ޒާހިރު ނަސީރަކީ ކުޅިވަރު އާއިލާގެ ހަގީގީ ބައްޕަ: މައުމޫން

މަރުހޫމް މުހައްމަދު ޒާހިރު ނަސީރަކީ ދިވެހި ކުޅިވަރު އާއިލާގެ ހަގީގީ ބައްޕަގެ ގޮތުގައި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ސިފަ ކުރައްވައިފި އެވެ. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ މުހައްމަދު ޒާހިރު ނަސީރަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށާއި ސިއްހީ ދާއިރާގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއަށް އަގު ނުކުރެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާ އަވަހާރަވީ 2016 މެއި 25 ވަނަ ދުވަހު، އުމުރުފުޅުން 87 އަހަރުފުޅުގަ އެވެ. ޒާހިރު ނަސީރުގެ ހަނދާނުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ތައުބީނުގެ ޖަލްސާގައި، އެމަނިކުފާނުގެ ޚިދުމަތްތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ، ޒާހިރު ނަސީރަކީ އެންމެ ކުރިން "އެއްގޮތަކަށް ވެސް ކުޅިވަރަށް ލޯބިކުރެއްވި ބޭފުޅެއް ނޫން" ކަމަށާއި، އެމަނިކުފާނު ކުރީގައި ކުޅިވަރު ނުވެސް ކުޅުއްވާ ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނު ކިޔަވާ ވިދާޅުވާން މިސްރަށް ވަޑައިގަތުމުގެ ކުރިން ސްރީލަންކާގެ ކޮޅުނބުގައި ހުންނަ ސޯސަން ވިލާގައި ދެ އަހަރު ދުވަހު މަޑު ކުރެއްވި ކަމަށާއި، އޭރު ޒާހިރު ނަސީރަކީ އެތަނުގައި އިސްކޮށް އުޅުއްވި ބޭފުޅެއް ކަމަށެވެ. މައުމޫން ވިދާޅުވީ އެދުވަސްވަރު ޒާހިރު ނަސީރު އަބަދުވެސް ހުންނަވާނީ ފޮތެއް ހިއްޕަވައިގެން އެ ވިދާޅުވާން ކަމަށެވެ. "އެއްދުވަހަކު އަޅުގަނޑުމެން ހަވީރު ގަޑީގައި އެތަނުގައި ކުޅިވަރު ކުޅެން އުޅުނު އިރު، ޒާހިރު ނަސީރު ހުންނެވި ކޮންމެވެސް ތަނެއްގައި ފޮތެއް ހިއްޕަވައިގެން. ސޯސަންވިލާގެ އޭރުގެ ބައެއް ބޭފުޅުން ހެދި ގޮތަކީ، ޒާހިރު ނަސީރު އިންނެވި ތަނުން ނަގައިގަނެގެން ގޮސް ދަނޑުމަތީގައި ބޭއްވީ. ދެން ދެންނެވީ ކުޅުއްވާށޭ. ޒާހިރު ދެން ހިނިފުޅުވަޑުވާފައި ތެދުވެވަޑައިގެންފައި ގައިކޮޅު ފޮޅުއްވާފައި އަނެއްކާވެސް ވަޑައިގެންނެވީ ފޮތް ވިދާޅުވާން، "އެހެން ނަމަވެސް ފަހުން ބައްލަވާ. ޒާހިރު ނަސީރު ފަހުން ވެވަޑައިގަތީ ރާއްޖޭގެ ކުޅިވަރުގެ ބާނީއަކަށް. ކުރީގެ ޒުވާން ދުވަސްވަރު މުޅިން އުޅުއްވީ ފޮތުގައި. އެކަހަލަ ބަދަލުތައް ވެސް އިންސާނުންނަށް އާދޭ. އަޅުގަނޑު ދަންނަވާނީ އެއީ ވަރަށް ހެޔޮ ރަނގަޅު ބަދަލެކޭ،" ރައީސް މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ، ޒާހިރު ނަސީރުގެ ނަންފުޅު، ގައުމީ ޚިދުމަތްތެރީންގެ ލިސްޓުގެ އެންމެ ކުރީގައި ރަން އަކުރުން ލިޔެވޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ފުރަތަމަ ކުޅިވަރު ތައާރަފު ކޮށްދެއްވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު އަމީން ދީދީ ކަމަށާއި، ރައީސް އަމީނަށް ފަހު ރާއްޖޭގެ ކުޅިވަރުގެ ދެވަނަ ބާނީއަކީ ޒާހިރު ނަސީރު ކަމަށެވެ. އެގޮތުން، ރާއްޖޭގެ ކުޅިވަރު ޓީމުތައް ބައިނަލްއަގުވާމީ މުބާރާތްތަކަށް ގެންދެވުމާއި ރާއްޖޭގެ ކުޅިވަރު އާލާ ކުރުމަށްޓަކައި ބޭރު ފަރާތްތަކުގެ އެހީ ފުރަތަމަ ހޯއްދެވީ ވެސް ޒާހިރު ނަސީރު ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އެ ދުވަސްވަރު ކުޅިވަރުތަކުގެ ގަވައިދު ލިޔެވިފައި ހުންނަނީ އިނގިރޭސި ބަހުން ކަމަށާއި އެޒަމާނުގައި ގިނަ ދިވެހީންނަށް އިނގިރޭސި ބަސް ނޭނގޭތީ، ޒާހިރު ނަސީރު އެ ގަވައިދުތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތް ވެސް ކުރެއްވި ކަމަށް މައުމޫން ވިދާޅުވި އެވެ. މީގެ އިތުރުން، ޒާހިރަކީ ވަގުތަށް ވަރަށް ބޮޑަށް ކަމޭހިއްތަވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ 13 ކާފުގެ ފިލާވަޅުގެ ވާހަކަތައް ރައީސް މައުމޫން ހިއްސާ ކުރެއްވި އެވެ. "ކަމެއް ހަމަ ކުރިޔަކަސް ކަމަކު ނުދާނެ. ކަމެއް ކަމަކަށް ވާ ގޮތަށް ކުރިއްޔާ ނޫނީ ކަމެއް ކުރެވުނު ކަމަކަށް ނުވާނެ" މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް ވަނީ، ޒާހިރު ވަގުތަށް ސަމާލުކަން ދެއްވާ މިންވަރަށް ވަރަށް ޚާއްސަ ގޮތެއްގައި އަލި އަޅުއްވާލައިފަ އެވެ. އޭގެ ތެރޭގައި، ޒާހިރު އަރިހުގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި އާދަމް ޒާހިރާއި، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް އަލީއާއި، އޮލިމްޕިކް ކޮމިޓީގައި ޒާހިރު އަރިހުގައި މަސައްކަތް ކުރެއްވި ޑރ. އާމާލް އަލީއާއި ޒާހިރުގެ ދެބެއިންގެ ދެދަރި ބޭފުޅެއް ކަމުގައިވާ ބަދުރު ނަސީރު ފަދަ ބޭބޭފުޅުންގެ ވާހަކަތައް ސްޓޭޖުންނާއި ވީޑިއޯގެ ޒަރިއްޔާއިން ވަނީ ޖަލްސާގައި ދައްކަވައިފަ އެވެ. މިރޭ ބޭއްވި ޒާހިރު ނަސީރުގެ ތައުބީނުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ޒާހިރު ނަސީރުގެ ބައެއް ތަކެތި ޖަލްސާގައި ބައިވެރިވި ފަރާތްތަކަށް މައުރަޒު ކުރި އިރު، ޒާހިރުގެ ހަނދާނުގައި ސޮއި ކުރެވުނު ހަނދާނީ ދަފްތަރު، ޒާހިރުގެ ކޮއްކޯފުޅު އަދި ކުރީގެ ޕަބްލިކް ވޯކްސް މިނިސްޓަރ އުމަރު ޒާހިރަށް ހަވާލު ކުރެވުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ