އާރަށް މައްސަލަ: ރައީސް ޔާމީން އަތުން 52 މިލިއަން ރުފިޔާ ހޯދަން ހައި ކޯޓަށް

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ކުށާ ގުޅިގެން 52 މިލިއަން ރުފިޔާ ދައުލަތަށް ނެގުމުގެ ބައި ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ 52 މިލިއަން ރުފިޔާ ދައުލަތަށް ނެގުމުގެ ބައި މިދިޔަ ހަފުތާގައި ހައި ކޯޓުގައި އިސްތިއުނާފްކުރީ ކްރިމިނަލް ކޯޓުގެ ކުރީގެ އަމުރު އެ ކޯޓުން ބާތިލް ކުރުމުން ކަމަށެވެ.
ހައި ކޯޓުން އެ އަމުރު ބާތިލްކުރީ ޔާމީން ޖަލަށްލާން ހުކުމް ކުރިތާ މާ ފަހުން އެ އަމުރު ނެރެފައިވާތީއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު (52 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ދައުލަތުން ބުނީ އާރަށް ކުއްޔަށް ދިން މައްސަލާގައި އިސްލާމިކް ބޭންކްގައި އޮތް ޔާމީންގެ އެކައުންޓަށް ޖުމުލަ 1،295،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ. އަދި އޭގެ ފަހުންވެސް އިސްލާމިކް ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަކަށް އިތުރު ފައިސާއާއެކު ޖުމުލަ 3،413،230 ޑޮލަރު، 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ