މިދިޔަ އަހަރު ފައިސާ އާ ގުޅޭ 1400 އެއްހާ މައްސަލަ ހުށަހަޅާފައިވޭ: ބީއެމްއެލް

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ބޭންކް އެކައުންޓުތަކުން ވެރިފަރާތަށް ނޭނގި ފައިސާ ގެއްލިގެން މިދިޔަ އަހަރު 1400 އަށްވުރެ ގިނަ މައްސަލަތައް ހުށަހަޅާފައިވާ ކަމަށް އެބޭންކުން ބުނެފިއެވެ.
ރޭ ރާއްޖެ ޓީވީގެ ފަހަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުހައްމަދު ސައީދު ވިދާޅުވީ މި މައްސަލަތަކުގެ ތެރޭގައި އެކައުންޓުގެ ވެރިފަރާތަށް ނޭނގި ނުވަތަ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.
މި މައްސަލަތަގެ ތެރެއިން 30 އިންސައްތަ މައްސަލަތަކަކީ ބޭރުފައިސާއިން ހިންގާ އެކި އެކި މުއާމަލާތްތަކުން ގެއްލޭފައިސާ ކަމަށް ސައީދު ވިދާޅުވިއެވެ..
ސައީދު ވިދާޅުވީ ވަރަށް ގިނަ ފަހަރު ސޯޝަލް މީޑިއާގެ ޒަރީއާއިން ހިންގާ މުއާމަލާތެއްގެ ތެރެއިން ފައިސާ އަށް މަކަރު ހަދައި އޮޅުވާލައިގެން އުޅޭ މައްސަލަތަތައް ހިމެނޭ ކަމަށެވެ.
ފައިސާގެ މުއާމަލާތް ހިންގާ ފަރާތަކީ ކާކު ކަން ނޭނނޭ މީހުންނަށް ވާއިރުވެސް ބޮޑެތި އަދަދު ތަކުން ފައިސާގެ މުއާމަލާތް ކޮށްފައި ހުންނަ ކަން ސައީދު ވަނީ ފާހަގަ ކުރައްވައިފައެވެ.
"މިސާލަކަށް ޑޮލަރު ފޮނޮވާފަ ބޭރުފައިސާ ނުލިބިގެން އަދި ބައެއްފަހަރު ބޭރުފައިސާ ފޮނޮވާފަ ދިވެހި ރުފިޔާ ނުލިބިގެން މިގޮތައް އަޅުގަނޑުމެންނަށް މައްސަލަތައް ހުށަހެޅޭ. މިގޮތަށް ބަލާއިރު 300 އެއްހާ މައްސަލަތައް މިދިޔަ އަހަރު ތެރޭގައި ވެސް ހުށަހަޅާފައިވޭ" ސައީދު ވިދާޅުވިއެވެ.
އެގޮތަށް ހިންގާ މުއާމަލާތްތަކުގައި ވަރަށް ގިނަ އަދަދަކުން ފައިސާ ކަސްޓަމަރުން އަތުން ގެއްލޭ ކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
މީގެ އިތުރުން ބޭރުގެ އެކައުންޓުތަކަށް ހަދާ ޓްރާންސެކްޝަންތަކުގެ މައުލޫމާތު ހޯދައި ސްކޭމަރުން އެ ބޭންކްގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ކަނޑާކަން ސައީދު ފާހަގަ ކުރެއްވިއެވެ. ސައީދު ވިދާޅުވީ އެފަދަ މައްސަލަތަކުގައި އަމަލުކުރަން ޖެހޭ ވަކި ޕްރޮސީޖާތަކެއް އޮންނަ ކަމަށާއި އެހެން ކަމުން އެ ގޮތަށް ގެއްލޭ ފައިސާ އަނބުރާ ލިބޭނެ ކަމަށާއި ނަމަވެސް ކުޑަ ލަސްވުމެއް އައިސްދާނެ ކަމަށެވެ.
ކަސްޓަމަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަލާމަތީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް ބަލައި އެކަން އެބޭންކުން ކުރަމުން ގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ