ގާސިމް އެކުގައި ނެތުމަކީ މާ ބޮޑު ޗެލެންޖަކަށް ނުވާނެ: އަސްލަމް

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ އެކުގައި ނެތުމަކީ ދެރައެއް ކަމަށާއި އެކަމަކު، އެއީ މާ ބޮޑު ޗެލެންޖަކަށް ނުވާނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތައް އެކުގައި މި އަހަރުގެ އިންތިޚާބަށް ނުކުތުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދައުވަތު ފޮނުއްވައި، އެތައް ފަހަރެއްގެ މަތިން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރައްވާފައި ވަނިކޮށް އޭނާ ވަނީ ޖޭޕީން ވަކިން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައިފައެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވައިލައިފައެވެ. އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީއާ އެކު ޖޭޕީ ނެތުމަކީ މާ ބޮޑު ގޮންޖެހުމަކަށް ނުވާނެ ކަމަށާއި އެކަމަކު، އެއީ އެ ޕާޓީއަށް ލިބުނު ދެރައެއް ކަމަށް ގަބޫލުކުރައްވައި ކަމަށެވެ. "ރައީސް ޞާލިހް ވަރަށް ސާފުކޮށް މި އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އަޅުގަނޑަށް ފެންނަނީ. ވަރަށް ގިނަ ކަންކަން ކުރައްވަމުން އެބަ ގެންދޭ، ވަރަށް ގިނަ ސިޔާސަތުތަކަށް ވަރަށް ގިނަ ރަނގަޅު ހެޔޮ ބަދަލުތައް އެބަ އާދޭ. ރައީސް ޞާލިހްގެ ވަރަށް ގިނަ ހެޔޮ ނިންމުންތައް ރައްޔިތުން ވަރަށް ރަނގަޅަށް ބަލައިގަންނަކަން އަޅުގަނޑަށް ފާހަގަކުރެވެނީ." އޭނާ ވިދާޅުވިއެވެ. އަސްލަމް ގަބޫލުކުރައްވައި ގޮތުގައި ވަކި ބޭފުޅަކު އެކުގައި ނެތް ނަމަވެސް އާންމު ރައްޔިތުން ތިބީ ރައީސާ އެކުގައެވެ. އަދި، އެ މަނިކުފާނު ކުރައްވަވާ ކަންކަން އާންމުން ބަލައިގަންނަ ކަމުގެ އިހްސާސް ކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ "ވަކި ބޭފުޅެއް ނެތުމެއް ނޫން ހެން އަޅުގަނޑަށް ހީވަނީ މީގައި، [މުހިއްމީ]. އަޅުގަނޑަކަށް ނުފެނޭ މާ ބޮޑު ޗެލެންޖެއް، އެކަމު ވީހާ ވެސް ގިނަ ބޭފުޅުން އަބަދު ވެސް ތިއްބެވުމަކީ ރަނގަޅު ކަމެއް، ވަކި ގާސިމް އިބްރާހިމެއް ނޫން، ހުރިހާ ބޭފުޅުން ވެސް ތިއްބެވުމަކީ ހަމަ ރަނގަޅު ކަމެއް." އޭނާ ވިދާޅުވިއެވެ. "ވަކި ގާސިމް އިބްރާހިމް ނެތުމަކުން ވާނެ މާ ބޮޑު ގެއްލުމެއް ނެތް، އަނެއްހެން މާ ބޮޑު ދަށްވުމެއް ނުފެނޭ އިނގޭތޯ." އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދަވާފައިވާ ރައީސް ޞާލިހް ގެންދަވަނީ މި އަހަރުގެ އިންތިޚާބަށް ކޯލިޝަން ހެދުމަށް މަޝްވަރާތައް ކުރައްވަމުންނެވެ. ސަރުކާރު ކޯލިޝަންގައި މިހާރު ވެސް ހިމެނޭ އަދާލަތު ޕާޓީއާ އެކު މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވެސް ވަނީ އެ މަނިކުފާނާ އެކު ކޯލިޝަން ހަދަން ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ