ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކެންޑިޑޭޓުންނަށް ފައިސާ ލިބުނުގޮތާއި، ހަރަދުކުރެވުނު ގޮތުގެ ރިޕޯޓްތައް އޮޑިޓްކުރުމުގެ ޒިންމާ ކޮނޑުގައި އެޅިފައިވާ މުއައްސަސާކަމަށްވާ އިލެކްޝަންސް ކޮމިޝަންގެ ކިބައިގައި އެކަން ފުރިހަމައަށް ކުރުމުގެ ގާބިލިއްޔަތެއް ނެތްކަމަށް ޔޫރަޕިއަން ޔޫނިއަންގެ އިލެކްޝަން އޮބްޒވޭޝަން މިޝަން (އީޔޫ އީއޯއެމް) އިން ބުނެފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބާއި ބެހޭގޮތުން ޔޫރަޕިއަން ޔޫނިއަންގެ އިލެކްޝަން އޮބްޒވޭޝަން މިޝަންގެ އިބްތިދާއީ ހޯދުންތައް، ޗީފް އޮބްޒާވަރ، ޔޫރަޕިއަން ޕާލިމެންޓްގައި ސްޕެއިން ތަމްސީލްކުރައްވާ މެމްބަރެއްކަމަށްވާ ނާޗޯ ސަންޗޭޒް އަމޯ މިއަދު ވަނީ ހުށައަޅުއްވާފައެވެ.
އިންތިހާބު ބޭއްވި ދުވަހު، ވޯޓުލުމާއި ގުނުމުގެ ކަންތައް ކުރިޔަށް ދިޔައީ ތަރުތީބުން ހަރުދަނާކަމާއި އެކުގައި އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށްކަން އީޔޫއިން ފާހަގަކޮށްފައިވެއެވެ. އުސޫތުތަކާއި ހިލާފުކަމަށް ރިޕޯޓްކޮށްފައިވަނީ ވަރަށް މަދުކަމެއްކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
އިންތިހާބުގައި އީސީން މަސައްކަތްކޮށްފައިވަނީ ވަކި ފަރާތަޖަށް ނުޖެހި ޕްރޮފެޝަނަލްކޮށްކަމަށާއި، މުވައްޒަފުންގެ ތަދިތަކާއި އެއްކޮށްވެސް އީސީން ވަނީ ގާނޫނުން ލާޒިމްކުރާ ސުންގަޑިތަކަށް އަމަލުކޮށް، ވޯޓްލާ މީހުން ރަޖިސްޓްރީ ކުރުމުގެ ކަންތައް ހިންގާ ގޮތަށް އުސޫލީ ހެޔޮ ބަދަލުތަކެއް ގެނެސްފައިކަމަށް އީޔޫން ބުނެފައިވެއެވެ. ވޯޓުލާ މީހުން ރަޖިސްޓަރީ ކުރުމުގެ ކަންތައް ދިޔައީ ދެފުށް ފެންނަ ގޮތަށްކަމަށާއި، ރަޖިސްޓްރީކުރުމުގެ ކަންކަންވެސް ކުރިޔަށްގެންދިޔައީ ރަނގަޅަށްކަމަށް އީޔޫން ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް އިންތިހާބުގައި ހިމެނޭ ފަރާތްތަކާއި ކޮމިޝަނާއި ދެމެދު މުވާސަލާތުކުރެވުނު މިންވަރާއި، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަށް ކޮމިޝަނުން މަަސައްކަތްކޮށްފައިވާ މިންވަރު މަދުކަމަށާއި އީސީގެ މެމްބަރުން އައްޔަންކުރުމާއި ވަކިކުރުމަށް އޮންނަ އުސޫލުތަކުގެ ސަބަބުން، ކޮމިޝަންގެ މިނިވަންކަމާއި މެދު އާންމުންގެ މެދުގައި އޮންނަ ތަސައްވަރަށް އަސަރުކޮށްފައިވާކަމަށްވެސް އީޔޫއިން ބުނެފައިވެއެވެ.
ދިވެހިރާއްޖޭން ބަލައިގެންފައިވާ ސަރަހައްދީ އަދި ބައިނަލްއަގްވާމީ މިންގަނޑުތަކާއި ރާއްޖޭގެ ޤާނޫނީ އޮނިގަނޑާއި އެއްގޮތްވާގޮތުގެ މަތިން ޑިމޮކްރެޓިކް އިންތިހާބުތައް ބޭއްވުމަށް އެކަށީގެންވާ ހަމަތަކެއް ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑުން ލިއްބައިދެއެވެ. އިންތިހާބާއި ގުޅޭ މައްސަލަތައް ހައްލުކުރުމުގެ ނިޒާމުގެ ތެރެއިން އިންތިހާބީ ހުރިހާ މަރުހަލާއެއްގައިވެސް ޝަކުވާތަކަށް ހެއްލެއް ހޯދުމުގެ ފުރުސަތު އޮންނަކަން އީޔޫން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް ކެމްޕޭނަށް ހަރަދުކުރުމުގެ ކަންކަަން ހިނގާނުހިނގާގިތް ރަނަގަޅަށް ރެގިއުލޭޓް ނުކުރެވުމާއި، އަދި ގަވައިދާ އެއްގޮތަށް އެކަންތައް ތަންފީޒް ނުކުރެވޭކަން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ކެންޑިޑޭޓުންނަށް ލިބޭ ފައިސާއާއި އަދި ކުރާ ހަރަދާއި ބެހޭގޮތުން ދެފުށްފެންނަ ގޮތަށް މައުލޫމާތު ނުކުރުމަކީވެސް ކަންބޮޑުވުމެއްކަމަށްވެސް އީޔޫން ބުނެފައިވެއެވެ. ކެމްޕޭނަށް ފައިސާ ލިބުނުގޮތާއި، ހަރަދުކުރެވުނު ގޮތުގެ ރިޕޯޓްތައް އޮޑިޓްކުރުމުގެ ގާބިލިއްޔަތެއް އީސީގެ ނެތްކަމަށްވެސް ބުނެފައިވެއެވެ.
އީޔޫން ފާހަގަކޮށްފައިވާ ގޮތުގައި ދައުލަތުގެ ވަސީލަތްތައް، ހާއްސަކޮށް ދައުލަތް ހިއްސާވާ ކުންފުނިތައް، ބޭނުންކުރާކަމުގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވެމުންދިޔުމުގެ ސަބަބުން ކެމްޕޭން ކުރުމަށް ހަމަހަމަ ފުރުސަތު އޮތްކަމާއި މެދު ސުވާލު އުފެދިފައިވެއެވެ. ގާނޫނުގައި ލާޒިމްކުރާގޮތަށް ހުރިހާ ކެންޑިޑޭޓުންނަށް ހިލޭ ދޭ ވަގުތާއި، ވިއްކާ ވަގުތު ދައުލަތުގެ މީޑިއާއިން ދިން ނަމަވެސް ހަބަރުގެ ވަގުތުގައްޔާއި، އެޑިޓޯރިއަލް ޕްރޮގްރާމްތަކުގައި ސަރުކާރުގެ ހަފްލާތަކާއި، މަސައްކަތްތަކާއި ކެމްޕޭނުގެ ހަރަކާތްތަކާއި ދެމެދު އޮންނަންޖެހޭ ރޮނގު ވަކި ނުކުރާކަން ފާހަގަކުރެވޭކަމަށްވެސް ބުނެފައިވެއެވެ.
އީޔޫގެ ފަރާތުން، އީޔޫގެ މެމްބަރު 18 ގައުމުންނާއި، އަދި އޭގެއިތުރުން ކެނެޑާ، ނޯވޭ، ސްވިޒަރލެންޑްގެ 40 އޮބްޒާވަރުން މާލެއާއި، 12 އަތޮޅު ހިމެނޭގޮތަށް، ރާއްޖޭގެ 52 ރަށެއްގައި ހުރި 124 ވޯޓުލާ ސްޓޭޝަންތަކަށް އޮބްޒާވަރުން ޒިޔާރަތްކުރިއެވެ. އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ހިނގާގިތް ބެލުމަށާއި، ރިޔާސީ އިންތިހާބާއި ގުޅިގެން އަންނަ ޝަކުވާތަކާއި އެޕީލްތައް ބެލުުމުގެ ކަންތައް ހިނގާގޮތް ބެލުމަށްޓަކައި އިންތިހާބުގެ ހުރިހާ މަރުހަލާއެއް ނިމެންދެން އީޔޫ އީއޯއެމްއިން ރާއްޖޭގައި ތިބޭނެއެވެ.
ކެމްޕޭން ފައިސާ އޮޑިޓްކުރުމަށް އީސީ ފުރިހަމައަށް ގާބިލެއްނޫން: އީޔޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ