޫންނަމަ މިއަދު މިސަރުކާރު އޮންނާނީ މިއަށްވުރެ ދަތިހާލުގައި. މުސާރަދޭނެ ވަރުވެސް ނުހުންނާނެ."
ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ޞާލިހު ވިދާޅުވީ، އިގްތިޞާދު ހަމަމަގަށް އެޅުވުމަށްޓަކައި ލޯނު ނަގަންޖެހޭ ވަގުތުގައި ލޯނު ނަގަންޖެހޭނެ ކަމަށާއި ފައިސާ ޗާޕު ކުރަން ޖެހޭ ވަގުތު ފައިސާ ޗާޕު ކުރަން ޖެހޭނެ ކަމަށެވެ. ފައިސާ ޗާޕުކުރުމަށްޓަކައި މިދިޔަ ސަރުކާރުން ނިންމި ނިންމުން، 2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓާއި އެކު ހުއްޓާލާނެ ކަމަށް ބުނެފައިވާނެ ކަމަށާއި، މިދިޔަ އަހަރުގެ ބަޖެޓް ފާސްކުރި އިރުގައި އެ ނިންމުން ވާނީ ނިންމާފައިކަމަށް ވެސް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުން ފައިސާ ޗާޕު ނުކުރާނެ ކަމަށް ނިންމީ މިދިޔަ ސަރުކާރުން ކަމަށާއި އެއީ މިހާރުގެ ރައީސް ޑރ.މުއިއްޒު ގެ ހަރުދަނާ އިގްތިޞާދީ ސިޔާސަތަކުން ކޮށްފައި އޮތް ކަމެއް ނޫން ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. 
މީގެ އިތުރުންވެސް ރައީސް ޞާލިހު ވަނީ މިސަރުކާރުން ކުރަމުންދާ ކަންތައްތަކަކީ ހަރުދަނާ ސިޔާސަތެއް ނޫން ކަމަށްވެސް  ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ