ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީން އެންމެ ނަމެއް؛ ޕްރައިމަރީ ނޯންނާނެ

ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ފަރާތެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ހުޅުވާލުމުން ވާދަކުރުމަށް ނަން ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށް އެ ޕާޓީން މިއަދު ހާމަކޮށްފި އެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރުކަމުގެ ގޮޑި ހުސްވީ އެ ދާއިރާގެ މެންބަރަކަށް ހުންނެވި ހުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމާ ގުޅިގެންނެވެ.
ވީ ކިހިނެއް؟ - އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ޕްރައިމަރީއަށް ނަން ހުށަހެޅުމަށް ހުޅުވާލި މުއްދަތު މިއަދު ހަމަވެފައިވާ އިރު އެ ޕްރައިމަރީއަށް ކުރިމަތިލާފައިވާ ހަމައެކަނި ފަރާތަކީ ށ. ފޯކައިދޫ، ޔުނިވާސް، މުހައްމަދު ރާޝިދު ކަމަށެވެ. 
ރާޝިދު އަކީ:
މިދިޔަ ތިން ދައުރު (10 އަހަރު) ފޯކައިދޫ ކައުންސިލްގެ ރައީސް
މިހާރު ހުންނަވަނީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި
ފޯކައިދޫގެ އެމްޑީޕީގެ އިސް އެކްޓިވިސްޓެއް
އެމްޑީޕީ ކޮމަންޑޫ ދާއިރާގެ ނައިބު ރައީސް
ފުރަތަމަ ޑިގްރީ ތައުލީމީ ދާއިރާއިން ހާސިލްކޮށްފައި
އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެންމެ ފަރާތަކުން ކުރިމަތިލުމުން އެމްޑީޕީގެ ޕްރައިމަރީއެއް ނުބާއްވާ އެ ފަރާތަށް ޕާޓީގެ ޓިކެޓް ދޭނެ އެވެ.
އެނގުން މުހިންމު - ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަނީ ފެބުރުއަރީ 5 ވަނަ ދުވަހު އެވެ. އެ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަ ވާނީ މި މަހުގެ 30 ވަނަ ދުވަހަށެވެ.
އެމްޑީޕީގެ އިތުރުން އެ ބައި-އިލެކްޝަންގައި ވާދަކުރާނެކަން މިހާތަނަށް އިއުލާންކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމް އަދި މިފަހުން އަލަށް އުފެއްދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ. އެ ދެ ޕާޓީން ވެސް ވަނީ އެތެރޭގެ ޕްރައިމަރީއަކަށް ހުޅުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ