ބޭނުންވަނީ ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންނާ ބައްދަލުކުރައްވައި އަޑުއައްސަވަން: ރައިސް

ވެރިކަން ކުރާ ރަށުގައި ހުންނަވައިގެން މަސައްކަތް ކުރެއްވުމަށްވުރެ ބޭނުންފުޅުވަނީ ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންނާ ބައްދަލުކުރައްވައި އަޑުއައްސަވަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  ރައީސް މި ވާހަކަ ދެއްކެވީ އިއްޔެ (ތާރީޚް) ހުވަދު އަތޮޅަށް ކުރެއްވި 3 ދުވަހުގެ ދަތުރުފުޅުގައި ގއ. ދެއްވަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަކީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށެވެ. "މާ ދުރުގައި މާލޭގައި ހުރެގެން ސިޓީބިޓީ ނިޒާމުގެ ތެރެއިން ބިއުރޯކްރަސީގެ ތެރެއިން އެ ފިލްޓަރވެގެން އަންނަ ގޮތަކަށް އައިސް އަންނަ ކަންކަމަކީއެއް ނޫން އަޅުގަނޑު ހަމައެކަނި ބޭނުންވާ ގޮތަކީ. އޭގެ އިތުރަށް ސީދާ ރައްޔިތުން ގާތަށް އައިސް ކަންކަން އޮޅުންފިލުވައިގެން ކަންކަން ކުރަން ބޭނުންވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ޚިދުމަތް ދޭން ބޭނުންވާތީ. ރައްޔިތުންގެ ވިންދު ސީދާ އެނގެން ބޭނުންވާތީ. އެ ވިންދާ އެއްގޮތަށް އެކަން ކޮށްދިނުމަށް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެވެސް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށާއި ބޭނުންފުޅުވަނީ ރައްޔިތުން އެދޭގޮތަށް މަސައްކަތް ކުރައްވަން ކަމަށެވެ. މިގޮތުން ރައްޔިތުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް ސީދާ އަޑުއައްސަވައި، އެކަންކަމަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުން ފާޅުކުރެއްވި ޚިޔާލުތައް ބަލައިގަންނަ ކަމަށް ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ވީހާވެސް ޕޮޒިޓިވް ގޮތެއްގައި އުންމީދުކުރެއްވުމަށް އެދިވަޑައިގެންފައެވެ. ސަރުކާރުން ބޭނުންފުޅުވަނީ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކޮށްދެއްވުމަށް ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަދުގެ ސަރުކާރަކީ ރައްޔިތުންގެ ފަޅީގައި ސާބިތުކަމާއެކު ރައްޔިތުންގެ ޚިދުމަތުގައި އޮތް ސަރުކާރެއް ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ