ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބޮޑު ބަދަލެއް ގެނައުމަށް ދަ ޑިމޮކްރެޓްސްގެ "މުޅި ރާއްޖެ މަޖިލިސް: ރާއްޖޭގެ ފަރާތުން ކުރާ ވަކާލާތު" ސިޔާސަތު ކަނޑައަޅައި އާއްމުކޮށްފިއެވެ.
ޑިމޮކްރެޓްސްގެ މި ސިޔާސަތުގެ ދަށުން ބޮޑު ބަދަލެއް މަޖިލީހަށް ގެނައުމަށް އެކުލަވާލާފައިވެއެވެ.
އެގޮތުން 87 މެމްބަރުން ތިއްބަވާ މަޖިލީހުގެ މެމްބަރުންގެ އަދަދު 76 އަށް މަދުކުރުން ހިމެނެއެވެ. އެއީ މިހާރުގެ މަޖިލީހަށް ވުރެ 11 މެމްބަރުން މަދު އަދަދެކެވެ.
ޑިމޮކްރެޓުން ނިންމާފައިވަނީ އަތޮޅުތަކުންނާއި މާލެއިން އިންތިހާބު ކުރާ 55 ގޮނޑި، ރާއްޖެ އުތުރު, ހުޅަނގު, މެދު އަދި ދެކުނު ސަރަހައްދަށް ބަހާލައި ކުދި ދާއިރާތަކުގެ ބަދަލުގައި މުޅި އަތޮޅުން މެމްބަރުން އިންތިހާބުކުރާށެވެ. އަދި މީގެ ތެރެއިން އަންހެނުންނަށް ހާއްސަ 8 ގޮނޑި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް 2 ގޮނޑި އަދި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ލިބޭ ގޮތަށް 11 ގޮނޑި ހިމެނުމަށްވަނީ ނިންމާފައެވެ. މިއާއެކު ދައުރުގެ ތެރެއިން މެމްބަރަކު ވަކިކުރުމަށް އެ މެމްބަރަކު އިންތިހާބުކުރާ ދާއިރާއެއްގެ ރައްޔިތުންނަށް ފެނިއްޖެ ހިނދެއްގައި މެމްބަރު ވަކިކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގޭނެގޮތެއް ގާނޫނުގައި ކަނޑައެޅުމަށްވެސް ޑިމޮކްރެޓްސްގެ ސިޔާސަތުގައި ހިމެނެއެވެ.
މަޖިލީހުގެ މެމްބަރުން ގަޑިޖެހޭ ގޮތާއި މެންބަރުކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ފެންވަރާއި ޝަރުތުތައް ގާނޫނުގައި ހިމެނުމަށް ވެސް ޑިމޮކްރެޓުން ކަނޑައަޅާފައިވެ އެވެ.
ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މަޖިލީހަށް ވާދަކުރާ ފަރާތްތަކުގެ ހާއްސަ ޝަރުތެއްގެ ގޮތުގައި، ވަކި ފެންވަރެއް ހުރުން ގާނޫނީ ގޮތުން ލާޒިމެއް ނުކުރެއެވެ.
ރައީސް ނަޝީދަށް ވަފާތެރި މަޖިލިސް މެމްބަރުންތަކެއް އިސްވެ ތިއްބަވައި އުފެއްދި ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވަނީ، މި މަހުގެ 12 ވަނަ ދުވަހުއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، އެ ޕާޓީ ވާދަކުރަން ނިންމައި ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަނީ ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެވެ. ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީ އޮންނާނީ މިމަހު 28 ވާ ހުކުރު ދުވަހުގެ މެންދުރު 14:00 އިން 18:00 އަށެެވެ.
ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީގައި ވީހާވެސް ގިނަ ބޭފުޅުން ވާދަކުރެއްވުމަށް، މިފަހުން އެ ޕާޓީއާ ގުޅިވަޑައިގަތް އެމްޑީޕީގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވާއިރު، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ޑިމޮކްރެޓްސްއިން މަޖިލީހަށް ގެންނާނެ ބަދަލުގެ ސިޔާސަތު އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ