ފެނަކަ ކޯޕަރޭޝަނުން ދައްކަން ޖެހޭ ދަރަނީގެ ތެރެއިން 900 މިލިޔަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާ ކަމަށް، ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އެކުންފުނިން މިކަން ހާމަކޮށްފައިވަނީ އެކުންފުނިން ފާއިތުވި އެއް އަހަރު ދުވަހުގެ މަސައްކަތްތަކާއި ގުޅޭގޮތުން އާންމުކުރި ފޮތުގައެވެ.
ފެނަކަ ކޯޕަރޭޝަނުން 2023 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 1.3 ބިލިޔަން ރުފިޔާ ލޯނުގެ ގޮތުގައި ދައްކަން ޖެހެއެވެ. އޭގެ ތެރެއިން މިއަހަރުގެ މިހާތަނަށް 300 މިލިޔަން ރުފިޔާ ދައްކާފައިވާކަމަށް ފެނަކައިން ވިދާޅުވެއެވެ. މިއާއެކު ލޯނުތަކުގެ 23 އިންސައްތަ އެކުންފުނިން ވަނީ ދައްކާ ޚަލާސްކޮށްފައެވެ.
އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ، ފެނަކައިން ހޯދާފައިވާ މުދަލާއި ޚިދުމަތްތަކަށެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 3.4 ބިލިޔަން ރުފިޔާ ދައްކަން ޖެހޭއިރު، އޭގެ ތެރެއިން 600 މިލިޔަން ރުފިޔާ ވަނީ ދައްކާ ޚަލާސްކޮށްފައެވެ. މިއީ މި ދަރަނީގެ 17.6 އިންސައްތައެވެ.
އަދި ދައްކަން ޖެހޭ ލޯނުތަކާއި އަދި ވެންޑަރުންނަށް ދައްކަން ޖެހޭ ފައިސާއާއެކު މުޅި ޖުމްލަ 900 މިލިޔަން ރުފިޔާގެ ދަރަނި ދައްކައި ޚަލާސްކޮށްފައިވާ ކަމަށް ފެނަކައިން ވިދާޅުވިއެވެ. މިއާއެކުވެސް ދަރަނީގެ ބޮޑުބައެއް އަދި ނުދެއްކިވާއިރު، ފެނަކައިން ވިދާޅުވެފައިވަނީ މިއަހަރު ލިބުނު ޖުމްލަ އާމްދަނީ 40 އިންސައްތަ ބޭނުންކޮށްފައިވަނީ ދަރަނިތައް ދެއްކުމަށް ކަމަށެވެ.
ފެނަކައިން ދަރަނިތައް ދެއްކުމާއެކު ކުންފުނީގެ ޚަރަދުތައްވެސް ވަނީ ކުޑަކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި ހިންގުމުގެ ޚަރަދުން 24.7 މިލިޔަން ރުފިޔާގެ ގެއްލުމެއް އެކުންފުންޏަށް ވަނީވެފައެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައިވެސް ހިންގުމުގެ ޚަރަދުން އެކުންފުނިން ވަނީ ފައިދާ ހޯދާފައެވެ.
މިއާއެކު މުޅި ޖުމްލަ މިދިޔަ އަހަރާއި އަޅާބަލާއިރު 160 މިލިޔަން ރުފިޔާ ހިންގުމުގެ ޚަރަދުން ކުޑަކޮށްފައިވާ ކަމަށް ފެނަކައިން ވިދާޅުވެއެވެ.
އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އެންމެ ބޮޑު ދަރަންޏެއް އޮތް ކުންފުންޏަކީ ފެނަކައެވެ. އެކުންފުނީގެ ދަރަނިތައް ބޮޑުވެގެން ދިޔައީ، މާކެޓު އަގަށް ވުރެ ބޮޑުކޮށް އެކުންފުނީގެ މުވައްޒަފުން ބޭނުންކޮށްގެން މަޝްރޫޢުތައް ހިންގުމާއި ނުއަގުގައި ގިނަ ޚަރަދުތައް ކުރުމުގެ ސަބަބުންނެވެ.
ފެނަކައިން 900 މިލިޔަންގެ ދަރަނި ދައްކައިފި، އެންމެ ބޮޑު އަދަދެއް ދެއްކީ ވެންޑަރުންނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ