ކައިވެންޏެއްގެ މައްސަލާގައި ގާޒީ ހަސަން ސައީދު ސަސްޕެންޑްކޮށްފި

ފެމިލީ ކޯޓުގައި އުސޫލުތަކާ ހިލާފަށް ކައިވެންޏެއް ކޮށްދިިނުމަށް މަގުފަހިވާގޮތަށް އަމަލު ކުރިކަން ސާބިތުވެ، މިހާރު ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑުކޮށްފި އެވެ.
ހަސަން ސައީދު ސަސްޕެންޑު ކުރަން ނިންމާފައި ވަނީ 2018 ވަނަ އަހަރު އޭނާ ފެމިލީ ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އިރު، އެ ކޯޓުގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރި ކަމަށް ބުނާ ކައިވެންޏެއްގެ މައްސަލައަކާ ގުޅިގެންނެވެ.
ޖޭއެސްސީއިން މިއަދު ބުނީ ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ އުސޫލުގެ މަތީން އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް ފެމިލީ ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން، ހަސަން ސައީދު އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާއަށް އޭރު ލަފާދެއްވާފައިވާ ކަމަށެވެ.
އެކަމަކު، ފެމިލީ ކޯޓަށް ހުށަހަޅާ ކައިވެނިތައް ކޮށްދިނުމާ މެދު ގޮތް ނިންމުމުގެ ގާނޫނީ ހައިސިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ ކަމަށް ވާއިރު، ހަސަން ސައީދު ދެއްވި ލަފާގެ ސަބަބުން ގާނޫނާ ގަވާއިދާއި ފެމެލީ ކޯޓުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް ކައިވެންޏެއް ކޮށްދިނުމަށް މަގުފަހިވެފައިވާކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އިއްޔެ ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑު ކުރަން ނިންމީ އޭނާއަށް މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށެވެ.
މީގެކުރިން ފެމިލީ ކޯޓުގައި އިސްގާޒީއަކަށް އޭނާ ހުންނަވަނިކޮށް އެހެން މައްސަލައެއްގައި ހަސަން ސައީދު މަގާމުން ވަކިކުރަން ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ނިންމި އެވެ. އެކަމަކު ފަހުން ކޮމިޝަނުން އެ ނިންމުން ބަދަލުކޮށް, ނިންމީ އޭނާ ކްރިމިނަލް ކޯޓަށް ބަދަލު ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ