ދިރާގުން ހިއްސާއަކަށް 7.33 ރުފިޔާ ބަހަން ފާސްކޮށްފި

ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 7.33 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ. ދިރާގުން މުޅި އަހަރުގެ ހިއްސާއަކަށް 7.33 ރުފިޔާ ބަހަން ފާސްކުރިއިރު، މިއީ އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި ބަހަން ފާސްކުރި 1.66 ރުފިޔާ އަދި ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ބަހަން މިރޭ ފާސްކުރި 5.67 ރުފިޔާ އެއްކޮށްލުމުން ޖެހޭ އަދަދެވެ. ހިއްސާގެ ފައިދާގެ ގޮތުގައި 7.33 ރުފިޔާ ބަހަން ފާސްކުރީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި 93 ހިއްސާދާރުންގެ ވޯޓުންނެވެ. އެއީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 96.87 އިންސައްތައެވެ. ދިރާގުގެ އަހަރީ އާންމު ޖަލްސާގައި 125 ހިއްސާދާރުންގެ 71،347،289 ހިއްސާ ތަމްސީލުކުރެއެވެ. މި ޖަލްސާގައި އެ ކުންފުނީގެ ނިމިދިޔަ އަހަރުގެ އުސްއަލިތަކަށް އަލިއަޅުއްވާލައްވަމުން ސީމީވީ 6 ސަބްމެރިން ކޭބަލް މަޝްރޫއު އާއި ދިރާގު ޓީވީ ހުއްޓާލަން ޖެހުމުގެ އެ ކުންފުނީގެ ޗެއާޕާސަން އިސްމައިލް ވަހީދު ފާހަގަކުރެއްވިއެވެ. އެގޮތުން ސަބްމެރިން ކޭބަލް މަޝްރޫއުއަށް ދާދި ފަހުން އިތުރު ފައިސާ ހަމަޖެހިފައިވާއިރު، ދިރާގު ޓީވީ ބޭނުންކުރަމުން ގެންދިޔަ 15،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް ގެއްލުމެއް ނުދެވި، ލޯކަލް އެހެން ރީބޮރްޑްކާސްޓަރަކަށް އެ ޚިދުމަތް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ދިރާގުގެ ނިމިދިޔަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން، ޓެކުހަށް ކެނޑުމަށްފަހު އެ ކުންފުނީގެ ފައިދާ 11.8 ޕަސެންޓު އުފުލި، 909 މިލިއަން ރުފިޔާ ލިބުނެވެ. ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ދިރާގުގެ މައި ހިއްސާދާރަކީ ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)އެވެ. އެ ކުންފުނީގެ ހިއްސާއަކީ 52 އިންސައްތައެވެ. އެ ކުންފުނީގައި ދިވެހި ސަރުކާރުގެ ހިއްސާއަކީ 41.80 އިންސައްތައެވެ. ބާކީ 6.20 އިންސައްތަ ހިއްސާ ވަނީ އާންމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ