ނައިންޓީ ޕްލަސް އިން އިންތިޒާމުކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން އައްޑޫ ސިޓީ ބަލިކޮށް ބ.އޭދަފުށިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
އޭދަފުށި މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-3 ގެ ނަތީޖާއަކުން މާލެ ސިޓީ ބަލިކުރުމަށްފަހު އެވެ. އަދި އައްޑޫ ސިޓީ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން ތ. އަލިފުށި ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ އޭދަފުށިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އައްޑޫގެ ކައުންޓާ އެޓޭކުތަކުގައި އޭދަފުށީގެ ފަހަތައް ބާރުބޮޑުކޮށްފައިވާއިރު، އޭދަފުށިން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައެވެ.
Advertisement
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ހަމްޒާ މުހައްމަދު (ހަމްޕު) ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް އައްޑޫގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އޭދަފުށި ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ވެސް ދެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި އައްޑޫ ސިޓީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވިދިޔައިރު، އޭދަފުށިން މެޗުގެ ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު ސެންޓޭ އެވެ.
މިއީ އައްޑޫގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި ބޯޅައާއެކު ޕެނަލްޓީ އޭރިއާތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އޭދަފުށި ކުރީގައި އޮވެގެންނެވެ.
ވާދަވެރި ކުޅުމަކަށްފަހު އައްޑޫ ބަލިކޮށް އޭދަފުށިން ގޯލްޑްކަޕް ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ