ގާސިމް ނެގީ އިންޑިއާގެ މައްސަލަ؛ ރައީސް ދިނީ އޮޅުންފިލުވައިދޭނެ ކަމުގެ ޔަގީންކަން

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ދެވަނަ ބުރެއްގައި ކޯލިޝަން ހެދުމަށްޓަކައި އިއްޔެ ފެށި މަޝްވަރާތަކުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އެންމެ ބޮޑަށް ނެންގެވި މައްސަލަ އަކީ ރާއްޖޭގައި އިންޑިއާގެ ނުފޫޒު އޮތް ކަމަށް ބުނާ މައްސަލަކަން 'ދައުރު'އަށް އެނގިއްޖެ އެވެ. އެއާ އެކު، އެކަމާ ގުޅޭ ގޮތުން އޭނާއަށް މައޫލުމާތު ސާފުކޮށްދެއްވައި ގައުމުގެ މިނިވަންކަމަށް ނުރައްކަލެއް ނެތް ކަމުގެ ޔަގީންކަން އެރުވުމުގެ ގޮތުން ކަންކަން އޮޅުންފިލުވައިދެއްވުމަށް އެކަމާ ބެހޭ މައުލޫމާތު ގާސިމަށް ދެއްވަން ރައީސް ނިންމަވާފައިވާ ކަމަށްވެ އެވެ.
ވީ ކިހިނެއް؟ - ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި 5،000އެއްހާ ވޯޓާ އެކު ފަސް ވަނަ ހޯއްދެވި ގާސިމާ އެކު ދެވަނަ ބުރުގެ ކޯލިޝަން މަޝްވަރާތައް ކުރެއްވުމަށް ރައީސް ސޯލިހް ވަނީ އިއްޔެ ގާސިމްގެ ސަން އައިލެންޑް ރިސޯޓެއް ވަޑައިގެންފަ އެވެ.
ރައީސްއާ އެކު ކޯލިޝަން ހެދުމަށް 'ފެހި ސިގްނަލް' ގާސިމް ދެއްވާފައިވީ ނަމަވެސް، އެ މަޝްވަރާތަކުގައި، އިންޑިއާގެ ނުފޫޒު މި ސަރުކާރަށް އޮތް ކަމަށް ބުނާ ކަންބޮޑުވުން ގާސިމް ފާޅުކުރައްވާފައިވާކަން، އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް ވަނީ އެނގިފަ އެވެ.
ތަފްސީލު - މި މަޝްވަރާތަކުގެ މައޫލުމާތު އެނގޭ އިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، މި ސަރުކާރުން އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭ ކަންބޮޑުވުން ގާސިމް ފާޅުކުރެއްވި އެވެ.
"އޮނަރަބަލް ގާސިމް އިބްރާހިމް މަޝްވަރާތަކުގައި އެންމެ ބޮޑަށް ފާހަގަކުރެއްވި ކަމަކީ، ގާސިމް ކެމްޕެއިންގައި ވެސް އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކައަކީ އިންޑިއާގެ ނުފޫޒުގެ މައްސަލަ. އެހެންވެ، ރައީސް ވަނީ އެ އެއްބަސްވުންތަކުން ގައުމުގެ މިނިވަންކަމަށް އެއްވެސް ބުރުލެއް ނާރާނެ ކަމުގެ އެޝުއަރެންސް [ޔަގީންކަން] ދެއްވާފައި،" އޭނާ ވިދާޅުވި އެވެ.
އެ ޔަގީންކަން ދެއްވުމާ އެކު، ރައީސް ވަނީ، އެނގިފައިވާ ގޮތުގައި، އެ އެއްބަސްވުންތަކާ ގުޅޭ މައޫލޫމާތު ވެސް ގާސިމަށް އެރުވުމަށް ނިންމަވާފަ އެވެ.
އެނގިފައިވާ ގޮތުގައި، ގާސިމަށް އެ މައުލޫމާތު އެރުވުމަށް ރައީސް ހަވާލުކުރައްވާފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ އެވެ.
އެ މައުލޫމާތު ދިނުމުގައި، އެ އެއްބަސްވުންތައް ގާސިމަށް ދައްކަނީ ކަމެއް ނުވަތަ އެއާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅަނީ ކަމެއް ޔަގީނެއް ނޫނެވެ. ނަމަވެސް، ނިންމާފައި އޮތީ، ކޮންމެވެސް ސިފައެއްގައި އެއާ ގުޅޭ މައުލޫމާތު އެރުވުންކަން 'ދައުރު'އަށް ކަށަވަރުވެ އެވެ.
އިތުރަށް ކިޔާލަން - 12 ގަޑިއިރުގެ މަޝްވަރާއެއް؛ ގާސިމްގެ ފެހި ސިގްނަލް ރައީސްއަށް
ފާހަގަކޮށްލެވޭ ކަމެއް - ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓްގެ %50 ނުހޯއްދެވުނެވެ. އެހެންވެ، މި މަހުގެ 30ގައި ބާއްވާ ދެ ވަނަ ބުރުގައި ވާދަކުރައްވާނީ، ފުރަތަމަ ބުރުގައި 15،000އެއްހާ ވޯޓުގެ ފަރަގަކާ އެކު އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަދި ދެ ވަނައަށް އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ރައީސް ސޯލިހެވެ. އެގޮތުން:
މުއިއްޒަށް 101،128 ވޯޓް ލިބިވަޑައިގެންފައިވޭ؛ އެއީ %46
ރައީސް ސޯލިހަށް 86،000 ވޯޓު ލިިބިވަޑައިގެންފައިވޭ؛ އެއީ %39
ގާސިމްއާ އެކު ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ޕީޕީއެމް-ޕީއެންސީން ވެސް އަންނަނީ މަޝްވަރާ ކުރުމުންެވެ. އެގޮތުން، މިދިޔަ އަންގާރަ ދުވަހު ދެ ފަރާތުން ވަނީ މަޝްވަރާ ބައްދަލުވުންތައް ވެސް ބާއްވާފަ އެވެ. ނަމަވެސް، އެ ބައްދަލުވުމާ ގުޅޭ މާ ބޮޑު މައުލޫމާތެއް ދެ ފަރާތުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.
އިތުރަށް ކިޔާލަން - ޕީޕީއެމްގެ އިސް ވަފުދެއް، ގާސިމްއާ ވާހަކަ ދައްކަން ސަންއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ