ރާއްޖެއާއި ދުރުން އިތުދެކުނު ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތޫފާނަކަށް ބަދަލުވެފައިވާ ކަމަށާއި ނަމަވެސް އެ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާނަށް ދީފައިވާ ނަމަކީ “މޮކާ” އެވެ. އެ ތޫފާން މަޑުމަޑުން ހުޅަނގުއުތުރަށް ޖެހި, މިރޭގެ ވަގުތެއްގައި ބާރުގަދަ ތޫފާނަކަށް ނުވަތަ ސައިކްލޯނަކަށް ބަދަލުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ, އެ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރި ނަމަވެސް އެ ސަރަހައްއދުގައި ހުޅަނގުމޫސުމުގެ ބާރު އިތުރަށް ގަދަވެ, ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 50 މޭލު ބާރުމިނަށް ވައިގަދަވެ, ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުންޏެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ އާންމުކޮށް ހުރިހާ ފަރާތްތަކުން, ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ބޭ އޮފް ބެންގާލްގައި ބާރުގަދަ ތޫފާނެއް! ސީދާ އަސަރު ނުކުރިޔަސް މޫސުން އިތުރަށް ގޯސްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ