އެމްޑީއެން އުވާލި މައްސަލަ ދަށު ކޯޓުން ނާކާމިޔާބުވުމުން ހައި ކޯޓަށް ހުށަހަޅައިފި

އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާ ހިލާފު ރިޕޯޓެއް ޝާއިއުކުރި ކަމަށް ބުނެ އެ ޖަމިއްޔާ އުވާލި މައްސަލައިގައި އެ ޖަމިއްޔާގެ މުއައްސިސް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ކާމިޔާބު ނުވުމުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި އެވެ.
މައްސަލައިގެ ފެށުން - 8 ޖޫން 2016 ވަނަ އަހަރުން ފެށިގެން ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އައި ޖަމިއްޔާ ޔޫތު މިނިސްޓްރީން އުވާލާފައިވަނީ 19 ޑިސެމްބަރު 2019ގަ އެވެ.
އެ ޖަމިއްޔާ އުވާލީ 'ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ' ނަމުގައި އެ ޖަމްއިއްޔާ އިން 2016 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ދީނަށް ފުރުއްސާރަކޮށްފައިވާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް އެތައް ބަޔަކު އަޑު އުފުލައި ނުރުހުން ފާޅުކުރަން ފެށުމުންނެވެ.
ވީ ކިހިނެއް؟ - އެމްޑީއެެން އުވާލުމުން:
16 ސެޕްޓެމްބަރު 2020 - އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް، ޔޫތު މިިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި
މިދިޔަ 28 މާޗު - އެމްޑީއެން އުވާލުމަށް ނިންމާފައިވާ ނިންމުމަކީ ގާނޫނާ ހިލާފު، ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރި
ސިވިލް ކޯޓުގެ މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން މި މައްސަލަ ޝަހިންދާގެ ފަރާތުން މިހާރު ވަނީ ހައި ކޯޓަށް ހުށަހަޅާފަ އެވެ.
ތަފްސީލް - ހައި ކޯޓުގެ ރަޖިސްޓްރީން ފެންނަ ގޮތުގައި، އެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވަނީ މި މަހުގެ 3ގަ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ޔޫތު މިނިސްޓްރީ އާއި ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ، އެޖަމިއްޔާ އުވާލާފައިވަނީ ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންވެ، ކޯޓުގައި އެދިފައި އޮތީ އެ ނިންމުން ބާތިލުކޮށްދިނުމަށެވެ.
އެނގުން މުހިންމު - މި މައްސަލައިގައި ސިވިލް ކޯޓުން މިދިޔަ މާޗު މަހު އިއްވި ހުކުމުގައި ބުނެފައިވަނީ، އެމްޑީއެން އިން ޝާއިއުކޮށްފައިވާ ރިޕޯޓުގައި އިސްލާމް ދީނުގެ ޝަރީއަތާ ހިލާފު ވާހަކަތައް ހިމަނާފައިވުމުގެ އިތުރަށް، ދީނާއި ރަސޫލާއަށް ފުރުއްސާރަކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ.
ހުކުމުގައިވާ ގޮތުން:
އެމްޑީއެންގެ ރިޕޯޓުގައިވާ ކަންކަން، ދީނީ ތިން އިލްމުވެރިއެއް މެދުވެރިކޮށް އިލްމީ އަދި ދިރާސީ ތަހުގީގެއް ފުލުހުން ހެދި
އެ ރިޕޯޓުގައި، އިސްލާމީ އަގީދާ އާއި ޝަރީއަތާއި އިސްލާމް ދީނުގައި ވަކި ކަމެއް އޮންނަ ގޮތަކާ ހިލާފަށް ބައެއް ކަންކަން ބަޔާންކޮށްފައިވޭ
މުސްލިމުންނަށް އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ނުވަތަ މުޖުތަމައުގައި ނަފްރަތާއި ރުޅިވެރިކަން އުފެދިދާނެ ކަންކަން އެ ރިޕޯޓުގައި ހިމަނާފައިވާކަން، އެ ރިޕޯޓުންނާއި ފުލުހުން އެ ރިޕޯޓު ތަހުގީގުކުރުމަށް ފަހު 28 އޮކްޓޫބަރު 2019ގައި ޝަހިންދާއަށް ފޮނުވާފައިވާ ސިޓީން ވެސް އެނގޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ