ހާޝިމް ވަކިކުރަން ރައީސް ލަފައެއް ނުދެއްވާ: ގާސިމް

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ލަފާނުދެއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މާލިއްޔަތު މުގައްރިރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާ ގުޅޭ މައްސަލައިގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާ ބަހުސްކުރައްވަމުންނެވެ.
"އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ހަމަގައިމުވެސް އަޅުގަނޑަށް އެއްޗެއް އަންގަވާފައި ނެތް. އަދި އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ކޮމިޓީގެ އެހެން މެންބަރަކަށްވެސް އެއްޗެއް އަންގަވާފައި ނެތް،" ގާސިމް ވިދާޅުވި އެވެ.
ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ރައީސަށް ލަފާދޭން މާލިއްޔަތު ކޮމިޓީއަށް ފުރަތަމަ ހުށަހެޅުއްވީ ކޮމިޓީގެ މެންބަރެއް ކަމަށާއި ކޮމިޓީގެ އަގުލަބިއްޔަތުން އެ މައްސަލަ ފާސްވުމުން އެ މައްސަލަ މަޖިލީހުގެ ރައީސަށް ހުށަހެޅުއްވިކަން ގާސިމް ވަނީ ފާހަގަކުރައްވާފަ އެވެ.
"މަޖިލީހުގެ ރައީސަށް އެ މައްސަލަ ފޮނުވުމުން މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް އަމަލުކުރައްވާ އަނބުރާ އެ ރިޕޯޓް މާލިއްޔަތު ކޮމިޓީއަށް ފޮނުއްވީ އެކަން ތަހުގީގު ކުރުމަށްޓަކައި މަޖިލީހުގެ ފްލޯއިން ބާރު ލިބިގެން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މާލިއްޔަތު ކޮމިޓީއަށް ގަވަރުނަރު އަލީ ހާޝިމް ވަޑައިގެެންނެވުމަށް ތިން ދުވަހު ފުރުސަތު ދެއްވި ކަމަށެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ ގަަވަރުނަރު އަލީ ހާޝިމް ކޮމިޓީއަށް ވަޑައިނުގެންނެވި ކަމަށާއި އެންމެފަހު ދުވަހު ޖަވާބު ދެއްވީ ލިޔުމުން ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެންމެފަހު ދުވަހު ފޮނުވި ސިޓީގައި އޮންނަނީ އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުނަމަ ސިޓީއެއް ފޮނުވާށޭ އޭރުން ޖަވާބު ދޭނަމޭ. އޭގެން އެނގުނު ވަޑައިގަންނަވަން ބޭނުންފުޅުނުވާކަން،" ގާސިމް ވިދާޅުވި އެވެ.
އެއާއެކު ގަވަރުނަރު އަލީ ހާޝިމްއާ އިތުރު ސުވާލުކުރަން ކޮމިޓީން ބޭނުންވޭތޯ ސާފުކުރެއްވި ކަމަށާއި ނަމަވެސް އިތުރު ސުވާލުކުރަން ކޮމިޓީން ބޭނުންނުވި ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން 2021، 2022 އަދި 2023 ވަނަ އަހަރު ގަވަރުނަރު އަލީ ހާޝިމް ލަފާ ދެއްވި ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށެވެ.
ގައުމު މިހާލަތަށް ދިޔައީ އެކަންކަން އޭރު ނުކުރުމުން ގަވަރުނަރު ވިދާޅުވެފައިވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
އެ ހިސާބަށް ދިޔައިރު ސެންޓްރަލް ބޭންކްގެ ހައިސިއްޔަތުން ރައްޔިތުންނަށް އެއްވެސް މައުލޫމާތެއް ދީފައިނުވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ