ޓީޗަރުންގެ ފުލެޓުން ތައުލީމީ ދާއިރާގެ އެހެން މުވައްޒިފުންނަށްވެސް ފުރުސަތު ދެނީ

ޓީޗަރުންނަށް ހާއްސަކޮށް ވިލިމާލޭގައި ހަދާފައިވާ "އެދުރުވެހި" ފުލެޓްތަކުން ޓީޗަރުންގެ އިތުރުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ސިވިލްސާވިސްގެ މުވައްޒިފުންނަށް ވެސް ދިނުމަށް ނިންމައިފިއެވެ. ވިލިމާލޭގައި ހަދާފައިވާ 83 ފުލެޓުގައި މިހާރު އުޅެމުންދަނީ މުޅިންވެސް ޓީޗަރުންނެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ވަހީދު މިއަދު ސަން އަށް ވިދާޅުވީ އެފުލްޓުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް އަދިވެސް އުޅެވޭނެ ކަމަށެވެ. ކުރިއަށްއޮތްތަނުގައި ހުސްވާ ފުލެޓުތަކުގެ ތެރެއިން ތައުލީމީ ދާއިރާގައި އުޅޭ ޝަރުތުހަމަވާ ސިވިލް ސާވިސް މުވައްޒިފުންނަށް ފުރުސަތު ލިބޭނެ ކަމަށް ވަހީދު ވިދާޅުވިއެވެ. "މިހާރު ތިބީ ޓީޗަރުން ދެން ހުސްވާ ތަންތަން ދޫކުރުމުގައި ތައުލީމީ ދާއިރާގައި އުޅޭ ސިވިލް ސާވިސް މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުންނަށް ދިނުމަށް ނިންމީ،" ވަހީދު ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ ޝަރުތުހަމަނުވާ ފަރާތްތައް ދިރިއުޅޭ ބައެއް ފްލެޓުތައް މިހާރު ދަނީ ހުސްކުރަމުން ކަމަށެވެ. ވިލިމާލޭ ޓީޗަރުންގެ ފުލެޓުން ތައުލީމީ ދާއިރާގައި އުޅޭ އެހެން ފަރާތްތަކަށް ފުރުސަތު ދީފައިވާއިރު މާލޭގައި ހަދާފައިވާ އެދުރުހިޔާ ހާއްސަކޮށްފައިވަނީ ޓީޗަރުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ