ވިލިމާލޭގައި ގޭންގު މާރާމާރީއެއް: ހަތަރު މީހަކު ޒަހަމްކޮށްލައިފި

ވިލިމާލޭގައި ރޭ ހިނގި ގޭންގު މާރާމާރީއެއްގައި ހަތަރު މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނެފައިވަނީ، ވިލިމާލޭ، ކަނދޮޅުމާގޯޅީގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީ ހިންގި މައްސަލައެއް އިއްޔެ 15:12 އެހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މާރާމާރީގައި އަނިޔާވި ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ވިލިމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެ ހަތަރު މީހުންނަކީ ވެސް ދިވެހި ފިރިހުންނެެވެ.
އެ ހަތަރު މީހުންނަކީ އުމުރުން 18 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެއް އަދި 22 އަހަރުގެ މީހެކެވެ.
އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މާލޭގައި އެކަނި 44 ގޭންގު ހިންގައެވެ. އޭގެ ތެރެއިން ނުވަ ގޭންގަކީ ނުރައްކާތެރި ކުށްކުރާ ގޭންގުތައް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ގޭންގް މާރާމީގެ ކުށްތައް މި ފަހަކަށް އައިސް މަދުވެފައިވާނަމަވެސް، އަދިވެސް ދޭތެރެއަކުން އެފަދަ މައްސަލަތައް ފެންމަތިވެއެވެ. އެގޮތުން މާރާމާރީގެ ކުށްތަކަށް ބަލާއިރު، މި އަހަރު ވެސް މާރާމާރީގެ 350 އަށް ވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ