ވިލިމާލެއަށް ދޭ ކަރަންޓު ޚިދުމަތް އިތުރަށް ރަނގަޅުކުރަން ސާވޭއެއް ހަދައިފި

ވެރިރަށް މާލޭގެ އަވަށެއްގެ ގޮތުގައި އޮތް ވިލިމާލޭގެ ކަރަންޓު ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި ސްޓެލްކޯގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓާއި، ރީޖަނަލް ޕަވާހައުސް ޑިޕާޓްމަންޓް ގުޅިގެން ސާވޭއެއް ހެދުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންގޮސްފިއެވެ. އެ ކަމުގެ މައުލޫމާތު ހިއްސާކުރަމުން ސްޓެލްކޯއިން ބުނީ މިއީ ވިލިމާލެއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ދުރު ރާސްތާ ޕްލޭނެއް އެކުލަވައިލުމަށް ކުރާ ކަމެއް ކަމަށެވެ. ވިލިމާލޭގެ ކަރަންޓުގެ ހާލަތު ދިރާސާކޮށް، ކަރަންޓުގެ ވިއުގަ މަރާމާތުކުރުމަށާއި އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމަންޓް އެންޑް އެނާޖީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މަހުގެ 23ވަނަ ދުވަހެވެ. މި އެއްބަސްވުމުގެ ތެރެއިން މިހާރު ވިލިމާލޭގައި އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި، މިހާރު ބޭނުންކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަންނާނެއެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް ކުރެވޭނެ ކަންކަން ދެނެގަނެ، ކުރިއަށްއޮތް 20 އަހަރު ދުވަހަށް ޑިމާންޑް އިތުރުވާނެ މިންވަރާއި، މި ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަންހުރި މަސައްކަތްތައް ދެނެގަންނާނެއެވެ. އެއާއެކު، ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް ދެނެގަތުމާއި، ނިޒާމު މަރާމާތު ކުރުމަށާއި އަޕްގްރޭޑްކުރުމަށް މަޝްރޫއެއް އެކުލަވައިލައި އެ މަޝްރޫއު ތަންފީޒުކުރާނެ ގޮތުގެ އެކްޝަން ޕްލޭނެއް ތައްޔާރުކުރުން ވެސް ހިމެނެއެވެ. އެ ކަމަށް ޓަކައި ސްޓެލްކޯއިން ވިލިމާލޭގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ކަރަންޓުގެ ޑިމާންޑް ސްޓަޑީއެއް ހަދާނެއެވެ. އަދި ވިލިމާލޭގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗާގެ ހާލަތު ދެނެގަތުމަށް ފަންނީ ދިރާސާއެއްކޮށް، ދިރާސާގެ އަލީގައި ވިލިމާލޭގައި ގާއިމްކޮށްފައިވާ އިންފްރާންސްޓްރަކްޗަރުގެ ކެޕޭސިޓީ އިތުރުކުރަންޖެހޭ މިންވަރު ކަނޑައަޅާނެއެވެ. އަދި އެ ނޫން މުހިންމު މަސައްކަތައްކޮށް، މިނިސްޓްރީއަށް ހުށަހަޅާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ