ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ވޭތުވި 4 އަހަރުގެ މުސާރައިގެ ކުރިއެރުން އަންނަ މަހު ދެނީ

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ސްޓެޕް އެލަވަންސް ދިނުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދިނުމާ ގުޅިގެން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން އެ އެލަވަންސް އަންނަ މަހު ދިނުމުގެ މަސައްކަތް ފަށައިފިއެވެ. ސްޓެޕް އެލަވަންސަކީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާ ގުޅުވައިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ދެވޭ މުސާރައިގެ ކުރިއެރުމެކެވެ. ވޭތުވެ ހަތަރު އަހަރު (2019 އިން 2022 ވަނަ އަހަރު)ގެ ސްޓެޕް އެލަވަންސް ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ދިނުމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިނުވުމުގެ ސަބަބުން އެ އެލަވަންސް މުވައްޒަފުންނަށް ލިބިފައެއް ނުވެއެވެ. އިއްޔެ ޑީޖޭއޭއިން ނެރުނު އިއުލާނެއްގައި ބުނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާ ގުޅުވައިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ދެމުން ދިޔަ މުސާރައިގެ ކުރިއެރުމުގެ އެލަވަންސް ދިނުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން މިހާރު ދީފައިވާ ކަމަށެވެ. އެއާ އެކު ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސްފައިވާ ކަމަށް ޑީޖޭއޭއިން ބުނެފައިވެއެވެ. އަންނަ މަހުގެ ތެރޭގައި މުވައްޒަފުންނަށް މި އެލެވަންސް ދިނުމަށްޓަކައި ހަމަޖައްސަން ޖެހޭ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް ކޯޓުތަކަށް ފޮނުވާފައިވާ ކަމަށް ޑީޖޭއޭއިން ބުންޏެވެ. އަދި، އަންނަ މަހުގެ ފަހެއްގެ ނިޔަލަށް ފޮނުވާ ފޯމުތަކަށް އެލަވަންސް ދެވިގެން ދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. https://sun.mv/181403 މިދިޔަ މަހުގެ ތެރޭގައި ވެސް ސަރުކާރުން ވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ތެރޭގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 ޕަސެންޓު ބޮޑުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ