މިމައްސަލައަކީ އަޅުގަޑުމެންގެ މުޖްތަމަޢުގައި ވަރަށް ބޮޑުވެފައިވާ މީސްތަކުންނަށް އެކަމުގައި ހުރި ނުބައިކަން އެނގިފައިނުވާ ނުވަތަ ފަރުވާކުޑަކުރެވިފައިވާ ކަމެކެވެ. ވުމާއިއެކު، މިކަމުގެ މައްޗަށް ކޮންމެވެސް އެއްޗެއް ބުނެނުލާ ހުރުމަކީ ފާފަވެރިވެދާނެ ކަމެއްކަމަށް ހީވެގެން ކުރިޔަށް ދެވޭތޯ ގަސްތުކުރީމެވެ. ވަބިﷲ އައްތައުފީގް.
ޝައްކެތްނެތް ގޮތުގައި މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތައް ގިނަގުނައެވެ. ގުނާ ޢަދަދު ނުކުރެވޭހާ ގިނައެވެ. މިއިންކޮންމެ ނިޢުމަތެއްދެއްވި ކަމަށްޓަކައި މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރަންޖެހެއެވެ. އެގޮތުން އެއިން ކޮންމެ ނިޢުމަތެއްގެ ބޭނުން ކުރަންވާނީ އެކަލާންގެ ރުހިވޮޑިގެންވާ ގޮތުގެ މަތިންނެވެ.
މިގޮތުން އިންސާނުންނަށް ދެއްވި އެއް ނިޢުމަތަކީ ދުލުގެ ނިޢުމަތެވެ. އިންސާނުން ހިތުގައި އުފެދޭ ޝުޢޫރުތައް ބޭރުކުރުމަށް، ކާބޯތަކެތީގެ ރަހަބެލުމަށް ދޫ ދެއްވިއެވެ. އެކަލާންގެ ވަޙި ބަސްފުޅުގައިވެއެވެ.
(أَلَمْ نَجْعَل لَّهُ عَيْنَيْنِ ﴿٨﴾ وَلِسَانًا وَشَفَتَيْنِ )البلد: ٨ – ٩
މާނައަކީ: "ތިމަން ﷲ އެއިންސާނާ އަށް ދެލޯނުދެއްވަމުހެއްޔެވެ. އަދި ދުލަކާއި ދެތުންފަތެވެ".
އީމާންކަމާއި ކުފުރު ތަފާތުކޮށްދެނީ ދުލުން ބުނާބަހަކުންނެވެ. އިންސާނާ ސުވަރުގެވަންތަވެރިއަކަށްވުމާއި ނުވުން ގުޅިފައިވަނީ ދުލާއެވެ.
ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
(إن العبد ليتكلم بالكلمة ما يتبين فيها يزل بها إلى النار أبعد ما بين المشرق والمغرب)
މާނައަކީ: "އަޅާ ތެދުދޮގުބެލުމެއްނެތި ވާހަކަދެއްކުމުގެ ސަބަބުން ނަރަކައަށް ވައްޓައިލެވެއެވެ".
އެހެންކަމުން މިދޫ ރައްކާތެރިކުރަން އެބަޖެހެއެވެ. އެކަންނުކުރެވިއްޖެނަމަ އެމީހަކު ނަރަކައިގެ އަލިފާންގަނޑުގެ ތެރެއަށް ވައްޓައިލެވެއެވެ. އަދި ދޫ ފުރިހަމަ ގޮތުގައި ރައްކާކުރެވިއްޖެނަމަ އެމީހަކަށް ސުވަރުގެލިބޭނެ ކަމުގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްވަނީ ދެއްވާފައެވެ. ޙަދިޘް ކުރެއްވިއެވެ.
(من يضمن لي ما بين لحييه وما بين رجليه أضمن له الجنة)،
މާނައަކީ: "އެމީހެއްގެ ދެކޯދޭތެރޭގައިވާތަނާއި)އަނގަ)، ދެފައިދޭތެރޭގައިވާތަން(ފަރުޖު)، ރައްކާތެރިކުރާނެ ކަމުގެ ގެރެންޓީދީފި މީހަކަށް ސުވަރުގެ ލިބޭނެކަމުގެ ގެރެންޓީ ތިމަންކަލޭގެފާނު ދެއްވަމެވެ".
މުޢާޛް ބިން ޖަބަލު ރަޟިޔަﷲ ޢަންހު އަށް ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމް އެކިވައްތަރުގެ ހެޔޮކަންތައްތައް ބުނެދެއްވުމުން މުޢާޛް ސުވާލުދެންނެވިއެވެ. ތިމަންކަލޭގެފާނަށް ސުވަރުގެއަށްވަދެވި ނަރަކައިން ދުރުހެލިވާނެ ކަމެއްދަސްކޮށްދެއްވާށެވެ. ޙަދީޘް ކުރެއްވިއެވެ. "ހުރިހާ ހެޔޮކަމެއްގެ މައިގަނޑު ބުނެދެއްވަން ހެއްޔެވެ". މުޢާޛް ދެންނެވިއެވެ. "އާދޭހެވެ"، އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ އެކަލޭގެފާނުގެ ދޫކޮޅުގައި ހިއްޕަވައި ޙަދީޘް ކުރެއްވިއެވެ. "މިއެތި ހިފަހައްޓާށެވެ"، އެހިނދު މުޢާޛް ދެންނެވިއެވެ. "އަހަރުމެން ދައްކާވާހަކައެއްގެ ސަބަބުން ފާފަލިބޭތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "މީސްތަކުން މޫނުވަތަށް ނަރަކައަށް ވައްޓައިލެވެނީ އެމީހުންގެ ދުލުން ބޭރުކުރި ބަސްތަކެއްގެ ސަބަބުން ނޫން ކޮން ކަމަކުން ހެއްޔެވެ؟!".
ދޫރައްކާތެރިކުރުމަކީ އީމާންކަމާއި ގުޅިފައިވާ ކަމެކެވެ. ޙަދީޘް ކުރެއްވިއެވެ،
(من كان يؤمن بالله واليوم الآخر فليقل خيرا أو ليصمت)
މާނައަކީ: "ﷲ އާއި އާޚިރަތްދުވަހަށް އީމާންވާމީހާ ހެޔޮބަސްބުނާހުށިކަމެވެ. ނޫންނަމަ ހަނުހުންނާށެވެ".
(އަދި ނުނިމޭ)
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ދޫ ރައްކާތެރިކުރުން- 1: މީސްތަކުން މޫނުވަތަށް ނަރަކައަށް ވައްޓައިލެވެނީ އެމީހުންގެ ދުލުން ބޭރުކުރި ބަސްތަކެއްގެ ސަބަބުން ނޫން ކޮން ކަމަކުން ހެއްޔެވެ؟!: ޙަދީޘް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ